މެޖޯރިޓީ ގެއްލުނަސް ރައްޔިތުންހޮވި ގޮތާ ޚިލާފުވާކަށް ބޭނުމެއް ނޫން: ނިހާން

ސަރުކާރު ކޯލިޝަނުން އެމްޑީއޭގެ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ގެއްލުނު ނަމަވެސް ރައްޔިތުން ހޮވި ގޮތާ ޚިލާފު ނުވާނެކަމަށް ވިލި މާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެ ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ މެޖޯރިޓީ، ޕީޕީއެމް ކޯލިޝަނަށް ގެއްލިފައިވަނިކޮށް ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައިނޯރިޓީއަށް ވެއްޓި މެޖޯރިޓީ ގެއްލުނު ނަމަވެސް ރައްޔިތުން ހޮވި ގޮތާ ޚިލާފުވާން ބޭނުން ނުވާ ކަމަށެވެ. އަދި "މެމްބަރުންނަކީ ގަނެ ވިއްކާ މުދަލެއް ނޫން" ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އެއްފަހަރާ ޕާޓީން ވަކިވެފައި މިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަ ނައިބު، ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހެޅުއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ބަންޑާރަ ނައިބު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސލައަށް ތާއިދު ކުރައްވާކަން ހާމަވާ މޭރުމަކުން ނިހާން ކުރެއްވި ދެވަނަ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެމްބަރުން އިންތިހާބްވުމަށްފަހު އެމީހުން ބޭނުން އަގަކަށް މާކެޓްގައި ވިއްކުން އެއީ ރަނގަޅު ކަމެއްކަމަށް ދެކޭ އެއްވެސް ރައްޔިތަކު ހުންނެވިތޯ ސުވާލު އައްސަވާފައެވެ.

މިވަގުތު މަޖިލީހަށް ބަލާ އިރު ޕީޕީއެމަށް ނިސްބަތްވާ ތިއްބެވީ 35 މެމްބަރުންނެވެ. އަދި އެމްޑީއޭގެ ފަސް މެމްބަރުން ލައިގެން ޕީޕީއެމް ކޯލިޝަންގެ ހިމެނެނީ 40 މެމްބަރުންނެވެ. މަޖިލީހުގެ ޖުމްލަ އަދަދަކީ 85 އަކަށްވާ އިރު އިދިކޮޅު ފަރާތްތަކާއި ނުގުޅެ ސަރުކާރަށް ތާއިދިކޮށްގެން ހުރީ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅު ހެންވޭރު ދައިރާގެ މެމްބަރު މޫސާ މަނިކެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި 21 މެމްބަރުން ތިއްބެވި އިރު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ ހަތެކެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކާ އެކު އިދިކޮޅު އިއްތިހާދުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ރަސްމީ އަދަދަކީ 29 އެވެ. އެހެން ނަމަވެސް ވަކި ޕާޓީއަކާ ނުގުޅި ތިއްބެވި 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ތިއްބެވީ ސަރުކާރާ އިދިކޮޅަށެވެ.

comment ކޮމެންޓް