ޖެމައިކާއަށް އުފަން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދެއްވާ ހާއްސަ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ރާއްޖޭގެ ދީނީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް ޑރ. ބިލާލް ރާއްޖެ ވަޑައިގަތްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއީ ޑރ. ބިލާލް ރާއްޖެ ވަޑައިގެންނެވި ފަސް ވަނަ ފަހަރެވެ.
އިސްލާމީ މަރުކަޒުގެ ބޭރު ގޯތި ތެރޭގައި މިރޭ 8:45 ގައި ދަރުސް ދެއްވާނީ "ޓުރޫލީ ސަކްސެސްފުލް ޕީޕަލް" ނުވަތަ ހަގީގީ ކާމިޔާބު މީހުންގެ މައުޟޫ އަށެވެ. ދަރުސް އޮންނާނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
އޭގެ އިތުރުން ޑރ. ބިލާލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ދަރުސް ދެއްވުމުގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ޏ. ފުވައްމުލަކުގައި ދަރުހެއް ދެއްވާނެ އެވެ.
"އުފާވެރިކަމުގެ ހަބަރެއް" މި މައުޟޫގެ މައްޗަށް މާދަމާ ދެއްވާ ހުތުބާގެ ދިވެހި ހުލާސާއެއް، ހުކުރަށް ވަޑައިގަންނަވާ މީހުންނަށް ލިބިގެންދާނެ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.
މިއީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އިނގިރޭސި ބަހުން އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް އެވެ.
ޕީސް ފައުންޑޭޝަނުން ބުނީ، މިއީ "ދަ ލެގަސީ"ގެ ނަމުގައި އެ ޖަމިއްޔާ އިން ފެށި ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ރާއްޖެ ގެނެސް ދީނީ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
އޭގެ ތެރޭގައި ސްކޫލް ދަރިވަރުންނަށާއި ޒުވާނުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިމެނޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.