''ބޮސް''ގެ ބައެއް ލަވަތަކާ އެކު 4426 ބަލައިލުމުގެ ފަހު ފުރުސަތު މިރޭ!

ދިވެހި ފިލްމު 4426ގެ މަސްޒަރެއް. މި ފިލްމުގެ ހާއްސަ ޝޯއެއް މިރޭ އޮލިމްޕަހުގައި އޮންނާނެ -- ފޮޓޯ: ފޭސްބުކް

ދިވެހިފިލް "4426" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ވަރަށް ތަފާތު ހުށަހެޅުމެކެވެ. އާންމު ގޮތެއްގައި ލޯތްބާއި ހިތާމައިގެ އަސަރުތަކުން ބެލުންތެރީންގެ ހިތްތަކާ ކުޅެލި ނަމަވެސް 4426 އަކީ މުޅިން ތަފާތު ފިލްމެކެވެ.

ކުޑަ ކުއްޖެއްގެ މާރާ ގުޅިގެން، ފަޅު ގެއެއްގެ ތެރޭގައި ހިނގާ، ވަރަށް ތަފާތު ބިރުވެރި ހާދިސާއެއް ސިފަކޮށްދީފައިވާ، 4426 އޮލިމްޕަހުގެ ސްކްރީނުން ފެންނާނެ ފަހު ރެއަކީ މިރެއެވެ. ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ މިރޭ، 21:00ގައެވެ. ގިނަ ބަޔަކު އަދިވެސް ބަލައިލަން ބޭނުންވާ 4426ގެ ފަހު ޝޯގެ ޓިކެޓް އޮލިމްޕަހުން ލިބޭނެއެވެ.

ބިރުވެރި ފިލްމު 4426ގެ ޚާއްސަ ޝޯއެއް މިރޭ އޮލިމްޕަހުގައި ބާއްވާއިރު، ކައިރި މުސްތަގުބަލެއްގައި މި ފިލްމު އާންމުކޮށް ވިއްކަން ނުވަތަ އެހެން ގޮތަކަށް ވެސް ނެރެން އަދި ވިސްނާފައި ނުވާކަމަށް ނަހުލާ ބުންޏެވެ.

ނަހުލާގެ މުޅިން އާ ފިލްމެއްގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއީ "ބޮސް"ގެ ވާހަކައެވެ. ނޭނގެނީ ކޮންކަހަލަ "ބޮސް" އެއް ކަމެވެ.

ނަހުލާގެ މި "ބޮސް" ވެގެންދާނީ، އެތަކެއް ބައެއްގެ ހަނދާނުން އަދިވެސް ފޮހެވިގެން ނުދާ، އަސަރު ގަދަ ލޯބީގެ ފިލްމުތައް ކަމަށްވާ "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ލޯތްބާއި ޖަޒުބާތުން ފުރިގެންވީ ބޮހެއް ކަމަށް ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، މިއީ 4426ގެ އިތުރުން ބޮސްގެ ލޯންޗިންގެ ފެނިގެންދާ ޝޯއަކަށް ވުމުން، މިރޭ ވަރަށް ހާއްސަ ކަންތައްތަކެއް ފެނިގެންދާނޭ ކަަމަށެވެ.

"މިރޭ އޮލިމްޕަހުގައި އޮންނާނީ ބޮސް ލޯންޗުކުރުމާ، 4426ގެ ޝޯ އެކަންޏެއް ނޫން. ބޮސްގެ ތަރީންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ،" ނަހުލާ ބުންޏެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ "ބޮސް" ޑައިރެކްޓް ކުރަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ބަޔަލާ އާއިޝަތު ރިޝްމީއެވެ. ބޮސް ޑައިރެކްޓްކުރާން ރިޝްމީއާ ހަވާލުކޮށްފައި ވަނީ، އޭނާއަކީ އެކަމަށް އެންމެ ގާބިލް ފަރާތްކަމަށް ގަބޫލުކުރެވޭތީ ކަމަށް ނަހްލާ ބުންޏެވެ.

ޖޫން މަހުގެ މެދުތެރޭގައި "ބޮސް"ގެ ޝޫޓިން ފަށާފައިވާއިރު، މި ފިލްމުގެ 80 ޕަސެންޓް ޝޫޓުކުރާނީ ސަން ސިޔާމް ގްރޫޕްގެ ރިސޯޓެއްގައެވެ. އަނެއް 20 ޕަސެންޓް ޝޫޓްކުރާނީ މާލޭގައެވެ. އެހެންކަމުން "ބޮސް" ވެގެންދާނީ ވަރަށް ރީތި، އަދި އެހާމެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނޭ ފިލްމެއް ކަމަށް ނަހުލާ ބުންޏެވެ.

ބޮސްގެ ހުރިހާ މަސައްކަތެއް ނިންމައި، ސިނަމާއާ ހަމައަށް އަންނާނޭކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ. ކަނޑައެޅިފައިވާ ތާރީޚަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި ބެލުންތެރީންނަށް ގެނެސްދެވޭނޭ ކަމަށް ނަހުލާ އުންމީދުކުރެއެވެ.

comment ކޮމެންޓް