ރިއަލް އެސްޓޭޓާއި އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުމާއެކު، ރާއްޖޭގެ އިގްތިސާދަށް 4 ޕަސެންޓުގެ ކުރިއެރުމެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދަށް 4.0 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންބީއެސްއިން އާންމުކުރި 'މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު (އެމްއައިއީޖީ)' ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ އަގު ހުރީ 8،512 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، މި އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އިގްތިސާދީ އުފެއްދުންތެރިކަން ވަނީ 11.6 ޕަސެންޓު ނުވަތަ 1،120 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ.

ސެޕްޓެމްބަރު މަހު އިގްތިސާދު ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއިން އިގްތިސާދީ ކުރިއެރުމަށް 0.9 ޕަސެންޓުގެ ހިއްސާއެއް ކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދައިދީފައެވެ.

މިއާ ޚިލާފަށް، ސެޕްޓެމްބަރު މަހު އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާގެ ހިއްސާ 1.5 ޕަސެންޓު ދަށަށް ގޮސްފައިވާއިރު، ފަތުރުވެރިކަމާއި ކާބޯތަކެތީގެ ޚިދުމަތްދޭ (އެކޮމޮޑޭޝަން އެންޑް ފުޑް ސާވިސަސް) ދާއިރާއިން ވަނީ 0.1 ޕަސެންޓުގެ ދަށްވުމެއް ރެކޯޑުކޮށްފައެވެ.

އިގްތިސާދީ އުފެއްދުންތެރިކަމުގެ ޖުމްލަ ހިއްސާއަށް ބަލާއިރު، ސެޕްޓެމްބަރު މަހު ވެސް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެކޮމޮޑޭޝަން އެންޑް ފުޑް ސާވިސަސް ދާއިރާއިންނެވެ. އެއީ ޖުމްލަ އުފެއްދުންތެރިކަމުގެ 18.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތް ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން 12.0 ޕަސެންޓު ހިއްސާކުރާއިރު، ރިއަލް އެސްޓޭޓް ދާއިރާގެ ހިއްސާއަކީ 9.7 ޕަސެންޓެވެ. އަދި އެންމެ ކުޑަ ހިއްސާއެއް އޮތް ދަނޑުވެރިކަމާއި ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ޓެކްނިކަލް ދާއިރާއިން ހިއްސާކުރަނީ 1.0 ޕަސެންޓެވެ.

comment ކޮމެންޓް