ސުޕްރީމް ކޯޓުގެ ހުކުމާއެކު އިދިކޮޅު ފަރާތްތަކުގެ ޕްލޭން ފެއިލްވެއްޖެ: ފާލާހު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

އިންތިޚާބުވި ޕާޓީ ބަދަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އިދިކޮޅު ފަރާތްތަކުގެ ޕްލޭން ފެއިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިރޭ "ސަން" އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިދިކޮޅު ފަރާތްތަކުގެ ޕްލޭން ވަނީ މުޅިން ފެއިލްވެފައި ކަމަށާއި މިހާރު އެއްވެސް ހިއްވަރެއް އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނެތް ކަމަށެވެ.

"ހަމަ މުޅިން ފެއިލްވެއްޖެ އިނގޭތޯ. ބައްލަވާ ރޭގަ އަޅުގަނޑުވެސް އެއް ޖަލްސާ ބެލިން. ކުޅުދުއްފުށީގަ ބޭއްވި ޖަލްސާ. އަޅުގަނޑު ޓީވީ ބަލާލިއިރު، އެބޭފުޅުންގެ ގައިގައި ނެތް އެއްވެސް ހިއްވަރެއް. އެއްވެސް ހިއްވަރެއް ނެތް،" ފަލާހު ވިދާޅުވިއެވެ.

ފެށުނީއްސުރެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ފާލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕްލޭންކޮށްފައި އޮތީ މަސީހު މަގާމުން ދުރުކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ރައީސް ޔާމީނާއި ޕީޕީއެމް އޮތީ ހޭލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކާމިޔާބު ލިބުނީ ހަމައެކަނި ޕީޕީއެމަށް ނޫން ކަމަށާއި އެ ހުކުމުގެ ސަބަބުން މުޅި ގައުމަށް ކާމިޔާބު ލިބިއްޖެ ކަމަށެވެ. ހަމައެހެންމެ އެއީ މަޖިލީހުގެ ކަރާމާތާއި ރައްކާތެރިކަމަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

comment ކޮމެންޓް