ބޭންކް އޮފް ސިލޯނުން ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

ބޭންކް އޮފް ސިލޯނުން ތައާރަފުކުރި ހައުސިންގް ލޯނު ތައާރަފުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން (ބީއޯސީ)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފިއެވެ.

ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ރާއްޖޭގައި ގާއިމުކޮށް ޚިދުމަތް ދޭންފެށީ 1981 ވަނަ އަހަރުއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ ބޭއްވި ހަފްލާއެއްގައި، ބީއޯސީއިން ވަނީ ހައުސިންގް ލޯނެއް ތައާރަފުކޮށްފައެވެ. މި ލޯން ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާއި، ބީއޯސީގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ބީކޭ ގުރުސިންހައެވެ.

ބީއޯސީގެ ހައުސިންގް ލޯނު ދޫކުރަނީ ފަސް އަހަރު ތެރޭގައި އަނބުރާ ދައްކާނަމަ 11 ޕަސަންޓުގެ އިންޓްރެސްޓުގައި، އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހުން އަނބުރާ ދައްކާނަމަ 12 ޕަސަންޓުގެ އިންޓްރެސްޓުގައެވެ. އަދި މި މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭ އިރު، ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ ގްރޭސް ޕީރިއަޑުވެސް ހިމެނޭ ގޮތަށް 15 އަހަރު ދުވަހެވެ.

ބީއޯސީގެ ރާއްޖޭގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް ސިލޯންގެ ރާއްޖޭގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ، އެ ބޭންކުގެ ލޯނު ސްކީމުގެ ދަށުން ބިމެއް، ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް، ނުވަތަ ގެއެއް އެޅުމަށްވެސް ލޯނު ދޫކުރާނެ ކަމަށެވެ.

ލޯނުގެ ދަށުން ބިމެއް ގަތުމަށް، ގެއެއް ގަތުމަށް ނުވަތަ ގެއެއް އިމާރާތް ކުރުމަށް ފަސް މިލިޔަން ރުފިޔާ ލިބޭނެއެވެ. ގެ ހަދައި ނިންމުމަށް ނުވަތަ މަރާމާތުކުރުމަށް ދެ މިލިޔަން ރުފިޔާގެ ލޯނު ދޫކުރާ އިރު، ގޭގެ ފާނިޝިންގް ފަދަ ކަންކަމަށްވެސް ދެ މިލިޔަން ރުފިޔާގެ ލޯނު ބީއޯސީގެ ލޯނު ސްކީމުގެ ދަށުން ދޫކުރާނެއެވެ. މީގެ އިތުރުން، ގެދޮރު އިމާރާތްކުރާ ކުންފުންޏަކަށް ނަމަ 20 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.

މި ލޯނު ނެގުމަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ ދިވެހީންނާއި، ގެދޮރު އިމާރާތްކޮށްދޭ ކުންފުނިތަކާއި، އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށެވެ.

comment ކޮމެންޓް