ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް އޭ'ގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ޔޫތު މިނިސްޓްރީގެ ޓީމު ކުރި ހޯދައިފިއެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި ރޭ ފެށި އެ މުބާރާތުގެ ދެވަނަ މެޗުގައި ސިފައިންގެ މައްޗަށް ޔޫތު މިނިސްޓްރީގެ ޓީމު ކުރި ހޯދާފައިވަނީ 12-3 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމުން ކާމިޔާބުކުރި 12 ލަނޑުގެ ތެރެއިން ހުސައިން އަމީން ނަސީރު ހަތް ލަނޑު ކާމިޔާބުކޮށްދިންއިރު، ހަސަން ނިޝާއު އަލީ ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި މުހައްމަދު އަމަޖަދު ވެސް ޔޫތު މިނިސްޓްރީގެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވެއެވެ.
މެޗުގައި ސިފައިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިރުޝާދާއި، މުހައްމަދު އަރީޝް އަދި މުހައްމަދު އަލީއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު މިނިސްޓްރީގެ ޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދިން އަމީނެވެ.
އެ މެޗުގެ ކުރިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗަކީ ވެސް 'ގްރޫޕް އޭ'ގެ މެޗެކެވެ. އެ މެޗުގައި ފުލުހުންގެ މައްޗަށް ޓީމް އެމްޓީސީސީން ކުރި ހޯދާފައިވަނީ 7-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ވިލި މުއައްސަސާ ކަޕްގައި މިރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ އެ ދެ މެޗަކީ ވެސް 'ގްރޫޕް ބީ'ގެ ދެ މެޗެވެ. މިރޭ 8:15ގައި ކުޅޭ މެޗުގައި ސްޓެލްކޯއާއި މުހިއްދީން ސްކޫލް ބައްދަލުކުރާއިރު، މިރޭ 9:15ގައި ބައްދަލުކުރާ މެޗުގައި ކުޅޭނީ ޓީމް ހައުސިންއާއި މޯލްޑިވް ގޭސްއެވެ.
އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.
އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.