ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވައިފި

މަޖިލިސް މެމްބަރުންތަކެއް

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް އިއްވައިފި އެވެ.

އެ މައްސަލަ އެ ގޮތަށް ނިންމާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ހުކުމުގައި ވާގޮތުން މިއަދުން ފެށިގެން، ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ އުސޫލުތަކަށް އަމަލުކުރަންޖެހޭނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ އެންޓި ޑިފެކްޝަން ނަކަމަށް ކިޔާ ގާނޫނެއް މަޖިލީހުން ފާސްކޮށް އަމަލުކުރަންދެން ކަމަށް އެ ހުކުމްގައިވެ އެވެ. އަދި އެފަދަ ގާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

މިފަދަ ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމަށްފަހު އެވެ.

އެޓާނީ ޖެނެރަލް އެދިވަޑައިގަތީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްގެން އެފަދަ ހުކުމެއް އިއްވައިދިނުމަށެވެ.

ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އެޓާނީ ޖެނެރަލްގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ހޯދައިދިނުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި މުޖުތަމައިގެ ހައްގުގައި ސުޕްރީމް ކޯޓުން ކޮށްދޭންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޕާޓީ ބަދަލު ކުރުމަކީ ޑިމޮކްރަސީއާ ދޭތޭރޭ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި، އެކަންކަން ހައްލު ކުރުމަށް ބައެއް ގައުމުތަކުގައި ގާނޫނު ހަދާފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައިވާ ކަމަށާއި، އެގައުމުގެ ސުޕްރީމް ކޯޓުން ވެސް އެއީ ސައްހަ ގާނޫނެއް ކަމަށް ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އެފަދަ ގާނޫނެއް އޮންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެފަދަ ގާނޫނެއް ހަދާފައިނުވަނީ އެ ގައުމުތަކުގައި ޕާޓީ ބަދަލުކުރުން ފަދަ ކަންކަމަކީ ނާދިރު ކަމެއް ކަމުގައިވެފައި އަދި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރަކު އަމިއްލައަށް އިސްތިއުފާދީ ބައި އިލެކްޝަނުގައި ވާދަކުރާތީ ކަމަށެވެ.

އެ މައްސަލާގައި ފާހަގަ ކުރެވުނު ނުކުތާތައް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކި ޕާޓީއަކުން އިންތިހާބުގައި ވާދަކުރުމުން އެ ކެނޑިޑޭޓަކަށް ވޯޓު ދެނީ، އެ ސިޔާސީ ފިކުރަށް ކަމަށާއި އެހެންކަމުން ޕާޓީއަކުން ހޮވޭ މެމްބަރެއް ޕާޓީ ބަދަލުކުރުމަކީ، ވޯޓުދިން ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މާލީ ނުފޫޒުގައި މަޖިލިސް މެމްބަރުންޖެހި އަމިއްލަ މަސްލަހަތު އިސްކުރެވޭނެ ކަމެއް ކަމަށް ވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް