އަވަ އެފްޓީއާއި ޓީރެކްސް ސެމީއަށް

އެފްއޭއެމް ވިމެންސް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ދޭއްގެ އެއްވަނަ ހޯދައި، ސެމީން ޖާގައެއް ހޯދި އަވަ އެފްޓީ: އެ ޓީމު ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދާފައި --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމުން ކުރިއަށްގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އެފްޓީއާއި ޓީރެކްސް ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗުތަކަށްފަހު އަވަ އެފްޓީން ނުވަ ޕޮއިންޓާއެކު ގްރޫޕް ދޭއްގެ އެއްވަނަ ހޯދިއިރު، ހަ ޕޮއިންޓާއެކު ގްރޫޕް ދޭއްގެ ދެވަނަ ހޯދީ ޓީރެކްސްއިންނެވެ. ތިން ޕޮއިންޓާއެކު ތިންވަނާގައި ޒެނިތު އޮތްއިރު، ގްރޫޕުގެ ފުލުގައި އޮތް އީކުއެޓޯރިއަލަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ދޭއްގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ޓީރެކްސްގެ މައްޗަށް އަވަ އެފްޓީން ކުރި ހޯދީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. އަވަ އެފްޓީއަށް ފާތިމަތު އަލްމާ އަލީއާއި ފަދުވާ ޒާހިދު، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ޓީރެކްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަރޫޝާ އަހްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަވަ އެފްޓީގެ ފަދުވާއެވެ.

ގްރޫޕް ދޭއްގައި ރޭ އީކުއެޓޯރިއަލްގެ މައްޗަށް ޒެނިތުން ކުރި ހޯދީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. ޒެނިތުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އައިޝަތު އަބްދުލް ރައްޒާގު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ސަމާއެވެ. އީކުއެޓޯރިއަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް އަހްމަދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒަނިތަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސަމާއެވެ.

ސެމީގައި އަވަ އެފްޓީއާއި ޓީރެކްސްއާއެކު ވާދަކުރާ އަނެއް ދެ ޓީމު އެނގިގެންދާނީ މިރޭ އަދި މާދަމާ ރޭ ކުޅޭ ގްރޫޕް އެކެއްގެ ފަހު މެޗުތަކަށްފަހުއެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި، ޕޮލިސް ކްލަބާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އެސްސީ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމްކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިޔަކަށް ކުޅެވޭއިރު، ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައިވާއިރު، ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ވެސް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް