އިންޑިއާގެ ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ ހަތަރު މީހުން މަރުވެއްޖެ

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގެ ސަރަހައްދުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ

އިސްލާމް އާބާދު (ޖުލައި 17) : ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (ސަރަހައްދީ ރޮނގު) ހުރަސް އިންޑިއާ ސިފައިން ދިން ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ ހަތަރު މީހުން މަރުވެއްޖެކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާން ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލައިން އޮފް ކޮންޓްރޯލް ހުރަސް އިންޑިއާ ސިފައިން ދިން ހަމަލާތަކެއް ޕާކިސްތާން ސިފައިންގެ އެއްގަމު އުޅަނދަކަށް އެރުމާ އެކު އެއުޅަނދު ކައިރީގައިވާ ކޯރަކަށްވެއްޓި އޭގައިވާ ޕާކިސްތާން ސިފައިންގެ ހަތަރު މީހުން ޒަޚަމްވެގެންނާއި ޣަރަގުވެގެން މަރުވެއްޖެ ކަމުގަ އެވެ. މިހަތަރު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާ އިރު އަނެއް ތިން މީހުންގެ ހަށިތައް ފެނެތޯ ކޯރުތެރެ ހޯދަމުން ގެންދާކަމަށް ވެސް ޕާކިސްތާން ސިފައިންގެ ބަޔާން ބުނެ އެވެ.

އިންޑިއާގެ ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ވެސް ހަމަލާތައް ދިންކަމަށް އެބަޔާން ބުނެ އެވެ. އިންޑިއާގެ ސިފައިންގެ ތަރްޖަމާން ކާނަލް ރަޖޭޝް ކާލިޔާ ވިދާޅުވީ ޕާކިސްތާން ސިފައިންގެ ބަޔާނުގައި ބުނާ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށާ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ ސިފައިން ޕާކިސްތާނަށް އެއްވެސް ހަމަލާއެއް ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި އަމާޒުކޮށްފައިނުވާ ކަމުގަ އެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް ޕާކިސްތާނުން ވަނީ އިންޑިއާ ސިފައިންގެ ހަމަލާއެއް ކަޝްމީރުގެ ޕާކިސްތާން ފަޅި ކަމަށްވާ އާޒާދެ ކަޝްމީރުގައި ދުއްވަމުން ދިޔަ ބަހަކަށް އަރައި ބަރަމީހުން މަރުވެފައިވާކަން ހާމަކޮށްފަ އެވެ. އެހަމަލާގެ ޒިންމާ ވެސް އިންޑިއާ އިން އުފުލާފައެއް ނުވެ އެވެ.

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ހަމަލާތައް ބަދަލުކުރުމަކީ އިންޑިއާ އާއި ޕާކިސްތާނުގެ ސިފައިން ވަރަށް ގިނައިން ކުރާކަމެކެވެ. މިހާރު ދެގައުމުން އަމަލުކުރަމުން ގެންދަނީ 2003 ވަނަ އަހަރު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަކަށެވެ. (ރޮއިޓާސް)

comment ކޮމެންޓް