ޓެޑްގެ ކާމިޔާބު ޑްރާމާ 'ހުޅުކޮޅު' ޔޫޓިއުބަށް!

މީގެ 17 އަހަރު ކުރިން، 2000 ވަނަ އަހަރު ޓީވީއެމް ޓެލެޑްރާމާ މުބާރާތުގައި ބައިވެރި ކުރި މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ކާމިޔާބު ޑްރާމާ 'ހުޅުކޮޅު' ޔޫޓިއުބްގައި އާންމު ކޮށްފި އެވެ.

އެއީ ސްޓެލްކޯގެ ފަރާތުން އެ އަހަރު ޓީވީއެމް ޑްރާމާ މުބާރާތުގައި ބައިވެރި ކުރި ޑްރާމާ އެވެ. ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެ ޑްރާމާ ޔޫޓިއުބުގައި އާންމުކޮށްފައި ވަނީ ރޭގައެވެ.

ޑްރާމާގެ އިތުރުން ފިލްމުގެ ލަވަ 'ތަދާ ވޭނުގާ' ގެ ސެންސަރު ކޮށްފައި ނުވާ ވާޝަން ވެސް ރޭގައި ވަނީ ޔޫޓިއުބުގައި އާންމުކޮށްފައެވެ. އެ ލަވަ ޓީވީ އިން ދައްކަމުން އައީ ލަވައިގެ ފުރަތަމަ 60 ސިކުންތު ސެންސަރު ކޮށްގެންނެވެ. އެއީ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރާ މަންޒަރު ދައްކުވައިދޭތީ އެވެ.

އެހެން ނަމަވެސް، މާލޭގެ އުސް އިމާރާތެއްގެ މަތިން ފުންމާލަން އުޅުނު މީހަކު އެކަން ނުކުރީ ކީއްވެކަން މިހާރު ލަވަ ބަލައިލުމުން އެނގިގެން ދާނެ އެވެ. އަދި ވަރުގަދަ މެސެޖެއް ވެސް ލިބިގެން ދާނެ އެވެ.

ޓެޑްރީގެ 'ހުޅުކޮޅު' ވަނީ އެ އަހަރުގެ ޑްރާމާ މުބާރާތުގައި ގިނަ އެވޯޑުތަކެއް ވެސް ހޯދައިފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޓެލެޕްލޭ، އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ޑްރާމާ ފާހަގަކޮށްލެވެ އެވެ.

ޑްރާމާގެ ލީޑު ރޯލުން ފެނިގެން ދިޔައީ ހަސަން ޝިފާޒް އަދި ފާތިމަތު ޒޭބާ އެވެ. އެހެނިހެން މުހިންމު ތަރިންގެ ތެރޭގައި އަހްމަދު ހަސަން، މުހައްމަދު ހަމީޒް އަދި އިރުފާން ނަސީރު ހިމެނެ އެވެ.

މުހައްމަދު ނިމާލްގެ ވާހަކަ އަށް، ޓެޑްރީ ޓެލެޕްލޭ އަދި ޑަައިލޮގު ތައްޔާރު ކުރި އެ ޑްރާމާ ޑައިރެކްޓު ކޮށްފައި ވަނީ ހަސަން ނޫރައްދީނެވެ. ޑްރާމާގެ މިޔުޒިކް ތައްޔާރު ކޮށްދީފައި ވަނީ އިބްރާހިމް ޝިހާމެވެ. ތީމް ލަވަ ކިޔައިދީފައި ވަނީ ހުޒާމް އަދި އިނާޔާ އެވެ.

މިދިޔަ އޭޕްރީލް މަހު ޓެޑްރީގެ ކާމިޔާބު ފިލްމު 'އަމާނާތް' ވެސް ވަނީ ޔޫޓިއުބުގައި އާންމުކޮށްފައެވެ.

comment ކޮމެންޓް