ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

ނޯޓު : މިލިޔުމުގެ އަސްލަކަށް ބަލައިފައިވާނީ މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީގެ "އައްރަޙީޤުލް މަޚްތޫމް" އާއި ޑޮކްޓަރަ ނަޞީރު އަހްމަދު ނާޞިރު ލިޔުއްވައިފައިވާ "ޕޭޣަމްބަރެ އަޢުޘަމު ވަ އާޚިރު" އެވެ. މި ދެފޮތަކީ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ސީރަތު ލިޔުމުގެ މުބާރާތުން އެއްވަނަޔަށް ދިޔަ ފޮތާއި ތިންވަނައަށް ދިޔަ ފޮތެވެ.

* * * *

އުޙުދު ހަނގުރާމައިގެ ސަބަބުތައް

އުޙުދު ހަނގުރާމައިގެވެސް ސަބަބަކަށްވީ މައްކާގެ މުޝްރިކުން އިސްލާމީ ދަޢުވަތާއި އިސްލާމީ ދައުލަތާ ހަނގުރާމާ ފަށައިގެން އުޅޭ ދީނީ ، އިޖްތިމާޢީ، އިޤްތިޞާދީ ސަބަބުތަކެވެ. ޤުރައިޝުންގެ ނަޒަރުގައި އިސްލާމި ތަޙްރީކަކީ އެބައިމީހުންގެ ޝިރުކުގެ އަޞްބިއްޔާތަށާއި އެބައިމީހުންގެ ދީނީ ސިޔާދަތަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެކެވެ. ހަމައެފަދައިން މަދީނާގައި އިސްލާމީ ދައުލަތެއް އުފެދުންވެސް އެބައިމީހުން މާނަކުރީ އެބައިމީހުންގެ އިޤްތިސާދަށް ކުރިމަތިވެދާނެ ފޫނުބެއްދޭ ފަދަ ގެއްލުމެއްކަމުގައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޤުރައިޝުންނަކީ އެހައިތަނަށް ބުދަށް އަޅުކަންކުރަމުން އައި މުޝްރިކު ބައެކެވެ. އެހެންކަމުން ޚާލިޞް ތައުހީދުގެ މައްޗަށް ބިނާވެފައިވާ އިސްލާމި ދަޢުވަތަށް އާނއެކޭ ބުނާކަށް އެމީހުން ބޭނުމެއްނުވިއެވެ. ޤުރައިޝުންގެ ދީނީ ފިކުރުގައި އެމީހުން ތިބީ ވަރަށް ބޮޑަށް ޙައްދުފަހަނަޅައިފައެވެ. އެބައިމީހުންގެ ކާބަފައިންގެ ދީން ދޫކޮށްލުން އެއްކިބައިގައި އޮއްވައި އެދީނާ އިދިކޮޅު އެންމެ ލަފުޒެއްގެ އަޑުއަހާކަށްވެސް އެމީހުން ނުރުހުނެވެ. އެހެންކަމުން އިސްލާމީ ދައުވަތު އިއުލާންކުރެވި ވަރުގަދަ ދަލީލުތަކާއި މުގުރައިނުލެވޭފަދަ ހެކިތަކެއްގެ ޒަރީއާއިން ޤުރައިޝުންގެ އަޤީދާގެ ބާޠިލުކަން ހާމަކުރެވޭން ފެށުމުން އެމީހުނަށް އިހްސާސްވީ އެމީހުންގެ ޖާހިލީ ޢަޞަބިއްޔަތުގައި ޖަހައިލެވުނު ވަރުގަދަ އެތިފަހަރެއް ކަމުގައެވެ. އެއެތިފަހަރުގެ ވޭނުގައި އެބައިމީހުންނަށް ކުކުރައިގަނެވުނެވެ. އެތަޙްރީކާއި، ތަޙްރީކުގެ ބާނީއާއި ، ތަޙްރީކުގެ ބައިވެރިންގެ ވަސްވެސް މި ވުޖޫދުން ފޮހެލަން އެބައިމީހުން އަރުވާޖަހައިގެން ތެދުވިއެވެ.

ޢަރަބިކަރައިގައި ކަންހިނގަމުން އައި ގޮތަށް ވިސްނާއިރު ޤުރައިޝުންނަކީ އަރަބީންގެ ދީނީވެރީންނެވެ. އަރަބީންގެ ދީނީ ސިޔާދަތު އޮތީ އެބައިމީހުންގެ މުށުތެރޭގައެވެ. ކަޢުބަތުﷲ ގެ ބެލެނިވެރީންގެ ޙައިޘިއްޔަތުންނެވެ. އެގޮތުން ޢަރަބީންގެ ތެރޭގައި ޤުރައިޝުންގެ މަޤާމާކީ އިންޑިޔާގައި ބުރަހަމަނުންގެ މަޤާމެވެ. ނަމަވެސް އިސްލާމްދީނުގެ އިންޤިލާބީ ތަޙްރީކަކީ ވަކި ނަސްލެއްގެ ބައެއްގެ ދީނީ ލީޑަރޝިޕް ޤަބޫލުކުރާ ޙަރަކާތެއްނޫނެވެ. އެހެންކަމުން ޤުރައިޝުންގެ ނަޒަރުގައި އިސްލާމީ ތަޙްރީކަކީ އެބައިމީހުންގެ ދީނީ ސިޔާދަތަށްވެސް ކުރިމަތިވި ނުރައްކަލެކެވެ. ނަތީޖާއެއްގެ ގޮތުން ޤުރައިޝުންގެ އަޒުމަކަށްވީ ކޮންމެ ފަދަ އަގެއް ދައްކައިގެންވެސް އެބައިމީހުންގެ ދީނީ ސިޔާދަތު ސަލާމަތްކުރުމެވެ.

އިޖްތިމާޢީ ގޮތުން ބަލާއިރު އިސްލާމްދީނަކީ އިންސާނީ ޙައްޤުތަކަށް ވަކާލާކުރާ ދީނެކެވެ. ހުއްދަނޫން މަންފާތައް ހޯދުމާއި، ނުޙައްޤުން އެހެންމީހުން އަޅުވެތިކުމަކީ އިސްލާމްދީން ދެކޮޅުހަދާކަންކަމެވެ. ޤުރައިޝުންނަކީ ޢަރަބީންގެ ތެރޭގައި ނަސްލީވެރިކަމުގެ ބާރުގައި ހުއްދަނޫން ފައިދާތައް ލިބިގަންނަމުން އައި ޖަމާއަތުގެ ބައެކެވެ. އަނެއްކޮޅުން އިސްލާމްދީނަކީ އިންސާނީ އެއްބަނޑު އެއްބަފާކަމާއި، ނަސްލީ ހަމަހަމަކަމާއި، ފަރުދުންގެ މިނިވަންކަމަށް ގޮވާލާދީނެކެވެ. ޤުރައިޝުން އެކަންކަމާ ދެކޮޅެވެ. ހުރިހާ ނަސްލުތަކެއްގެ އިންސާނުންނަކީ އެއް އަސްލެއްގެ އަޚުންތަކެއްކަމާއި މިނިވަންކަމަކީ އިންސާނާ އެޙައްޤެއް ލިބިގެން ދުނިޔެއަށްއަންނަ ޙައްޤެއްކަން ޤަބޫލުކުރާކަށް ޤުރައިޝުން ބޭނުމެއް ނުވިއެވެ. ޤުރައިޝުންގެ ހިތްތަކުގައި އޮތީ އެބައިމީހުންގެ ދަރިކޮޅާއި ޤަބީލާގެ ބޮޑާކަމެވެ. ޤުރައިޝުންގެ ނަޒަރުގައި އެބައިމީހުންނަކީ މަތިވެރި މާތް ބައެކެވެ. އެހެންމީހުންނަކީ ދަށުދަރަޖައިގެ ނިކަމެތި ބައެކެވެ. ނަމަވެސް އިސްލާމްދީން ގޮވައިލީ އެންމެންގެ ހަމަހަމަ ކަމަށެވެ. އެދީނުގެ ނަޒަރުގައި މީހުންގެ މޮޅުދެރަކަމުގެ މިންގަނޑަކީ ތަޤްވާވެރިކަމެވެ. އިސްލާމްދީނުގައި ވާގޮތަށް އަމީރުންނާއި، ފަޤީރުންނާއި، ސާހިބުންނާއި ނޯކަރުންނާއި، ވެރިންނާއި ރައްޔިތުންނަކީ މުޖްތަމަޢުގައި އެއްވަރުބައެކެވެ. މި ނަޒަރިއްޔާތަކަކީ ޤުރައިޝުންގެ ނޭވާކުރުކޮށް ފުރާނަޔަށް ދަތިކުރި ނަޒަރިއްޔާ ތަކެކެވެ. އިންސާނީ ތާރީޚު ބުނާގޮތުގައި ޝިރުކާއި ބުދަށް އަޅުކަންކުރުމާއި، ކާބަފައިންނަށް އަޅުވެތިވުމަކީ ލާމެހިފައިވާ ކަންކަމެވެ. އެހެންކަމުން އެތިންކަންތައްތަކަކަށް ތަޢުހީދުގެ އިންޤިލާބަކާ ބައިވެރިޔެއް ނުވެވުނެވެ.

އިސްލާމީ ތަޙްރީކު މައްކާގައި ހަފުސްވެފައި އޮތްއިރު މުސްލިމުންގެ އިޖްތިމާޢީ އެއްވެސް ޙައިޘިއްޔަތެއްނެތެވެ. ސިޔާސީ އެއްވެސް ބުރަދަނެއްނެތެވެ. މުސްލިމުން ތިބީ ޤުރައިޝުންގެ ފިއްތުންތަކުގެ ދަށުގައެވެ. ޤުރައިޝުންގެ ރުހުމާނުލައި މުސްލިމުންނަކަށް ފިޔަވަޅެއްވެސް ނޭޅެއެވެ. ޤުރައިޝުންގެ އާނބަސް ނުލިބި އެއްވެސް ޙަރަކާތެއްނުހިންގެއެވެ. މިނިވަންކަމާއެކު އަޅުކަންކޮށެއްވެސް ނުލެވެއެވެ. ޤުރައިޝުންގެ ނަޒަރުގައި މުސްލިމުންނަކީ އެމީހުން ހެދިހައިގޮތެއް ހެދޭންތިބި އެމީހުންގެ "މީހުންނެވެ." ޙަބަޝާގެ މުހާޖިރުން ޤުރައިޝުންނާ ހަވާލުކޮށްދެއްވަން ނަޖާޝީއަށް ދެންނެވީ އެފިކުރުގައެވެ. ހަމައެމޭރުމުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުސްލިމުން މަދީނާއިން ބޭރުކުރަން ޔަހޫދީންނަށާއި މުނާފިޤުންނަށް އެންގީ އެވިސްނުމުގައެވެ.

ނަމަވެސް މުސްލިމުން މަދީނާއަށް ހިޖްރަކުރުމާ ވިދިގެން މަދީނާގައިވަނީ އިސްލާމީ ދައުލަތެއް އުފެދިފައެވެ. މުސްލިމުންގެ ޤައުމީ ހައިޘިއްޔަތާއި، ސިޔާސީ އަމިއްލަވަންތަކަންވަނީ އެކަށައެޅި ޤަރާރުކުރެވިފައެވެ. މުސްލިމުންގެ ސިޔާސީ އަސަރާއި ނުފޫޒާއި ބާރު ދިޔައީ ދުވަހެއް ދުވަހަކަށް ކުރިއަރައި ވަރުގަދަވަމުންނެވެ. ޤުރައިޝުން އެކަމާ ވަރަށް ނުރުހުންވިއެވެ. އެކަމަކީ ޢަރަބިކަރައިގައި އެހައިތަނަށް ޢާއްމުވެފައި އޮތް ޤުރައިޝީ ސިޔާސީ ސިޔާދަތަށް ފާޅުގައި ގޮންޖެހުމެއްކަމުގައި ބެލިއެވެ.

ޤުރައިޝުންގެ އިޤްތިސާދީ ބާރާއި ނުފޫޒުގެ އެންމެ ވަރުގަދަ ސަބަބަކީ ޒަމާނުއްސުރެ ޢަރަބިކަރައިގެ ވިޔަފާރީގެ މައްޗަށް އެބައިމީހުން ހިންގައިފައި އޮތް ވަރުގަދަ ނުފޫޒެވެ. ޤުރައިޝުންގެ ވިޔަފާރި ދަތުރުތަކުގެ މަގުތައް ބަންދުކޮށް މުސްލިމުންވަނީ އެއުރެންގެ އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކޮށްފައެވެ. ބަދުރުގެ މައިދާނުގައި މުސްލިމުން ޤުރައިޝުންގެ މައިކަށި ބިންދައިލުމާއި ވިދިގެން މުސްލިމުންގެ އިޤްތިސާދީ ހިޞާރު ފޫވައްޓައިލުމަށްޓަކައި ޤުރައިޝުން މަސައްކަތްކުރިއެވެ. ޞަފްވާނު ބުނު އުމައްޔަތުގެ ވެރިކަމުގެ ދަށުގައެވެ. ނަމަވެސް އެމަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ޒައިދުބިން ޙާރިޘަތު ރަޟިޔަﷲ ޢަންހުގެ ވެރިކަމުގެ ދަށުގައި ވަޑައިގެންނެވި މުޖާހިދުންވަނީ ޞަފުވާނުގެ މުދާ ޤާފިލާ އެކަށް އަތުލައިގަންނަވައިފައެވެ. ނަތީޖާއެއްގެ ގޮތުން ޤުރައިޝުންގެ އިޤްތިޞާދީ އުދަރެސް ބަނަވިއެވެ. ކަޅުވިލާތަކަކުން ބައްދައިލިއެވެ. މިކަންވީ ޤުރައިޝުންގެ ހިތްތަކުގައި ރޯވެފައި އޮތް ބަދަލު ހިފުމުގެ އަލިފާންގަނޑަށް ހިކިދަރުތަކެއް އަޅައިލުން ފަދަކަމަކަށެވެ.

ބަދަލުހިފުމުގެ ހަނގުރާމަޔަކަށް ތައްޔާރުވުން

މިހުރިހާ ސަބަބުތަކެއް މިހެން ހުރުމާއެކު ޤުރައިޝުން ކަނޑައެޅީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއްކޮށް އެބައިމީހުންގެ ހިތްތަކަށް ފިނިކަން ހޯދުމަށެވެ. އެބައިމީހުންގެ ސިނގުރުޅިގަނޑު ފިލުވައިލުމަށެވެ. އެހެންކަމުން ޤުރައިޝުން ހަނގުރާމައިގެ ތައްޔާރީތަކަށް ފަށައިގަތެވެ. ޤުރައިޝުންގެ ބޮޑުންގެތެރެއިން އެމަސައްކަތުގައި އެންމެ ކުރިޔަށް ނިކުމެތިބީ އިކްރިމާ ބިން އަބީ ޖަހުލާއި، ޞަފުވާންބިން އުމައްޔަތާއި، އަބޫ ސުފްޔާން ބިން ޙަރުބާއި ޢަބްދުﷲ ބިން އަބީ ރަބީޢަތެވެ. އެބައިމީހުންގެ އެންމެ ފުރަތަމަ ފިޔަވަޅަކަށް ހެދީ ބަދުރުގެ ހަނގުރާމައިގެ ކުރީން ޝާމުކަރަޔަށް ފޮނުވި މުދާ ޤާފިލާގެ ހުރިހާ ފައިދާއެއް ހަނގުރާމަޔަށް ތައްޔާރުކުރަން ޚަރަދުކުރުމަށް ޤުރައިޝުން އެއްބަސްކުރުވުމެވެ. އެޤާފިލާއަކީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ހަތިޔާރުގެންނާނެ ފައިސާ ހޯދުމަށް ޝާމުކަރަޔަށް ފޮނުވުނު ވިޔަފާރި ޤާފިލާއެވެ. ބަދުރު ހަނގުރާމަޔާ ވިދިގެން އެފައިސާތައް ހުރީ ދާރުއްނަދުވާގައި ރައްކާކޮށްފައި ބަހައްޓައިފައެވެ.

އިސްވެދެންނެވުނު ހަތަރު މީހުން ޤުރައިޝުންނާ ބައްދަލުކޮށް ވާހަކަ ދެއްކިއެވެ. އެމީހުން ބުންޏެވެ.

" އޭ ޤުރައިޝުންނޭވެ! މުޙައްމަދުގެފާނު ވަނީ ތިޔަބައިމީހުންގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް ޖައްސަވައިފައެވެ. ތިޔަބައިމީހުންގެ ޢިއްޒަތްތެރި ސަރުދާރުންކުރެ އެތައްބަޔަކު ޤަތުލުކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނާ ހަނގުރާމަކުރުމަށް މިމުދަލުން އެހީވެދޭށެވެ. އޭރުން އަހަރެމެންގެ އަޝްރާފުންގެ ބަދަލުހިފެވުމަކީ އެކަށީގެންވާ ކަމެކެވެ." ޤުރައިޝުން އެ ހުށަހެޅުން ޤަބޫލުކުރިއެވެ. މުދާ ޤާފިލާގެ ފައިދާއަށް ލިބުނު އެއްހާސް ޖަމަލާއި ފަންސާސް ހާސް ދީނާރު ހަނގުރާމަޔަށް ހޭދަކުރަން އެއްބަސްވިއެވެ. ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައިވަނީ އެވާހަކަ ބަޔާން ކުރައްވައިފައެވެ.

" ހަމަކަށަވަރުން، ކާފިރުވި މީހުން، ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެމުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ." (ސޫރަތުލް އަންފާލު :36)

ޤުރައިޝުންގެ ބޮޑުންގެ ދެވަނަ މަސައްކަތަކަށް ހެދީ މުސްލިމުންނާ ހަނގުރާމަޔަށް ހިލޭ ސާބަހަށް ނިކުންނާނެ މީހުން ހޯދުމެވެ. އަހާބީޝުންނާއި، ކިނާނަތުވަންހައިންނާއި، ތިހާމަތުގެ އަހްލުވެރިންގެ ތެރެއިން ބޭނުން ބަޔަކު ޤުރައިޝުންގެ ދިދައިގެ ދަށަށް ޖަމާވާން ޢާއްމުކޮށް ހުޅުވައިލުމެވެ.

ހަމައެފަދައިން މީހުންގެ ހިތްތަކުގައި ހަނގުރާމައިގެ ވައްޖިދާއި ބަދަލުހިފުމުގެ ޖޯޝު އުފެއްދުމަށްޓަކައި ޅެންވެރީންގެ ޚިދުމަތްވެސް ހޯދިއެވެ. އެދުވަސްވަރު މީޑިޔާގެ އެންމެ ވަރުގަދަ ވަސީލަތަކީ ޅެންވެރިންގެ ޅެންތަކެވެ. ޢަރަބި ޝާއިރުން އެމީހުންގެ ކަނިބުރައިގެންދާ ފަދަ ޅެންތަކުން މީހުންގެ ހިތްތައް ކައްކައިލައެވެ. ތަބީޢަތުގައި ބަދަލުހިފުމުގެ އަލިފާން ރޯކޮށްލައެވެ. މިގޮތުން ޤުރައިޝުންގެ ޚިދުމަތަށް ނެރުނު އެންމެ މަޝްހޫރު ދެޝާއިރުންނަކީ އަބޫޢިއްޒަތުލް ޖުމަޙީ އާއި، މަސާފިޢު ބުނު ޢަބްދު މަނާފު އަލް ޖުމަޙީއެވެ. މިދެމީހުންކުރެ އަބޫ އިއްޒަތުލް ޖުމަޙީއަކީ ބަދުރު ހަނގުރާމާއިގައި ހައްޔަރުވި މީހެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީލަތިފުޅުކަމުން އޭނާ ދޫލޮށްލެއްވީ ފިދުޔަ އަތުލެއްވުމަކާ ނުލައެވެ. އޭނާގެ އަތުގައި ފިދުޔަ ދޭނެ ފައިސާ ނެތިގެންނެވެ. ކައުސާހިބާ އޭނާ ދޫކޮށްލެއްވުމުގައި ޝަރުތުކުރެއްވީ އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅު ހަރަކާތެއްގައި ބައިވެރިނުވުމެވެ. ނަމަވެސް ޞަފްވާން ބިން އުމައްޔަތު އޭނާއަށް ވާސް ދިނުމުން އަޙްދު އުވައިލައިފައި ޞަފުވާނުގެ ޚިދުމަތަށް ނިކުތީއެވެ.

މިހަނގުރާމައަށް މީހުން އެއްކޮށް މީހުންގެ ހިތްތަކުގައި ބަދަލު ޖޯޝުއުފެއްދުމަށްޓަކައި ޤުރައިޝުންގެ އަޝްރާފުންގެ ތެރެއިން ފަނަރަ އަންހެނަކުވެސް ފޯރިއާއެކު ހަރަކާތްތެރިވިއެވެ. ޤުރައިޝު ވަންހައިގެ އަންހެނުންނަކީވެސް ފިރިހެނުން ފަދައިން މުބާރިޒާ އަށް ދަޢުވަތުދޭ ބައެކެވެ. ޖެހިލުންކުޑަ ބައެކެވެ. ބަދަލުހިފުމުގެ މިޖާޒުގެ ބައެކެވެ. ޤުރައިޝުންގެ ތެރެއިން މިހަނގުރާމަޔަށް ބާރުދޭން ނިކުތް އަންހެނުންގެ ތެރޭގައި މިދަންނަވާ މީހުން ހިމެނެއެވެ.

(ނުނިމޭ)

comment ކޮމެންޓް