އިނގިރޭސިވިލާތުގައި އިހުމާލުން އެތައްް ހާސް ބައެއްގެ ގަޔަށް އެޗްއައިވީ އެކުލެވޭ ލޭ އެޅި މައްސަލަ ތަހްގީގް ކުރަނީ

ލަންޑަން (ޖުލައި 12) : އިނގިރޭސިވިލާތުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އިހުމާލުން އެތައް ހާސް ބައެއްގެ ގަޔަށް އެޗްއައިވީ ވައިރަސް އާއި ހެޕަޓައިޓިސް ސީ ވައިރަސް އިން އިންފެކްޓް ވެފައިވާ ލޭ އެޅި ކަމަށް ބެލެވޭ މައްސަލައިގެ ތަހްގީގް ވަރަށް ފުޅާދާއިރާއެއްގައި ހިންގާނެ ކަމަށް ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުން ބުނެފި އެވެ.

ތެރީސާގެ އޮފީހުން ބުނީ މިއީ ވަރަށް ބޮޑު އަދި ސީރިޔަސް މައްސަލައެއް ކަމަށާ އިންފެކްޓް ވެފައިވާ ލޭ އެތައް ހާސް ބައެއްގެ ގަޔަށް އަޅާފައިވާ މައްސަލަ ފެންމަތި ވެފައި ވަނީ ވަރަށް ފަހުން ކަމުގަ އެވެ. އިނގިރޭސި ހައުސް އޮފް ކޮމަންސް އިން 2015 ވަނަ އަހަރު ވަނީ އިނގިރޭސި ސަރުކާރު ހޮސްޕިޓަލުތަކުގެ އިހުމާލުން އެތައްް ހާސް ބައެއްގެ ގަޔަށް އެޗްއައިވީ ވައިރަސް އާއި ހެޕަޓައިޓިސް ސީ ވައިރަސް އިން އިންފެކްޓް ވެފައިވާ ލޭ އަޅާފައިވާކަމަށް ޝައްކުކުރެވޭ ކަމަށްބުނެ ރިޕޯޓެއް ނެރެފަ އެވެ.

އެ ރިޕޯޓާ ގުޅިގެން އިނގިރޭސި ސިއްޙީ ދާއިރާއިން ފާއިތުވި ދެއަހަރެއްހާ ދުވަހު ބެލިބެލުން 1970 ވަނައަހަރާ 1991 ވަނަ އަހަރާ ދެމެދު މަދުވެގެން 30 ހާސް މީހުންގެ ގަޔަށް މިބާވަތުގެ ލޭ އަޅާފައިވާކަން ހޮސްޕިޓަލުތަކުގެ ރެކޯޑްތަނުންވަނީ ހާމަވެފަ އެވެ. މި ލޭ އެޅި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވަނީ ފާއިތުވި އަހަރުތަކުގައި އެއިޑްސް ބައްޔާއި ހެޕަޓައިޓިސް ބަލީގައި މަރުވެފަ އެވެ. ނަމަވެސް އެއީ އިންފެކްޓް ވެފައިވާލޭކަން އެދުވަސްވަރު އެނގެން ނެތްކަމުން މިކަން މެދުވެރިވި ސަބަބު ހޯދުމަށް އިތުރު ތަހްގީގްތައް ކުރަން ޖެހޭ ކަމަށް ތެރީސާ މޭ ގެ ތަރްޖަމާނަކު ވިދާޅުވި އެވެ.

މިމައްސަލާގައި މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި އިންފެކްޓްވެފައިވާ ލޭ އެޅި 30 ހަކަށް ހާސް މީހުންގެ ތެރެއިން އެޗްއައިވީ ވައިރަސް އެކުލެވޭ ލޭ އަޅާފައި ވަނީ 1500 މީހުންގެ ގަޔަށެވެ. އެއީ 1978 އާއި 1985 އާ ދެމެދުގަ އެވެ. ދެން ތިބި މީހުންގެ ގަޔަށް އެޅި ކަމަށްވަނީ ހެޕަޓައިޓިސް ސީ ވައިރަސް އިން އިންފެކްޓް ވެފައިވާ ލެއެވެ. މި ލޭ އެޅިއިރު އިންފެކްޝަން ހުރިކަން ބެލުމަށްޓަކައި ހަދަން ޖެހޭ ޓެސްޓްތައް ހެދިކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެ އެވެ.

މި މައްސަލާގައި ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެފައި ވަނީ އިންފެކްޓްވެފައިވާ ލޭ އެޅުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އާއިލާ ތަކާއި ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި މައްސަލަ ތަހްގީގް ކުރުމަށް ފަހު އެއާއިލާތަކަށް ބަދަލުދޭން ސަރުކާރުން ތައްޔާރަށް އޮތްކަމުގަ އެވެ.

ތިންވަނަ ދުނިޔޭގެ ފަގީރު ގައުމުތަކުގައި ހިނގާ ބާވަތުގެ މިފަދަ ގޯސްތައް އިނގިރޭސި ސަރުކާރު ހޮސްޕިޓަލުތަކުގައި ހިނގާފައިވުމަކީ އިނގިރޭސިވިލާތް ލަދުގަންނަން ޖެހޭ ކަމެއްކަމަށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ނާއި މީޑިއާ އިން ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް