ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އަދިވެސް އެބައޮތް: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ --- ސަން ފޮޓޯ: އަލީ ނަސީރު

ސަރުކާރާ އެކު މަޝްވަރާކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އަދިވެސް އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިއަދު "ސަން" އަށް ވިދާޅުވީ މަޝްވަރާގެ ފުރުސަތު އެއްއިރެއްގައި ވެސް ސަރުކާރުން ބަންދުނުކުރާ ކަމަށާއި ގައުމުގައި ހުރި މައްސަލަތަކާއެކު މަޝްވަރާގެ މޭޒަށް އަންނަންވީ ކަމަށެވެ.

"މަޝްވަރާގެ ފުރުސަތު އަޅުގަނޑުމެން އެއްއިރެއްގައި ވެސް ބަންދެއް ނުކުރަން. މަޝްވަރާގެ މޭޒުމަށްޗަށް އަންނަންވާނީ ގައުމުގައި ހުރި މައްސަލަތަކާ އެކު. އަމިއްލަ މަސްލަހަތާ އެކީގައެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

މީގެކުރިން އިދިކޮޅު ފަރާތްތަކާއެކު ބާއްވަން އުޅުނު މަޝްވަރާތައް ކުރިއަށްގެންދެވޭގޮތެއް ނުވީ އެންމެ ސަބަބަކާ ހެދި ކަމަށާއި މަޝްވަރާގެ މޭޒުކައިރިއަށް އަންނަން އިދިކޮޅު ފަރާތްތަކަށް ނުކެރުނީ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ހަގީގަތަކީ ސަރުކާރާއެކު މަޝްވަރާގެ މޭޒަށް އައިސް އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް ނެތުން ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

"އެބޭފުޅުން ދައްކާނެ ވާހަކައެއް ނެތް. މިހާރުވެސް ސަރުކާރުން ކުރާ ގޯސް ކަމެއްގެ ގޮތުގައި އެބޭފުޅުންނަށް ދެއްކެން އޮތީ ކޮން ކަމެއްތޯ،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށާއި އިދިކޮޅު ފަރާތްތަކުން ކޮންމެ މަސައްކަތެއް ކުރިޔަސް ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ގޯސްކަންތައްތައް ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކަށް ދެއްކެނީ އެންމެ ކަމެއް ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ކަމަށެވެ. އަދި ހުއްޓުމެއް ނެތި އެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، އެ ޚިޔާނާތުގައި ސަރުކާރުގެ ތެރެއިން ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ސަރުކާރާ ދެކޮޅަށް އުރައްޕެއް ހުރި އެއްވެސް ވާހަކައެއް ހުއްޖަތެއް ދެއްކޭކަށް ނެތް،" ޝައިނީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވަން އުޅުނު މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އދ. އިން ކަނޑައެޅި އެ ޖަމްއިއްޔާގެ ޕޮލިޓިކަލް އެފެއާސްގެ ސީނިއާ އެޑްވައިޒަރު ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގަތެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށްގެންދެވޭނެ ގޮތެއް ނުވުމުން އެންމެފަހުން އޭނާ ވަނީ ފުރާވަޑައިގެންފައެވެ.

comment ކޮމެންޓް