ޓީޓީއެމް ކެރިއާ ފެއާއަށް 2000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި!

ޓީޓީއެމް ކެރިއާ ފެއާގެ ތެރެއިން --- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ތެރެއިން ކުރިއަށް ގެންދިޔަ "ކެރިއާ ފެއާ" އަށް ވަޒީފާއަށް އެދޭ 2000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.

އެ ފެއާ އިންތިޒާމުކުރި ކުންފުނިކަމުގައިވާ މޯލްޑިވްސް ގެޓަވޭސްއިން އިއްޔެ އިއުލާން ކުރި ގޮތުގައި، އެ ފެއާގައި ބައިވެރިވި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހޯދުމަށް ފެއާ އަށް 2000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި ބޭއްވި ދެވަނަ ޓްރެވަލް ފެއާ، ޓީޓީއެމްގެ ކެރިއާ ފެއާގައި މިއަހަރު 75 އަށްވުރެ ގިނަ ރިސޯޓުތަކުން ބައިވެރިވިއެވެ. ކެރިއާ ފެއާގައި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް 45 ބޫތު ބެހެއްޓި އިރު ފެއާ ކުރިއަށްދިޔަ ތިން ގަޑިއެއްހާއިރު ތެރޭ 2000 މީހުން އެ ފެއާ އަށް ޒިޔާރަތް ކުރުމަކީ ކުރިއެރުމެއް ކަމަށް ގެޓަވޭސް އިން ބުންޏެވެ.

މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރ އިބްރާހިމް އަރީފް ވިދާޅުވި ގޮތުގައި އެ ފެއާއަށް ޒިޔާރަތް ކުރި މީހުންގެ ތެރެއިން ގިނައީ ޒުވާނުންނާއި ދަރިވަރުންނެވެ. އެ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ ފެއާގެ ތެރެއިން އިންޓާންޝިޕް ފުރުސަތުވެސް ފަހިވެގެން ގޮސްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓީޓީއެމް ނިންމާލި އިރު، ދެ ދުވަހުގެ އެ ފެއާގައި އެއް ބިލިއަން ޑޮލަރުގެ އަގު ހުރި ވިޔަފާރީގެ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

ޓީޓީއެމް ނިންމާލީ އަދާރަން ހުދުރަންފުށީގައި ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަންގެ އެވޯޑު ހަފްލާއާ އެކު އެވެ.

comment ކޮމެންޓް