ސާޅީސް އެގްޒިބިޓަރުންނާ އެކު ދެވަނަ ވެކޭޝަންސް އެކްސްޕޯ ފަށައިފި

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ވެކޭޝަންސް އެކްސްޕޯގެ ދެވަނަ މައުރަޒު މިއަދު، ނޭޝަނަލް އާޓް ގެލެރީގައި ހުޅުވައިފިއެވެ.

އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މައުރަޒު ހުޅުއްވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ އެވެ.

ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ މިއަހަރުގެ އެކްސްޕޯގައި 40 އެއްހާ އެގްޒިބިޓަރުން ބައިވެރިވާ ކަމަށާއި އެ މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކޮންމެ ރެއަކު ވިޒިޓް އެންޑް ވިން އިނާމުތަކެއް، ދޭން ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޖުމްލަކޮށް މިލިއަނެއްހާ ރުފިޔާގެ އަގު ހުރި އިނާމުތަކެއް ޒިޔާރަތްކުރާ ފަރާތްތަކަށް ދޭން ވަނީ ހަމަޖައްސާފަ. އޭގެ ތެރޭގަ އުމްރާ ދަތުރުތަކާއި ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ޓިކެޓާއި ހޮޓެލްތަކުގައި މަޑު ކުރުމުގެ ދަތުރު ފަދަ އިނާމުތައް އެބަހުރި އެގްޒިބިޓަރުން ހުށަހަޅާފަ،" ޝާމިން ވިދާޅުވިއެވެ.

އެ އިނާމުތަކުގެ ތެރޭގައި އެއް އަހަރުގެ އަމާނާ ތަކަފުލްގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖަކާއި ލަންކާ ހޮސްޕިޓަލްސް އިން ދޭ މެޑިކަލް ޕެކޭޖަކާއި ބެންކޮކް ހޮސްޕިޓަލްގެ މެޑިކަލް ޕެކޭޖްތައް ހިމެނެއެވެ. އަދި އިނަ މޯލްޑިވްސް އިން ދޭ ޓުއާ ޕެކޭޖަކާއި މޯލްޑިވިއަން އާއި ވިލާ އެއާ އަދި ބެންކޮކް އެއާވޭސްގެ ދެކޮޅު ޓިކެޓާއި މުސާފިރީން ގްރޫޕުން ދޭ އުމްރާ ދަތުރެއް ވެސް ހިމެނެއެވެ.

އިނަ މޯލްޑިވްސް އިން ދެނީ ފްލައި ދުބާއީ އިން ދުބާއީ ދިއުމުގެ ދެކޮޅު ޓިކެޓެވެ. ބެންކޮކް އެއާވޭސްއިން ދެނީ ބެންކޮކް ދެކޮޅު ޓިކެޓެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ މުސާފިރީން ހައްޖު އުމްރާ ގްރޫޕުންނެވެ. އަދި ވޮޔޭޖެސް މޯލްޑިވްސް އިން ވަނީ އަބޫދާބީ ދެކޮޅު ޓިކެޓު ހުށަހަޅާފައެވެ.

މި އިނާމުތަކުގެ އިތުރުން ވެސް އެކްސްޕޯގައި ބައިވެރިވާ ގެސްޓް ހައުސްތަކާއި ހޮޓާތަކުން ވެސް ބައެއް އިނާމުތައް ހުށަހަޅާފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.

އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒްކޮށްފައިވާ މި އަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑާއި ސްރީ ލަންކާގެ ކިންގްސް ބަރީ ހޮޓެލް ފަދަ ތަންތަން ހިމެނެއެވެ.

ވެކޭޝަންސް އެކްސްޕޯގެ މިއަހަރުގެ މައުރަޒު ތަފާތު ވަނީ މެޑިކަލް ބޮޑެތި ބްރޭންޑުތައް ބައިވެރިވާތީއެވެ. ޗުއްޓީ ދަތުރުތަކުގައި އާއިލާގެ މެމްބަރުންގެ ހެލްތް ޗެކަޕް ހެދުމާއި ދުޅަހެޔޮކޮށް ތިބުމަށް އެންމެންވެސް އިސްކަމެއް ދެއެވެ. އެގޮތުން އިންޑިއާއާއި ލަންކާއާއި ބެންކޮކް، ސިންގަޕޯ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދިވެހިން ފަރުވާ ހޯދައެވެ.

މިފަހަރުގެ އެކްސްޕޯގައި ޑާޑެންސްއާއި ލަންކާ ހޮސްޕިޓަލްސް އަދި ބެންކޮކް ހޮސްޕިޓަލްސްއިން ބައިވެރިވާއިރު އެ ހޮސްޕިޓަލުތަކުން ވަނީ އެތަންތަނުން އިންޓަނޭޝަނަލް ޕޭޝަންޓުންނަށް ހުރި ޚިދުމަތްތައް ތަމްސީލް ކުރުމަށް ހަމަޖައްސާފައެވެ.

comment ކޮމެންޓް