މިސްކިތްމަގު ޓީމުން ޗެމްޕިއަން ފުލުހުން ވެސް ބަލިކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ފުލުހުންނާއި މިސްކިތްމަގު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިސްކިތްމަގު މޮޅުވީ 3-1 ސެޓުން --- ފޮޓޯ/ ވީއޭއެމް

މިހާރު ކުރިއަށްދާ 26 ވަނަ އަންހެނުންގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިސްކިތްމަގު އެންމެންގެ ގުޅުމުން އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ވެސް ބަލިކޮށްފިއެވެ.

މުބާރާތުގައި މިސްކިތްމަގު ކުޅުނު ފުރަތަމަ މެޗުގައި ފޭދޫ ޔޫތު ކޮމިއުނިޓީ އަތުން މޮޅުވިއިރު، ފުލުހުންގެ ފުރަތަމަ މެޗުގައި ދަ ފޭދޫ ސްޕޯޓްސް އަތުން ވަނީ މޮޅުވެފައެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުލުހުން އަތުން މިސްކިތްމަގު ޓީމު މޮޅުވީ 3-1 ސެޓުންނެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު 19-25 އިން ފުލުހުން ގެންދިޔަ ނަމަވެސް، މިސްކިތްމަގުން ވަނީ ފަހު ތިން ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މިސްކިތްމަގުން އެ ސެޓުތައް ގެންދިޔައީ 25-13، 25-22 އަދި 25-19 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިސްކިތްމަގު ޓީމުގެ އައިމިނަތު އަރީޝާއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ފުލުހުންނާއި މިސްކިތްމަގު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިސްކިތްމަގު މޮޅުވީ 3-1 ސެޓުން --- ފޮޓޯ/ ވީއޭއެމް

އެ މުބާރާތުގައި ރޭ ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅެ، 3-2 ސެޓުން ފޭދޫ ޔޫތު ކޮމިއުނިޓީ ވަނީ މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް ފޭދޫ ޔޫތު ކޮމިއުނިޓީން ގެންދިޔައީ 25-20، 25-15، 22-25، 20-25 އަދި 15-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފޭދޫ ޔޫތު ކޮމިއުނިޓީގެ ސޮފާ ނާޒްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ދަ ފޭދޫ ސްޕޯޓްސްއާ ވާދަކޮށް، ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ފްރެންޑްސް ކްލަބު ފުނާޑު ވަނީ މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް ފުނާޑު ޓީމުން ގެންދިޔައީ 25-17، 27-25 އަދި 25-19 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުނާޑު ޓީމުގެ އައިޝަތު ޝައްފައެވެ.

މި މަހުގެ 12އިން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޭދޫ ޔޫތު ކޮމިއުނިޓީއާއި ދަ ފޭދޫ ސްޕޯޓްސްއެވެ. މިރޭ 8:00ގައި ކުޅޭ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމާއި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރާއިރު، މިރޭ 9:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކްލަބު ފުނާޑާއި ޕޮލިސް ކްލަބެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. ސެމީގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ދެވަނަ މެޗުން ބަލިވި ޓީމު ކުޅޭ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް