ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕިއެމް އިން ވަކިވެވަޑައިގެންފިއެވެ.
ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލަތީފް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަމިއްލަގޮތުން އިންތިޚާބުވި ކަމުގައިވިޔަސް ޕީޕިއެމާ ގުޅުނީ ގައުމާއި ދިއްދޫ ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރުމުގެ ފުރިހަމަ އަޒުމާއި އުންމީދުގައި ކަމަށެވެ. ހަމައެހެންމެ ޕީޕިއެމާ ގުޅުނީ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލިސްގެ އެތެރެއިންނާއި ބޭރުން މަސައްކަތްކުރުމުގެ ނިޔަތުގައި ކަމަށް ލަތީފް ވިދާޅުވިއެވެ.
ނަމަވެސް ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމް އިސްވެ އޮވެ މަޖިލީހުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކަކީ ޒުވާނުންނާއި މުޅި ގައުމުގެ ހެވާއި ލާބަޔަށް ނިންމާފައިވާ ނިންމުންތަކެއް ނޫންކަން އޭނާ އަށް އިހްސާސް ކުރެވޭ ކަމަށް ލަތީފް ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރަކަށްވީތީ މިހާތަނަށް އޭނާ ވާނީ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ ވިޕްލައިންތަކާ އެއްގޮތަށް އަމަލުކޮށްފައި ކަމަށާއި ނަމަވެސް ޕީޕީއެމްގެ ނިންމުންތަކާއި ސަރުކާރުގެ ސިޔާސުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ވެސް އެނގިވަޑައިގެންފި ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ލަތީފް ވަނީ ސޮއިކުރައްވާފައެވެ.