މިސްރުން އެ ގައުމުގައި ފޯރުކޮށްދޭ ކަރަންޓްގެ އަގު 40 ޕަސެންޓަށްވުރެ ބޮޑު ކުރަން ނިންމައިފިއެވެ.
މިސްރުން ކަރަންޓުގެ އަގު ބޮޑު ކުރަން މިފަހަރު ނިންމައިފައި މިވަނީ ބާރަ ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފުން ހޯދުމަށްޓަކައި ކުރެވުނު މަޝްވަރާތަކުގައި އައިއެމްއެފުން މިސްރަށް މިކަމަށް ޝަރުތުކުރުމުންނެވެ.
މިސްރުގެ އިލެކްޓްރިސިޓީ މިނިސްޓަރު މުހައްމަދު ޝާކިރު ބުނިގޮތުގައި ކަރަންޓުގެ އަގު ބޮޑުވާނީ މިޖުލައި މަހުގެ ފަހުން ކަމަށެވެ. މިކަމުގެ ސަބަބުން މިސްރުގެ، ވެއްޓިފައިވާ އިގްތިސާދު އިތުރަށް ގޯސްވެގެންދާނެކަމަށް މާހިރުން މިހާރުވެސް ދަނީ ބުނަމުންނެވެ.
އިންސްޓޯލްމަންޓަށް، ތިންއަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން އައިއެމްއަފުން ލޯނުދޭއިރު އޮސްޓެރިޓީ ޕްލޭންގެ ދަށުން ސަބްސިޑީތައް ދިނުން ހުއްޓާލުމަށް ވަނީ ޝަރުތުކޮށްފައެވެ.
މިދިޔަ ނޮވެމްބަރު މަހުއްސުރެ މިސްރުންވަނީ އެގައުމުގައި ބޭރުފައިސާ މާރުކުރާ އަގު އެއްވަރެއްގައި ހިފަހައްޓައިފައި އޮތްއޮތުން ނިމުމަކަށް ގެނެސް "ފްލޯޓް" ކުރަން ވަނީ ފަށާފައެވެ.
ތެލުގެ ސަބްސިޑީތައް ދަށްކޮށް އަދި އިތުރު ޓެކްސްތައް އިތުރުކުރުމުން މިސްރުގައި އެއްޗެހީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
ކުރިން ޑޮލަރުގެ އަގު 8.8 އިޖިޕްޓިއަން ޕައުންޑުގައި ހުރި ނަމަވެސް މިހާރު ޑޮލަރަކަށް ޖެހެނީ 17 ޕައުންޑެވެ. މިދިޔަ މޭމަހު އިންފްލޭޝަން ހުރީ 30.9 އެއްގައެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓި އަދި މުރްސީގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް އައުމަށްފަހު މިސްރުގެ އިގްތިސާދު ވަނީ ކުރިން ދުވަހަކުވެސް ނުދާމިންވަރަކަށް ވެއްޓިފައެވެ.
އޭގެ ފަހުން މިސްރުގެ ވެރިކަމަށް އައި އަބްދުލްފައްތާހު ސީސީ ގެންދަވަނީ މިއިން ޒަމާނަކުވެސް ނުދެކޭވަރުގެ ހުދުމުހުތާރު ވެރިކަމެއް މިސްރުގައި ކުރަމުންނެވެ. އަދި ތަފާތު ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ނަމުގައި ސީސީ، އެ ގައުމުގެ ފައިސާ ބޭކާރު އަދި ނަހަމަގޮތުގައި ހޭދަކުރާކަމަށް ވަރަށް ގިނަބަޔަކު ތުހުމަތުކުރެއެވެ.