ބޮޑު ޓެކުހެއް ނަގަން ފެށުމުން ސައޫދީގައި މަސައްކަތްކުރާ ބޭރުމީހުން އެގައުމު ދޫކޮށް ދަނީ

ސައޫދީ ގައި މަސައްކަތްކުރާ ބޭރުމީހުން

ރިޔާޒް (ޖުލައި 9): ސައޫދީ އަރަބިޔާގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ ރައްޔިތުންގެ އަތުން ޓެކްސް ނަގަން ފެށުމާއެކު ކުރިޔަށްއޮތް ތިން އަހަރު ތެރޭގައި ބޭރުގައުމުތަކުގެ ހަލައްކަ ހަތްދިހަ ހާސް މީހުން އެގައުމުން ބޭރުވާނެކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.

ސައޫދީ ފްރެންޗް ބޭންކުން ކުރި ސާވޭއެއްގެ އަލީގައި ހޮނިހިރު ދުވަހު ރިޔާޒްގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސައޫދީ އަރަބިޔާގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ އެގާރަ ޕޮއިންޓް ހަތެއް މިލިޔަން މީހުންގެ ތެރެއިން އަހަރެއްގެ މައްޗަށް އެވްރެޖްކޮށް އެއްލައްކަ ފަސްދޮޅަސް ފަސްހާސް މީހުން އެގައުމު ދޫކޮށްދާނެއެވެ. މިގޮތުން ދެހާސް ވިހި ވަނަ އަހަރުގެ ނިޔަލަށް ހަލައްކަ ހަތްދިހަ ހާހާއި ހަތްލައްކައާ ދެމެދުގެ އަދަދަކަށް ބޭރު ގެ މަސައްކަތް ތެރިންނާއި އެމީހުންގެ އާއިލާތައް އެގައުމު ދޫކޮށްދާނެއެވެ.

ސައޫދީ އަރަބިޔާގައި މަސައްކަތްކުރާ ކޮންމެ ބޭރުމީހެއްގެ އަތުން އަހަރަކު ބާރަސަތޭކަ ރިޔާލުގެ ޓެކުހެއް (މަހެއްގެ މައްޗަށް ސަތޭކަ ރިޔާލު) ނެގުމަށް އެގައުމުން ދާދިފަހުންވަނީ ނިންމައި އެކަންވަނީ ތަންފީޒު ކުރަން ފަށާފައެވެ. އަދި ދެހާސް ވިހި ވަނަ އަހަރު މީގެ ތިން ގުނަ ބޮޑުއަދަދެއްގެ ޓެކުހެއް، މަސައްކަތްކުރާ ކޮންމެ ބޭރުމީހެއްގެ އަތުން ނެގުމަށް ސައޫދީ ސަރުކާރުންވަނީ ނިންމާފައެވެ. މިގޮތުން ދެހާސް ވިހި ވަނަ އަހަރުން ފެށިގެން މަސައްކަތްކުރާ ކޮންމެ ބޭރުމީހެއްގެ އަތުން މަހަކު ހަތަރު ސަތޭކަ ރިޔާލުގެ ޓެކުހެއް ނަގާނެއެވެ. އެވަރަށް ޓެކްސް ނަގާނަމަ އަހަރެއްގެ މައްޗަށް ފަސްލައްކައަށްވުރެ ގިނަމީހުން ސައޫދީ ދޫކޮށް ދާނެކަމަށް އެގައުމުން ލަފާކުރެއެވެ.

ބޭރު މީހުންގެ އަތުން މިޓެކްސް ނެގުމުގައި ސައޫދީ ސަރުކާރުގެ ބޭނުމަކީ އެގައުމުގެ ބެޖެޓްގެ ޑެފިސިޓް ކުޑަކުރުމެވެ. ކޮންމެ ބޭރުމީހެއްގެ އަތުން އަހަރަކު ބާރަސަތޭކަ ރިޔާލުގެ ޓެކުހެއް ނެގުމުން ސައޫދީ ޚާޒާނާއަށް އަހަރަކު ދެބިލިޔަން ރިޔާލްގެ އާމްދަނީއެއް ވަންނާނެއެވެ. އަދި ޓެކްސްގެ މިންވަރު އަހަރަކު ހަތަރު ސަތޭކަ ރިޔާލުގެ ޓެކުހެއް ނެގުމުން އަހަރަކު ފަސްބިލިޔަނާއި ހަބިލިޔަނާ ދެމެދުގެ އާމްދަނީއެއް ޚާޒާނާއަށް ވަންނާނެކަމަށްވެސް އެގައުމުން ލަފާކޮށްފައިވެއެވެ.

ސައޫދީ އަރަބިޔާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ އެގާރަ ޕޮއިންޓް ހަތެއް މިލިޔަން މީހުންގެ ތެރެއިން 4.3 މިލިޔަން މީހުންނަކީ އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ. މީގެތެރޭގައި ހިމެނެނީ އަނބިން ދަރިން އަދި ފިރިންނެވެ. ތެލުގެ އާމްދަނީއަށް ބަރޯސާވާ ސައޫދީ އަރަބިޔާގެ ބަޖެޓް ދެހާސް ތޭރަވަނަ އަހަރުން ފެށިގެންދަނީ އަހަރަކު ތިރީހަކަށް ބިލިޔަން ޑޮލަރުގެ ޑެފިސިޓެއް ދައްކަމުންނެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުންނެވެ.

މީގެއިތުރުން ޔަމަނުގެ ހަނގުރާމައާއި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ސައޫދީ ވަނުމަކީވެސް އެގައުމުގެ ބަޖެޓަށް ބާރުބޮޑުވެގެންދިޔަ ކަމެކެވެ. (ރޮއިޓާސް)

comment ކޮމެންޓް