ދެއަހަރު ފަހުން ޒިއާގެ އެނބުރިއައުން، ވީޑިއޯ ލަވައަކުން!

ފިލްމީ ފަންނާނު އަހްމަދު ޒިއާގެ އާ ވީޑިއޯލަވައެއް ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަންނަ ހަފްތާގައި ރިލީޒްކުރާނެއެވެ.

މިހާރު އެލަވައިގެ ޓީޒާ ކޮންމެ މީހަކަށް ވެސް ޔޫޓިއުބުން ބަލައިލެވޭނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކެމެރާގެ ފުރަގަހުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް އެފަދަ މަސައްކަތްތަކުގައި ބުރަކޮށް އުޅެމުންދާ ޒިއާ މިލަވަ ކުޅެދޭން އެއްބަސްވީ އެ ލަވަ ކިޔާފައިވާ މުހައްމަދު ރިއްފަތުގެ އެދުމަކަށެވެ.

ހިތާމަވެރި ލޯބީގެ ރަހަތަށް އެކުލެވޭ މިހިތްގައިމު ލަވައިން ޒިއާގެ އިތުރުން އައިމިނަތު ޒިޔާދާ (ނުޒޫ) އަދި ލަވަކިޔާފައިވާ މުހައްމަދު ރިއްފަތުވެސް ފެނިގެންދާނެއެވެ. ލަވައިގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ވިލިމާލޭގައި ކަމަށްވިޔަސް ލަވައިގެ ބައެއް މަންޒަރުތައް މާލޭގެ ރަސްފަންނު އަދި މިހާރުގެ ސުނާމީ ބިނާ ސަރަހައްދުގައި ޝޫޓް ކޮށްފައިވެއެވެ.

މިއީ އަރަމުން އަންނަ މިއުޒިކީ ފަންނާނު މުހައްމަދު ރިއްފަތުގެ އަލްބަމް 'ދަ ލާޝް' ގެ ލަވައެކެވެ. ލަވައަށް ދީފައިވާ ނަމަކީ 'ރޭ ރޭ' އެވެ. ޒިއާ ބުނި ގޮތުގައި ލަވަކިޔުންތެރިޔާ ރިއްފަތު އައު ލަވައެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަ ގެންދެއެވެ.

ޒިއާ ބުނިގޮތުގައި މިއުޒިކީ ދާއިރާއަށް އަލަށް ގުޅޭ މީހުން އެ ދާއިރާއިން ކުރިއަށްދިޔުމަށް ބޭނުންވާ އެހީތެރިކަން ފުރިހަމަ ކަމާއެކު އަބަދުވެސް އޭނާގެ ފަރާތުން ލިބޭނެއެވެ.

comment ކޮމެންޓް