ރޫނީއަކީ ނަމޫނާއެއް، އޭނާގެ ހަނދާންތައް ފިލައިގެނެއް ނުދާނެ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ މިހާރު ވަނީ އޭނާގެ ކުރީގެ ކްލަބު އެވަޓަންއާ ގުޅިފައި -- ފޮޓޯ: ގެޓީ

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އެ ކްލަބުން ދޫކޮށްލި ނަމަވެސް އޭނާގެ ހަނދާތައް އަބަދުވެސް އެ ކްލަބާ އެކު ވާނޭކަމަށް ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ބުނީ، ރޫނީއަކީ އަބަދު ވެސް އޭނާ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް، މިހާރު ކްލަބުގެ ހާލަތު ހުރި ގޮތުން ރޫނީއަށް ކުޅުމުގެ ފުރުސަތު ނުދެވޭތީ އޭނާ އެހެން ކްލަބަކަށް ދޫކޮށްލަން ޖެހުނީ ކަމަށެވެ.

އުމުރުން 31 އަހަރުގެ ރޫނީ ވަނީ، ޔުނައިޓެޑްގައި 13 އަހަރު ހޭދަކުރުމަށް ފަހު، ދެ އަހަރުގެ އެއްބަސްވުމެއްގައި، އޭނާގެ ފުރާވަރު ދުވަސްތައް ހޭދަކުރި ކްލަބުކަަމަށްވާ އެވަޓަންއާ ގުޅިފަ އެވެ.

"ރޫނީއަކީ އޭނާ މި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ވަރަށް ޕްރޮފެޝަނަލް ނަމޫނާ ކުޅުންތެރިއެއް. އޭނާގެ ހަނދާންތައް މި ކްލަބުގެ ތާރީޚީ ފޮތްތަކުގައި ލިޔެވިފައި ވަނީ. އެ ހަންދާތައް އެތަކެއް އަހަރަކަށް ދެމިގެން ދާނެ،" ރޫނީއާ ގުޅޭ ގޮތުން މޮރީނިއޯ ބުންޏެވެ.

"ރޫނީ ފަދަ ކުޅުންތެރިއަކަށް އޭނާ ކުޅެން ބޭނުންވާ ވަރަށް ފުރުސަތު ނުލިބުމުން އެހެން ކްލަބަކަށް ދާން އެދުމުން އޭނާއަށް ހުރަސްއަޅާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވެ އެވަޓަންއަށް ދާން އެދުމުން އެކަން ގަބޫލުކުރީ."

މޮރީނިއޯ ބުނީ، ރޫނީއަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ވެސް ވަރަށް ހިތްވަރުކުރާ، އަދި ކުޅުމުގެ ތެރޭގައި އޭނާއަށް ލިބިފައިވާ ތަޖްރިބާ ވަރަށް ރަނގަޅަށް ބޭނުންކުރާ ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން މެންޗެސްޓާ ޔުނައިޓެޑުން ރޫނީގެ ހަނދާންތައް ފިލައިގެން ނުދާނޭ ކަމަށް އެ ކްލަބުގެ ކޯޗު ބުންޏެވެ.

comment ކޮމެންޓް