ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް، ޖަރުމަނުގައި ފެށިއްޖެ

ހަމްބާގް (ޖުލައި 7): ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް، ޖަރުމަނުގެ ހަމްބާގް ގައި މިއަދު ހެނދުނު ފެށިއްޖެއެވެ.

މިސަމިޓްގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެތެރޭގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ.

ޖީ ޓުވެންޓީގައި ހިމެނެނީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ވިހި ގައުމެވެ. މުޅި ދުނިޔޭގެ އާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ މިގައުމުތަކުންނެވެ. އަދި ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ 85 އިންސައްތަ ހިއްސާ ކުރަނީވެސް މިގައުމުތަކުންނެވެ. އަދި ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ ތިން ބައި އޮތީވެސް މިގައުމުތަކުގައެވެ. އެހެންކަމުން މިއީ ދުނިޔޭގައި އެންމެ ބުރަދަން ބޮޑު ވިހި ގައުމެވެ.

ޖަރުމަނުގެ ހަމްބާގް ގައި މިއަދު ފެށި ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އެގައުމުތަކުގެ އިސްވެރިންގެ އިތުރުން އެގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި ދުނިޔޭގެ މާލީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެތެރޭގައި ވޯލްޑް ބޭންކާއި އައިއެމްއެފްގެ ވެރިންގެ އިތުރުން އޭޝިޔަން ޑޮވެލޮޕްމެންޓް ބޭންކާއި ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ އިސްވެރިންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލްވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މީގެއިތުރުން މިސަމިޓްގައި އޮބްޒާވަރުންގެގޮތުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރްސަތު ދުނިޔޭގެ އެތަށް ގައުމެއްގެ އިސްވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.

ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ގައި މައިގަނޑު ކަމަކަށް އޮންނާނީ އެގައުމުތަކުގެ މާލީ ސިޔާސަތުތަކާބެހޭގޮތުން މަޝްވަރާކުރުމާއި ދުނިޔޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިގްތިސާދު ކުރިއެރުވޭނެ ގޮތްތަކާބެހޭ ޕްލޭންތަކާބެހޭގޮތުން މަޝްވަރާކޮށް އޭގެއަލީގައި ގޮތްތަކެއް ނިންމުމެވެ. އަދި ދުނިޔޭގެ ތިމާވެއްޓާބެހޭގޮތުން މުހިއްމު މަޝްވަރާތަކެއްކޮށް ގޮތްތަކެއް ނިންމުންވެސް މިސަމިޓްގައި ހިމެނެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ތިމާވެއްޓާބެހޭ މައްސަލަތައް ބަލައިނުގަންނަ ބޭފުޅަކަށްވާތީ ސަމިޓްގެ ތިމާވެއްޓާ ބެހޭ މަޝްވަރާތައް ވަރަށް ބަލިކަށިވާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޖީ ޓުވެންޓީގެ ގައުމުތަކުގެ ސަމިޓްގެ އެޖެންޑާގައި ދުނިޔޭގެ ވިޔަފާރިއާއި މާލީ އަދި އިގްތިސާދީ މައްސަލަތަކުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އަމަނާބެހޭ ބޮޑެތި މައްސަލަތައް ހިމެނެއެވެ. މީގެތެރޭގައި ޓެރަރިޒަމްގެ މައްސަލައާއި ސޫރިޔާ، އިރާގު، އަފްޣާނިސްތާން، ޔަމަން، ލީބިޔާ، ޔުކްރޭން އަދި އެފްރިކާގައި ހިނގަމުންދާ ހަނގުރާމަތަކާއި ފަލަސްތީނުގެ މައްސަލައާއި އުތުރުކޮރެޔާގެ މައްސަލައާއި ދާދިފަހުން އުފެދުނު ގަތަރުގެ މައްސަލަވެސް ހިމެނެއެވެ.

މިސަމިޓްގެ އަރިމަތީގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާގެ ރައީސުން ވަކިވަކިން ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޖީ ޓުވެންޓީގެ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާގެ އާއި ޖަޕާން، ޖަރުމަނު ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ އިތުރުން ދެކުނު ކޮރެޔާ، އިންޑިޔާ، ކެނެޑާ، އިޓަލީ، ބްރަޒީލް، ތުރުކީ، ދެކުނު އެފްރިކާ، އިންޑޮނީޝިޔާ، ސައޫދީ އަރަބިޔާ، މެކްސިކޯ، އާޖެންޓީނާ، ފަދަ ގައުމުތައް ހިމެނެއެވެ.

ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ޖަރުމަނުގެ 20 ހާސް ފުލުހުން ވަނީ ނެރެފައެވެ. މިސަމިޓާ ދެކޮޅަށް ލައްކައަކަށްވުރެ ގިނަ މީހުން އަޑުއުފުލައި ހަމްބާގްގައި މުޒާހަރާކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިމޭނީ ހޮނިހިރު ދުވަހުއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް