ލަންކާގައި ކުޅުނު ކުޅިގަނޑު ރާއްޖެއަށް؟

ރައީސް ޔާމީން އާއި ރާޖަޕަކްސާ:

މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި ސްރީލަންކާ އިން ޗައިނާއާ ގުޅުން ރަނގަޅުކޮށް، ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރި ގޮތަށް ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ޓަކައި ޗައިނާ އާއި ސައުދީ ފަދަ ގައުމުތަކާ ގުޅިގެން ރާއްޖެ ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. ބްރިޖުގެ މަޝްރޫއާއި އެއާޕޯޓުގެ މަޝްރޫގެ އިތުރުން ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް ހިމެނޭ ގޮތަށެވެ.

އިންޑިއާކަނޑުގައި ހިތްދެމިލައި އިގްތިސާދީ މިނިވަންކަމެއް ހޯދުމަށް ރާއްޖެއިންކުރާ މަސައްކަތަށް ދޭތެރެ ދޭތެރެއިން ހުއްޓުން އަންނަނީ ސިޔާސީ ސަބަބުތަކާހުރެ އެވެ. ސިޔާސީ އެކި "ގޭމްތަކު"ގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ގިލަންކަން ގެންނަނީ އެވެ. ސިޔާސީ ކަންކަން ހިނގަނީ މީހަކު ހީވެސް ކުރާގޮތަަކަށް ނޫނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް އަތު ގުޅާލައިގެން މަސައްކަތް ފެށީ އެވެ. ހީނުކުރާ ފަދަ އެތައް ބަޔަކު އެކަކު އަނެކަކަށް ތައުރީފް އޮއްސަނީ އެވެ. ސުވާލަކީ ހަމަ މިއީ އެތެރޭގެ ސިޔާސީ ވާދަވެރިކަންތޯ އެވެ؟ ނުވަތަ ގައުމެއް އަޑީގައި ތިބެ ހިންގާ މޮޅު ރޭވުމެއްތޯ އެވެ؟

ހައިރާން ނުވޭ، ލަންކާގައި ވެސް ކަންވީ މިހެން

ރާޖަޕަކްސާ ޗައިނާއާ ގުޅިގެން ބޮޑެތި މަޝްރޫތަކެއް އެގައުމުގައި ހިންގަނިކޮށް ކުއްލިއަކަށް ބަދަލެއް އައީ ރާޖަޕަކްސާގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އަދި އެޕާޓީގެ އެންމެ އިސް ބޭފުޅުން ކުއްލިއަކަށް އިދިކޮޅު މީހުންނާ ގުޅުމުންނެވެ. މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ހޯދީ އެގޭމުގެ ތެރެއިންނެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ --- ފޮޓޯ/ ދަޑެއިލީބީސްޓް

ކުއްލިގޮތަށް ލަންކާގެ ސިޔާސީ މަޝްރަހު ބަދަލުވެގެން ދިޔައީ އޭގެ ފަހަތުގައި ގިނަ ކަންތައްތަކެއް އެކުލެވިގެންނެވެ. ލަންކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރާޖަޕަކްސާއަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ސަރަހައްދީ ބާރުތައް ރުއްސުމުގައި ތިލަފަތް ހަމަހަމަ ނުކުރެވުމެވެ. ލަންކާއަށް އިންވެސްޓްމެންޓްތައް ގެނައުމަށް ޗައިނާއާ އެކު ރަހުމަތްތެރިކަން ބޭއްވި ވަރަކަށް އަވައްޓެރި އިންޑިއާ އިން ރުޅިގަދަވީ އެވެ.

ރާޖަޕަކްސަ އާއި އިންޑިއާ ސަރުކާރާ ގުޅުން ގޯސްވީ، އިންޑިއާއާ ވާދަވެރި ގައުމެއްކަމަށްވާ ޗައިނާއާ ގުޅުން ބަދަހި ކުރެއްވުމުންނެވެ. އެގޮތުން އިންޑިއާ އަށް ނާންގައި ޗައިނާގެ ދެ ސަބްމެރިންއެއް ލަންކާގައި ބަނދަރުކުރި މައްސަލާގައި އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ބައިނަލްއަގުވާމީ ނޫސް އެޖެންސީ ރޮއިޓާސް އިން އޭރު ބުނި ގޮތުގައި ރިޔާސީ އިންތިހާބަށް ސްރީލަންކާ ތައްޔާރުވަމުން އައި ދުވަސްވަރު އެގައުމުގެ ވެރިރަށް ކޮލަމްބޯގައި އިންޑިއާގެ ޖާސޫސީ ވެރިއަކު ހަރަކާތްތެރިވި އެވެ. އަދި އެކަން އެނގިގެން އޭނާ ލަންކާއިން ފޮނުވާލި އެވެ. ރޮއިޓާސްގެ ރިޕޯޓްގައި ބުނެފައި ވަނީ، އިންޑިއާގެ އެޖެންޓް ލަންކާ އިން ބޭރުކޮށްލީ ސިރިސޭނާގެ ގުޅިފައިވާ ކޯލިޝަންއަށް ތާއީދު ހޯދަން މަސައްކަތް ކުރިކަން އެނގިގެން ކަމަށެވެ.

ރާޖަޕަކްސާ އާއި އިންދީއާގެ ބޮޑުވަޒީރު މޯޑީ-- ފޮޓޯ: ނިއުސް ނޭޝަން

އިންޑިއާގެ އެޖެންޓް ކުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކުގެ ތެރޭގައި ރައީސް މަހިންދަ ރާޖަޕަކްސާއާ ވާދަކުރައްވަން އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމް ސިންހަ ނުކުންނަވަން ވިސްނައި ދިނުން ހިމެނެ އެވެ. އަދި އޭގެ ބަދަލުގައި ފަސޭހައިން ހޮވިވަޑައިގަންނަވާ ފަދަ ބޭފުޅެއްގެ ގޮތުގައި އޭރު ހުންނެވި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް ތާއީދު ކުރެއްވުމަށް ރަނިލްއަށް ބާރު އަޅައި އެކަމުގައި ކާމިޔާބު ކުރުން ވެސް އެއީ އިންޑިއާގެ އެޖެންޓް ކުރި ކަމެއްގެ ގޮތުގައި ދެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.

ކޮންމެ އަކަސް ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޗައިނާގެ އިންވެސްޓްމަންޓްތަކާ މެދު އެޅުއްވި ފިޔަވަޅުތަކާއި އިންތިހާބު ތެރޭގައި ކަންހިނގި ގޮތަށް ބަލާ އިރު ލަންކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ރާޖަޕަކްސާގެ ވެރިކަން ބަދަލުވުން ސިފަ ކުރައްވަނީ އިންޑިއާގެ މޮޅު ގޭމެއްގެ ގޮތުގަ އެވެ.

ކީއްވެ ރާއްޖެއަށް؟

ރާޖަޕަކްސާގެ އިގްތިސާދީ ސިޔާސަތާއި ރާއްޖޭގެ މިއަދުގެ ސިޔާސަތާ އެއްގޮތެވެ. ބޮޑެތި ޕުރޮޖެކްޓްތައް ހިންގުމަށް ދުނިޔޭގެ ބާރެއް ކަމަށްވާ ޗައިނާއާ އެކު މަސައްކަތް ވަނީ ފަށައިފަ އެވެ. އަވައްޓެރި ގައުމަކުން ނުކުރުމަށް އެދިއެދި އޮއްވައި ޗައިނާ "ސިލްކު ރޯޑް" މަޝްރޫއު ފަދަ މަޝްރޫތަކަށް އެއްބާރުލުން ދޭން ނިންމައި ވަނީ ސޮއިކޮށްފަ އެވެ. މިއީ މިސަރުކާރާ ދޭތެރޭ އަވައްޓެރި ގައުމުތަކުން ހިތްހަމަ ނުޖެހޭނެ ސަބަބެއްކަން ޔަގީނެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ބޮޑުވަޒީރާއެކު---ފޮޓޯ/ރައީސް އޮފީސް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ސްރީލަންކާގެ ވެރިކަން ބަދަލުވި ގޮތުން ބައެއް ގައުމުތަކުން އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއިން އަތްލާން އުޅޭކަން ޔަގީންވާ ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަނީ ބޭރުގެ ގައުމެއްގެ އެހީތެރިކަމާ އެކު ކަމަށް ކުރެވޭ ތުހުމަތު ތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަަކުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ސިޔާސީ ބަދަލުތަކަކީ ސަރުކާރުގެ ސަބަބުން ހިނގަމުން އަންނަ ކަންތައްތަކެއް ކަމަށެވެ.

"ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އަދަބުތައް ދެމުން ދިޔައިރު އެއީ މެމްބަރުން ވެސް ހިތްހަމަ ޖެހުނު ކަމެއް ނޫން، އަޅުގަނޑުމެން އެކުގައި އުޅޭތީ އިނގޭ، އަދި ޕީޕީއެމް ތެރޭގައި އެކި މެމްބަރުންނަށް ތަފާތު ކުރުމުގެ ކަންކަން ވެސް އުޅޭ، އެހެން ތިއްބާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުން ތިބިގޮތް އެނގިގެން ދިޔައީ،" މަހުލޫފް ވިދާޅުވި އެވެ.

ހާރިޖީ ގުޅުން ހަމަހަމަ ކުރަންޖެހިފައި

ރާއްޖެއަށް ބަލާއިރު ގައުމު ކުޑަ ނަމަވެސް ނުފޫޒުތަކުގެ އަސަރުބޮޑެވެ. ރާއްޖޭގެ އަވައްޓެރި ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ބަނގުލަދޭޝް ފަދަ ގައުމުތަކަށް އަވައްޓެރި ބޮޑު ގައުމަކުން ނުފޫޒު ފޯރުވާ ފަދައިން ރާއްޖެއަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ވެސް ގިނަ އެވެ. ރާއްޖޭގެ ކޮންމެ ވެރިކަމަކީ އެގައުމެއްގެ ރުހުން އޮވެގެން ނުވަތަ އެގައުމެއް ބުނާހާ ގޮތަކަށް ކުރާ ކަމަކަށް ހަދަން މަޖުބޫރުކުރުވާ ފަހަރު އަންނައިރު އެކަމަށް ހައްލެއް ބޭނުންވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެކިއެކި ނުފޫޒު ފޯރުވައި އެމީހުންގެ ބާރު ހިންގާ ގައުމަކަށް ރާއްޖެ ހެދުމަށް އެގައުމަކުން ކުރާ މަސައްކަތް ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅުމެވެ.

"ފޮރިން ޕޮލިސީގެ ތެރެއިން ބެލެންސެއް ގެންގުޅެން ޖެހޭ، ވަކި ގައުމަކަށް ފުރުސަތު ނުދީ ރާއްޖޭގައި ކަންކަން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ގޮތެއްގެ މަތިން ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ގައުމުތަކުން ތަފާތު އެކިއެކި ގޮތްގޮތް ބޭނުންކުރެ އެވެ. ބައެއް ފަހަރު އިންވެސްޓްމަންޓެވެ. އަނެއް ބައިފަހަރު މިލިޓަރީ ބޭސްތަކެވެ. ނުވަތަ ތައުލީމް ނުވަތަ މީޑިއާ މެދުވެރިކޮށް ވެސް އަތްގަދަ ކުރަން އުޅުމަކީ ޖިއޯޕޮލިޓިކްސްގެ ތެރެއިން ކަންކުރަމުން އަންނަ ގޮތެކެވެ. މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.

ސަރުކާރާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ އެކަން ރަނގަޅުކުރަން މަސައްކަތް ކުރަންވީ އެވެ. މަޖިލީހުގެ ރައީސް ކަމު ނުދާ ނަމަ އެކަން ވެސް ކުރަންވީ އެވެ. ނަމަވެސް ދިވެހީންގެ ކަންކަން ނިންމަން ވާނީ ދިވެހީންނެވެ. ކޮންމެ އަކަސް ގައުމުތަކުން ބާރު ދުވެލީގައި ނުފޫޒް އެބަފޯރުވަ އެވެ. ސިޔާސީ ކަންކަމާއި ދިވެހިންގެ މިނިވަންކަމަށް ބަސްކިޔަން މަސައްކަތް އެބަކުރެ އެވެ. އެކަން ހުއްޓުވުމަށް ދުރާލައި ރޭވިގެން ކަންކަން ކުރަން ޖެހެ އެވެ. އޭގައި އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖޭގައި އިންވެސްޓްކުރުމާއި އެހެނިހެން ފުރުސަތުތައް ގައުމުތަކުގެ މެދުގައި ހަމަހަމަކޮށް ދިނުމެވެ.

comment ކޮމެންޓް