ވޯލްޑް ކަޕް 2026: ސައުދީ އާއި އުރުގުއާއީ އެއްވަރު، ހީރޯއަކީ ކީޕަރު އަލް އޮވައިސް

ސައުދީ އާއި އުރުގުއާއީ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ/ އެންބީސީ ނިއުސް

އުތުރު އެމެރިކާގެ ބައްރުގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފެށިގެން ކުރިއަށްދާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި ރޭ ދަންވަރު ކުޅުނު ފޯރިގަދަ މެޗުގައި، ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބައްދަލުކޮށް 1-1 އިން އެއްވަރުވެއްޖެއެވެ.

އެމެރިކާގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕު އެޗްގެ މި މެޗުގައި ވަރުގަދަ ކުޅުމަކާއެކު ފެށި އުރުގުއާއީ އިން ވަނީ މެޗު ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސައުދީގެ ގޯލަށް ނުރައްކާކޮށްފައެވެ. މެތިއަސް ވިނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މެކްސިމިލިއާނޯ އަރައުހޯ ފޮނުވާލި ބާރު ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ.

މެޗު ފެށިގެން އުރުގުއާއީން މޮޅަށް ކުޅުނު ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ފަހު ސައުދީން ކުޅުން ރަނގަޅުކުރިއެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް މަސައްކަތްކުރަމުންދިޔައެވެ. އެގޮތުން މެޗުގައި ސައުދީގެ ފުރަތަމަ ހަމަލާ ފެނިފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އަލް ދަވްސާރީ ފޮނުވާލި ހަމަލާ، އުރުގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސައުދީންނެވެ. އެގޮތުން އެ ޓީމުން ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައިއެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަލް އަމްރީއެވެ. މިއީ މުސްއަބް އަލް ޖޫވޭރް ނަގައިދިން ކޯނަރަކުން މުހައްމަދު ކާނޯ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު މަތަކުރުމުން ލިބުނު ރީބައުންސް ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އުރުގުއާއީއަށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން އަރައުހޯ ނަގައިދިން ހުރަހުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވިނާ ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދަޔައީ 1-0 ގެ ނަތީޖާއަކުން ސައުދީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވެސް އުރުގުއާއީން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އުރުގުއާއީ އިން ވަނީ ސައުދީގެ ގޯލަށް ނުރައްކާކޮށްފައެވެ. ގުލޭމޯ ވަރެލާ ނަގައިދިން ބޯޅަ، ވެއްޓިލާފައި ފެޑެރީކޯ ވިނިއާސް ބޮލުން ފޮނުވާލި ނަމަވެސް، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ކޯނަރަކުން ވިނިއާސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސައުދީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ވެސް އުރުގުއާއީ އިން ނުރައްކާތެރި ހަމަލާއެއް ސައުދީގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އުގާޓޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މީގެ އިތުރުން ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން ވަލްވާޑޭ ފޮނުވާލި ހަމަލާއެއް ވެސް ސައުދީ ކީޕަރު އަލް އޮވައިސް މަތަކުރިއެވެ.

އުރުގުއާއީން ވަރުގަދަ ކުޅުމަކާއި އެކު ސައުސީގެ ގޯލަށް ނުރައްކާކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ މެޗުގެ 80 ވަނަ މިނެޓުގައި ގޯލެއް ޖަހައި އުރުގުއާއީއަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ. ވީނިއާ ބޮލުން ފޮނުވާލި ހަމަލާއެއް، ސައުދީ ކީޕަރު އަލް އޮވައިސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އުގުރުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އަރައުހޯއެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ވެސް އުރުގުއާއީން ވަރފުގަދަކޮށް ފެނުނުއިރު، ފެޑެރީކޯ ވަލްވާޑޭ އާއި ނިކޮލަސް ޑެ ލާ ކްރޫޒް ވަނީ ސައުދީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފއިއެވެ. ނަމަވެސް މި ނުރައްކާތެރި ހަމަލާތައް ވެސް ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗު ނިމިގެން ދިޔައީ ދެ ޓީމު 1-1 އިން އެއްވަރުވެ އޮވެއެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އަލަށް ވާދަކުރާ ކޭޕް ވާޑް އެވެ. އެ ދެ ޓީމުގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އަލަށް ވާދަކުރާ ކޭޕް ވާޑް ބައްދަލުކުރި މެޗު ވެސް ވަނީ 0-0 އިން އެއްވަރުވެފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ޖީގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއާއީ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި ފޯރިގަދަ މެޗެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އުރުގުއާއީން ރަނގަޅަށް ކުޅުނު ނަމަވެސް، 40 ވަނަ މިނެޓުގައި އަބްދުﷲ އަލް އަމްރީ ވަނީ ސައުދީއަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި އުރުގުއާއީން ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 80 ވަނަ މިނެޓުގައި މެކްސިމިލިއާނޯ އަރައުހޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުގައި ސައުދީގެ ގޯލްކީޕަރު އަލް އޮވައިސް ވަނީ އުރުގުއާއީގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، މެޗުގެ ނަތީޖާ އެއްވަރުކޮށް ހިފެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެއާއެކު، މި ގްރޫޕުގައި ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރި މެޗު ވެސް 0-0 އިން އެއްވަރުވުމުން، ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

  • މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ސައުދީގެ އަބްދުﷲ އަލް އަމްރީ ކާމިޔާބުކުރިއެވެ.
  • އުރުގުއާއީއަށް ނަތީޖާ ހަމަހަމަކޮށްދިނީ 80 ވަނަ މިނެޓުގައި މެކްސިމިލިއާނޯ އަރައުހޯއެވެ.
  • ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ އުރުގުއާއީގެ ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
  • ގްރޫޕްގައި ހިމެނޭ ސްޕެއިން އަދި ކޭޕް ވާޑް ބައްދަލުކުރި މެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
  • ދެ މެޗު ވެސް އެއްވަރުވުމާއެކު މި ގްރޫޕުގެ ޓީމުތަކުގެ މެދުގައި އޮތް ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
comment ކޮމެންޓް