ސުޕްރީމް ކޯޓުގެ ހުކުމް މުރާޖާކޮށްދިނުމަށް އިދިކޮޅު އިއްތިހާދުގެ ވަކީލުން ގޮވާލައިފި

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖާކޮށްދިނުމަށް އިދިކޮޅު އިއްތިހާދުގެ ގާނޫނީ ވަކީލުން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާ ޚިލާފް ކަމަށެވެ.

އެމާއްދާގައި ވަނީ "ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކި ކުރި ކަމުގައިވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވައްޑެ ވިދާޅުވީ އެ ހުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމައްސަލަ ނިންމިއިރު ތަދައްޚުލްވާން އެދިވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ފުރުސަތު ދެއްވާފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެހުކުމުގައިވާ އުސޫލުތަކަށް އަމަލުކުރަން ޖެހޭނީ މަޖިލިސް މެމްބަރުން ޕާޓީ ބަދަލު ކުރުމާ ގުޅޭ ގާނޫނެއް ހެދެން ދެން ކަމަށެވެ. އަދި އެފަދަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެކަމާ ގުޅިގެން ވައްޑެ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި، މެމްބަރަކު ޕާޓީ ބަދަލު ކުރި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ސާފު އިބާރާތުން ބަޔާންކޮށްފައި އޮތުމުން އެކަމަށް އިތުރު ގާނޫނެއް ހަދަން ނުޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ޕްރެސް ކޮންފަރެންސުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ ނިންމާފައިވަނީވެސް ގާނޫނުގެ މާއްދާތަކާ ޚިލާފަށް ކަމަށެވެ. އަނަސް ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާތައް މާނަ ކުރުމުގައި ގޮތެއް ނިންމާއިރު، ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާ ކަމަށެވެ.

"ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާއިން، އެއީ ދުސްތޫރީ މައްސަލަތައް. ގާނޫނު އަސާސީގެ މާއްދާތަކަށާއި އަދި މާއްދާތައް މާނަ ކުރުމުގައި ބެލެވޭނެ މައްސަލަތަކުގަ އެކުލަވާލަން ޖެހޭ މަޖިލީހަކީ ފަސް ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް މައްސަލަ ބެލެންވާނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ތިން ފަނޑިޔާރުންގެ މަޖިލީހަކުން މައްސަލަ ބަލައި ހުކުމެއް ކުރެވިގެން ދިޔަކަން،" އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ އެމައްސަލައިގައި އެކޯޓުން ކުރި ހުކުމުން ގެންނަން ބޭނުންވި ފަރުވާ ސަރުކާރަށް ހޯދިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް