ވެރާޓީ ބާސާއާ ގުޅެން ބޭނުންވާކަން އެނގޭ: ބާސާގެ ރައީސް

ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ---

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ، ބާސެލޯނާއާ ގުޅެން ބޭނުންވާކަން އެނގޭ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ބުނެފި އެވެ.

ބާސާގެ ރައީސް ބާޓޮމެއޫ ބުނީ، އެ ކްލަބާ ގުޅެން ވެރާޓީ ތައްޔާރަށް ހުރި ކަމަށް ވިޔަސް ޕީއެސްޖީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި އެހެން ކްލަބަކުން އޭނާ ގެންދެވޭނެ އަގެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"ކްލަބުތަކުން މަޝްވަރާކުރަން ބޭނުންވޭ. މިސާލަކަށްށް ވެރާޓީއަށް ބަލަމާ. އެއީ އަހަރެމެން ގެންނަން ޝައުގުވެރިވާ ކުޅުންތެރިއެއް. ވެރާޓީއަކީ ބާސާގެ މެދުތެރެއަށް ވަރަށް ރަނގަޅު ކުޅުންތެރިޔަކަށް ވާނެ ކަމަށް ކޯޗުން ވެސް ގަބޫލުކުރޭ. އަހަރެމެންނަށް އެނގޭ ވެރާޓީ ބާސާއާ ގުޅެން ބޭނުންވާނެކަން. އެކަމަކު ޕީއެސްޖީގެ ރައީސްއާ ވާހަކަ ދެއްކުމުން އޭނާ ބުނަނީ ވެރާޓީއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް. އަދި ވެރާޓީ ވިއްކާނެ ވަކި އަގެއް ވެސް ނޯންނާނެ ކަމުގައި،" އޭނާ ބުންޏެވެ.

ބާޓޮމެއޫ ބުނީ، ކުޅުންތެރިޔަކު ވިއްކާލުމާ ބެހޭ ގޮތުން މަޝްވަރާކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ކްލަބުގެ ރައީސް ކަމަށާއި އެހެންކަމުން ވެރާޓީ ގެނެވޭނެ ފަދަ ގޮތެއް ނެތް ކަމަށެވެ. އަދި މިހާރު ޕީއެސްޖީއާ އެކު މަޝްވަރާ ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސާއަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ކްލަބުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމެވެ. އެ ކްލަބާ އެކު މެސީ ހަދާފައިވާ އެއްބަސްވުން 2021 އަހަރާ ހަމައަށް އާކޮށްފައިވާ އިރު، އޭނާ މިހާރު ވެފައި ވަނީ ޔޫރަޕްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

comment ކޮމެންޓް