ތުރުކީގައި ނާކާމިޔާބު ބަޣާވާތް: ބަޣާވާތް ކުރި މީހުންނަށް މަރުގެ އަދަބު ދޭނެ ކަމުގެ އިންޒާރު

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން -- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލް (ޖުލައި 16): ތުރުކީގައި މިދިޔަ އަހަރު ނާކާމިޔާބުވި ބަޣާވާތުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދޭނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ތުރުކީގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި 250 މީހަކު މަރުވެ، 2،196 މީހަކަށް އަނިޔާވި އެވެ.

އެހާދިސާއަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް އިސްތަންބޫލުގައި އެތައް ހާސް މީހުން އެއްވެފައިވާ 'ޖުލައި 15 ޝަހީދުންގެ ބްރިޖަށް' ވަޑައިގެން އުރުދުޣާން ވަނީ ބަޣާވާތް ނާކާމިޔާބު ކުރުމުގައި ބައިވެރިވި އާއްމުންނަށް ތައުރީފު ކުރައްވާފަ އެވެ.

ތުރުކީގައި ނާކާމިޔާބުވި ބަޣާވާތަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް އިސްތަންބޫލުގައި އެއްވި މީހުން -- ފޮޓޯ: އޭއެފްޕީ

އަދި ބަޣާވާތުގައި ބައިވެރިވި މީހުންގެ 'ކަރު ބުރި ކުރަން ޖެހޭ ކަމަށާއި' ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން މަރުގެ އަދަބު ދިނުމަށް ފާސްކޮށްފި ނަމަ، އެފަދަ ބިލެއް ތަސްދީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގެ ސަރުކާރުން ދެކޭ ގޮތުގައި އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ފަހަތުގައި ވަނީ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެން އެވެ. ނަމަވެސް އެމެރިކާގައި ދިރިއުޅޭ ގުލެން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެބަޣާވާތާ ގުޅިގެން ތުރުކީން މިހާތަަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 50،000 އަށް އަރާފާއިވާ އިރު ސަރުކާރުގެ 150،000 މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހު އެކަނިވެސް ސަރުކާރުގެ 7،000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެ އެވެ. ތުރުކީގެ އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އެމީހުން އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ގޮތުގައި ސިފަކޮށްފަ އެވެ.

comment ކޮމެންޓް