ހުރިހާ ތަފްސީލަކާ އެކު، އައިހެވަންގެ މާސްޓާޕްލޭން މިމަހު ނިމޭނެ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --- ސަން ފޮޓޯ: ފަތުހުﷲ ޔާމީން ސައީދު

ސަރުކާރުން އިހަވަންދިއްޕޮޅުގައި ހިންގަން ރާވާފައިވާ އައިހެވަން މަޝްރޫއު ހިނގާނެ ގޮތުގެ ހުރިހާ ތަފްސީލަކާ އެކު، އެ މަޝްރޫއުގެ މާސްޓާޕްލޭން މި މަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ނިންމައި، އެ މަޝްރޫއުގެ މާސްޓާޕްލޭން ހެދުމަށް ސަރުކާރުން ހަވާލުކުރީ ސިންގަޕޫރުގެ ސުރުބާނާ ޖުރޯންގް ކުންފުންޏަށެވެ. ސުރްބާނާ ޖުރޯންގްއަކީ އިންޑިއާގެ އަންދްރާ ޕްރަދޭޝް ސްޓޭޓުގައި އަލަށް ތަރައްގީކުރާ، ވެރިކަންކުރާ ސިޓީ އަމަރަވަތީގެ މާސްޓާ ޕްލޭން ވެސް ހެދި ކުންފުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ސަރަހައްދުގައި ހިނގާ ބައެއް މަޝްރޫއުތައް ބަލާލުމަށް ބޭއްވި ޓުއާއަކަށް ފަހު އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައިހޭވަންގެ މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ މާސްޓާޕްލޭން ހަދައި ނިމުމުން، އެ ޕްރޮޖެކްޓުގައި ހިމެނޭ ހުރިހާ ކަމެއްގެ ތަފްސީލުތައް އެނގިގެން ދާނެ ކަމަށެވެ.

"އެނގޭނެ ހުރިހާ ޑީޓެއިލެއް. މަގުތައް ދާނީ ކިހިނެއްތޯ، ބަނދަރު އޮންނާނީ ކޮންތާކުތޯ، އެއާޕޯޓު އޮންނާނީ ކޮންތާކުތޯ، ގްރީނަރީ ސްޕޭސްތައް އޮންނާނީ ކިހިނެއްތޯ، ފްރީސްޕޭސް އޮންނާނީ ކޮންތާކުތޯ އަދި އިންޑަސްޓްރިއަލް މަސައްކަތްތައް ހިނގާނީ ކޮންތާކުތޯ [އެނގޭނެ]،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ މަސައްކަތަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން މާސްޓާ ޕްލޭނުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ.

އައިހެވަން މަޝްރޫއަކީ 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

އައިހެވަން މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް ވެސް ތަރައްގީ ކުރުމަށް ޕްލޭންގައިވެ އެވެ.

އިހަވަންދިއްޕޮޅު އޮންނަނީ އިރުދެކުނު އޭޝިއާ އާއި ހުޅަނގާ ގުޅުވައިދޭ މައި ޝިޕިންގް ރޫޓު ކަމުގައިވާ، އަށް ޑިގްރީ ކަނޑު (އެއިޓް ޑިގްރީ ޗެނަލް)ގައެވެ. މި މަގު ހުރަސްކޮށް ކޮންމެ އަހަރަކު ވެސް 18 ޓްރިލިޔަނެއްހާ މުދަލާ އެކު ބޯޓުތައް ދަތުރުކުރެ އެވެ.

comment ކޮމެންޓް