ބޮނޫޗީއާއެކު އެއްބަސްވުމަކާ ހަމައަށް އޭދެވިފައިވާކަން މިލާނުން އިއުލާންކޮށްފި

ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަން އޭސީ މިލާނުން އިއުލާންކޮށްފިއެވެ.

ޔުވެންޓަސްގައި ހަތް އަހަރު ދުވަހު ހޭދަކުރި ބޮނޫޗީ، 42 މިލިއަން ޔޫރޯއަށް މިލާނަށް ބަދަލުވާން އެއްބަސްވެފައިވާއިރު، މިލާނާއެކު އޭނާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބޮނޫޗީ ހޯދުމަށް މިލާނުން ފުރަތަމަ 30 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް، ޔުވެންޓަސްއިން 40 މިލިއަން ޔޫރޯއަށްވުރެ ކުޑަ އަގަކަށް އޭނާ ވިއްކަން އެއްބަސްވެފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ޔުވެންޓަސްއަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީ، މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުގައި ބޮނޫޗީގެ ހިއްސާ ބޮޑެވެ. މިދިޔަ ސީޒަނުގައި ބޮނޫޗީ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަދި މެންޗެސްޓާ ސިޓީން މަސައްކަތްކުރި ނަމަވެސް، އޭނާ އޭރު ނިންމީ ޔުވެންޓަސްގައި މަޑުކުރުމަށެވެ.

ނިމިގެންދިޔަ ސީޒަނުގެ ތެރޭގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީއާއި ބޮނޫޗީއާ ދެމެދު ބޮޑު މައްސަލައެއް ޖެހިގެން އޭނާއާ މެދު ފިޔަވަޅު ވެސް އަޅާފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު ޖެހުނު މައްސަލައަކާ ގުޅިގެން ޗެމްޕިއަންސް ލީގުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗަކަށް އަލެގްރީ ނެގި ސްކޮޑުގައި ބޮނޫޗީ ހިމަނާފައެއް ވެސް ނުވެއެވެ.

ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އިންޓަ މިލާނުގެ ސީނިއާ ޓީމަށް މަދު މެޗުތަކެއް ކުޅުމަށްފަހު ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރިން ބޮނޫޗީ ވަނީ ބާރީއަށް ކުޅެފައެވެ. އޭނާ ވަނީ ސެރީއާގައި 300އަށްވުރެ ގިނަ މެޗު ކުޅެ، ޔުވެންޓަސްއާއެކު ހަ ލީގު ތަށި ކާމިޔާބުކޮށް، ތިން ކޮޕާ އިޓާލިއާ އަދި ތިން ފަހަރު ސުޕާކޮޕާ އިޓާލިއާނާ ކާމިޔާބުކޮށްފައެވެ.

ކުރިއަށްއޮތް ސީޒަނަށް މިލާން ވަރުގަދަ ކުރުމަށް މިހާތަނަށް އެ ކްލަބުން ވަނީ 100 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކޮށްފައެވެ. އެ ކްލަބުން ވަނީ އަންދްރޭ ސިލްވާއާއި، ރިކާޑޯ ރޮޑްރިގޭޒް އަދި ފްރޭންކް ކެސީގެ ސޮއި ހޯދައިފައެވެ.

comment ކޮމެންޓް