މެމްބަރު ސައުދުﷲ އާއި މުހައްމާ ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ސައުދުﷲ ހިލްމީ އަދި މުހައްމާ --

ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަން ކުރާ ޕީޕީއެމް އިން ވަކިވެވަޑައިގަތްފި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލަށް ފޮނުއްވާފައިވާ ސިޓީއަކާ އެކު މެމްބަރު ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން "މިވަގުތަށް" ޕީޕީއެމް އިން ވަކިވީ ކަމަށެވެ.

"މިވަގުތު ސިޔާސީ މަޝްރަހުގެ ކަންތައްތައް ހުރި ގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުރުމަށް ނުފެންނާތީ އާއި އަޅުނގަޑުގެ ދާއިރާގެ ގިނަ ބަޔަކު ވެސް އެދޭ ގޮތަކީ އެއީ ކަމަށްވާތީ މިއަދުން ފެށިގެން ޕާޓީ އިން ވަކިކޮށް ދެއްވުން އެދެމެވެ." ސައުދުﷲ ހިއްސާ ކޮށްފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލެޓާ ހެޑުގައި، ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މުހައްމާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ސަރުކާރުން މިވަގުތު މަޖިލީހާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ ފަރާތުން އަޑު އުފުލުމަށް ހުރަސް އެޅޭނެ ކަމަށެވެ.

އަދި ސަރުކާރު ނިސްބަތްވާ ޕީޕީޢެމްގެ މެމްބަރެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ޕީޕީއެމްގެ މެމްބަރުކަމުން އޭނާ ވަކިވެފައިވާ ކަމަށް ސިޓީގައި އޭނާ ވިދާޅުވި އެވެ.

"ވީމާ ޕާޓީގެ ދަފުތަރުން މިއަދުން ފެށިގެން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި ދެންނެވީމެވެ،" މެމްބަރު މުހައްމަދުގެ ސިޓީގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީއާ އެކު ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކެއް ސޮއިކުރުމުގެ ސަބަބުން ވަނީ މައްސަލަތަކެއް އުފެދިފަ އެވެ.

ޕީޕީއެމް އިން ވަކިވި މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ޕީޕީއެމުން ހިމެނިވަޑައިގަންނަވަ އެވެ.

މި ފަހުން ޕީޕީއެމް އިން ގިނަ މެމްބަރުތަކެއް ވަކިވެވަޑައި ގަންނަވަމުން މިދާ ދަނޑިވަޅަކީ ސިޔާސީ ޕާޓީއެއްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އޭޖީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.

comment ކޮމެންޓް