ކަނބަލުންނަށް މަގު އޮޅުވާލި އިސްތިއުމާލު

ޝީޝާ: އެއީ ވަރަށް ނުރައްކާ އިސްތިއުމާލެއް- ނަމަވެސް ރާއްޖޭގައި ވަރަށް އާންމު--

އެޒުވާން އަންހެން ކުދިންތަކަކީ ސްކޫލު ދައުރުގެ އެކުވެރިންނެވެ. މިއަދު ވަޒީފާތަކުގަ އެވެ. ނަމަވެސް އެކުވެރިކަމަކަށް ބަދަލެއް ނާދެ އެވެ. ދޭތެރެ ދޭތެރެއިން އެންމެން ބައްދަލުވެ އެވެ. ކޮފީ މޭޒްތަކުންނެވެ. އެބައްދަލުވުންތަކުގެ ތެރެއިން ގޯހެއް ހަދަން މިހާރު ވަނީ ފަށައިފަ އެވެ. އެބަދަހި އެކުވެރިކަމުގެ ތެރެއަށް ސިއްހަތާ ބީރައްޓެހި އިސްތިއުމާލަކަށް ފުރުސަތު ދިނީ އެވެ.

ސަކަރާތް ޖެހުމަށް ނުވަތަ "ކޫލް" ވުމަށް ކުރާ ކަމެއްގެ ގޮތުގައި ޝީޝާ ބޯންފެށީ އެވެ. މީގެ ކުރިން ދުންފަތުގެ އިސްތިއުމާލް ނުކުރާ އެކުދިން މިއަދު ވެފައިއެވަނީ ޝީޝާގެ އަޅުންނަށެވެ. އެޖިންސުއްލަތީފުންގެ ހަށިތަކަށް އެތައް ގެއްލުމެއް އަމިއްލަ އަތުން އެދަނީ ދެމުންނެވެ.

"ސިނގިރޭޓް ނުބޯ ކުދިން ވެސް ޝީޝާ ބޮއޭ، އަހަރެންގެ ފުރެންޑްސް ހަމަ މަޖަލަކަށް ބޮނީ،" ދުންފަތުގެ އިސްތިއުމާލް ކުރަން ފެށުނުގޮތް ކިޔައިދެމުން އަންހެން ކުއްޖަކު ބުންޏެވެ.

ޓާގެޓަކީ އަންހެނުން، ނުގަވައިދުއެތައް ކަމެއް

ޒަމާންތަކެއްކުރިން ފިރިހެނުންނެކޭ އެއްގޮތަށް ދިވެހި ގިނަ އަންހެނުންނަކީ ސިނގިރޭޓް ބުއިމުގެ އިތުރުން ތަފާތު ދުންފަތުގެ އިސްތިއުމާލް ކުރަމުން ދިޔަ ބައެއް ނަމަވެސް ފަހުން އައި ސިއްހީ ހޭލުންތެރިކަމާ އެކު އެކަންކަން ދިޔައީ ރަނގަޅުވަމުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން 2011 ވަނަ އަހަރު 3.4 ޕަސެންޓުގައި އުޅޭއިރު އެއީ 2004 ވަނަ އަހަރާ އަޅާބަލާ އިރު 6.5 ޕަސެންޓް ދަށްވުމެކެވެ. އެހެންކަމުން އަންނުން އެވަބާގައި ޖެހުން ދިޔައީ ހައްލު ކުރެވެމުންނެވެ.

ނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. ޝީޝާ ތައާރަފް ކުރުމާ އެކު އެމަޅީގައި ޖެހުނު އަންހެންކުދިންގެ އަދަދު ވަރަށް ވެސް އިތުރެވެ. ދުންފަތް ކޮންޓުރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޝީޝާ ފަދަ ދުންފަތުގެ ތަފާތު ވައްތަރުތައް ތައާރަފް ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށް އަންހެނުން އެވަބާގެ ތެރެއަށް ވެއްދުން ހިމެނެ އެވެ.

"އެއިންޑަސްޓްރީ އިން ޓާގެޓްކޮށްގެން ޕުރޮމޯޓްކުރަނީ، ސިނގިރޭޓު ބުއިން ހަޑިކަމަކަށްވާތީ މިބުނަނީ ޝީޝާއޭ އަދި އޭގެ ގެއްލުން ކުޑައޭ، ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް،" ދުންފަތް ކޮންޓުރޯލް ކުރުމަށް މަސައްކަތް ކުރާ ދައުލަތުގެ އިސް އިދާރާއެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޝީޝާ ޕުރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާ އާއި ރެސްޓޯރެންޓްތަކުގައި ތަފާތު އިސްތިހާރުތައް ދަނީ ކުރަމުންނެވެ. އަދި އެއީ ފައިދާ ބޮޑު ވިޔަފާރިއަކަށްވުމުން ހައްދެއްނެތި ދަނީ ވިއްކަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ޝީޝާ ބޯ ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުމުގެ ގާނޫނާ ހިލާފް ގިނަ ކަންތައްތަކެއްކުރާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ނޫންތަންތަނުގައި ޝީޝާ ބުއިމާއި މެނޫ އަދި ޕޯސްޓަރު ފަދަ ތަކެތީގައި ޝީޝާ އިސްތިހާރުކޮށްގެން ވިއްކާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެނުންތަކެއް ޝީޝާ ބޮނީ--

ޝީޝާގެ ނުރައްކާ މާބޮޑު

މާލޭގެ ކެފޭ، ރެސްޓޯރެންޓްތަކުގައި 100 ރުފިޔާއިން ފެށިގެން ގޮސް 250 ރުފިޔާއާ ހަމައަށް ވިއްކަމުންދާ ޝީޝާ އާ ގުޅޭ ގޮތުން ސިއްހީ މާހިރުންގެ ދިރާސާތަކާއި ޝީޝާ ބޭނުންކުރި ފަރާތްތަކުގެ ތަޖުރިބާއަށް ބަލާއިރު އެއީ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ އެންމެ ނުރައްކާ އެއްވައްތަރެވެ.

"ޝީޝާ ދަމާލާފައި ނެރޭ އިރު ފެންނާނެ ދެއްތޯ ވަރަށް ބައިވަރު ފުދޭވަރަކަށް ގިނަ ދުން، އެދުން މިދަނީ ހަށިގަނޑުގެ ތެރެއަށް، އެއީ ވަރަށް ނުރައްކާ އެއްޗެއް،" އެތެރެހަށީގެ ޑޮކްޓަރު ޑރ. އުސާމާ އުމަރު ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ރިސާޗަރުންގެ އެކިއެކި ޓެސްޓްތަކަށް ފަހު ހާމަވެގެން ގޮސްފައިވާ ގޮތުގައި ޝީޝާ ބުއިމަށް ފަހު ހަށިގަނޑުގައި ހުރި ނިކޮޓިންގެ މިންވަރު ވަނީ 73 ގުނައަށް އިތުރުވެފަ އެވެ. އަދި ކޮޓިނިންގެ މިންވަރުވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ. މީގެ އިތުރުން ކެންސަރު ޖެހުމަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލްތަކުގެ މިންވަރު ހަށިގަނޑުގައި ދެގުނައަށް އިތުރުވެފައިވެ އެވެ.

ޝީޝާ ބުއިމުގެ ސަބަބުން ޖެހޭ ބަލިތަކަކީ ސިނގިރޭޓުބޯ މީހުންނަށް ވެސް ޖެހޭ ބަލިތައް ކަމަށާއި ނަމަވެސް ޝީޝާ ބުއިމުން ގައިގެ ތެރެއަށް ފޯރާ ދުން ސިނގިރޭޓާ އަޅާ ބަލާއިރު އެތައް ގުނައެއް "ބޯ ވުމުގެ" ސަބަބުން ހަށިގަނޑުގެ ލޭދައުރުކުރާ ހޮޅިތައް ބެދުމުގެ ފުރުޞަތު އަވަސް ކަމުގައި އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އަދި ވާލްޑް ހެލްތު އޮގަނައިޒޭޝަނުން (ޑަބްލިއުއެޗްއޯ) 2005ގައި ނެރުނު ރިޕޯޓެއްގައި ވެސް ހާމަކޮށްފައިވެ އެވެ.

ޒުވާނުންތަކެއް ޝީޝާ ބޮނީ--

އަންހެނުންނަށް މާ ނުރައްކާ

ޑރ. އައިޝަތު އަރޫނާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކަން ކުރާ ފިރިހެނުންނަށް ވުރެ މާ ބޮޑު ގެއްލުންތަކެއް ކުރިމަތިވެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކި ބާވަތްތަކުގެ ކެންސަރާއި ދަރިމައިވުމުގެ މައްސަލަތައް ޖެހުން "ވަރަށް، ވަރަށް، ވަރަށް ގާތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެނުންގެ ދިފާއީ ބާރު ވަރަށް ދަށްކޮލާ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން. ހާއްސަ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ ނުވަތަ ދުންފަތުގެ ދުމުގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައިވާ ނަމަ އެ އަންހެނަކު ބައިގެން ދިއުމަކީ ވަރަށް ގާތްކަމެއް. އަދި އެ އަންހެނަކު ބަލިވެއިނުމަށް ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ. އަދި އެފަދަ މީހުންގެ ރިޕްރަޑެކްޓިވް ސިސްޓަމް ކުޑަވާނެ. ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ދަރިން ނުލިބުން ވެސް އެކަށީގެންވޭ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ހުރިހާ އުމުރެއްގައި ވެސް އޭގެ ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން އެ އަންހެނެއްގެ ހަންގަނޑު އަނދައި ހަމުގެ އޮމާންކަން ގެއްލުމާއި ރަހިމުގެ ކެންސަރު ފަދަ ބަލިތައް ޖެހުން ވަރަށް ގާތް ކަމަށް އަރޫނާ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އެތައް އަންހެނަކު އެފަދަ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުން ކުދިންގެ ގުދުރަތީ ރީތިކަން ގެއްލޭނެ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ. އަދި ދުންފަތުގައި ހުންނަ ކެމިކަލްއެއްގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭ ދަރިން ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ވަރަށް ގާތް ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

އަންހެން ކަނބަލުންނަކީ ޖީލެއް ބިނާ ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ފަރާތްތަކެވެ. އެހެން ކަމަށް ވުމާ އެކު އަންހެނުންގެ ކިބައިން އެފަދަ ނޭދެވޭ އަމަލެއް ފެނުމަކީ އޭގެ އަސަރު ޖީލްތަކަކަށް ދެމިގެންދާނެ ކަމެކެވެ. އަދި އެއީ އަންހެނުންނަށް އެހެން މީހުން ކުރާ އިހުތިރާމް ގެއްލިދާނެ ކަމެކެވެ.

"މިސާލަކަށް ބަނޑުބޮޑުވީމާ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެދާނެ، ބަނޑުބޮޑުވުމުން ނޭވާލާން ދަތިވެދާނެ. ފަހަރެއްގައި ޗާންސެއް އިނދެދާނެ ސިޒޭރިއަންއަކަށްދާން، އެއީ އެހާ ބުންވަރު ނުހުންނާތީ ޕުޝްކުރަން ވެސް،" ޑރ. އުސާމާ ވިދާޅުވި އެވެ.

އަވަހަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ

އަންހެނުންގެ އިތުރުން އެތައް ޒުވާން ފިރިހެން ކުދިންނެއް ވެސް އެމަޅީގައި ޖެހިފައިވާއިރު މިއީ އެ ފަރާތްތަކަށް ވެސް ނުހަނު ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. ޒުވާން އުމުރުގައި ކެންސަރާއި އެފަދަ ނުރައްކާތެރި އެތައް ބައްޔަކަށް މީހާ މަގުފަހިކޮށްދޭ ވަސީލަތެކެވެ.

ތައިލެންޑުގެ ފަދަ ގައުމުތަކުގައި ޝީޝާ އަކީ މަނާކޮށްފައިވާ އެއްޗަކަށްވާ އިރު ރާއްޖޭގައި ވެސް އަވަހަށް އެފިޔަވަޅު އެޅުން ބުއްދިވެރި އެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެންޓާ ހަސަން ވިދާޅުވީ އެކަމެއް މުޖުތަމައުގެ ތެރެއަށް ފެތުރުމުން އެކަން ހުއްޓަން އުނަދަގޫވާނެ ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް ވެސް ޝީޝާ ހުއްޓުވުން ވަރަށް މުހިންމު ކަމަށެވެ.

އެފަދަ ބައެއް ތަންތަން ފާހަގަވެފައި ވުމުން އެތަންތަނާއި މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އަދި ކުރިއަށްއޮތްތަނުގައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ކޮންމެ އަކަސް ވިޔަފާރިއަކަށް ޓަކައި ކުރަމުން މިދާ ވިޔަފާރީގެ ސަބަބުން އެތައް ޒުވާނުންނެއް އެވަނީ އެމަޅީގައި ޖައްސާފަ އެވެ. އޭގެ ނުރައްކާ ވަރަށް ވެސް ބޮޑެވެ. ޖީލެއްނެތި ނުދަނީސް މިކަމަށް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.

comment ކޮމެންޓް