ޞަޙާބީންގެ މަތިވެރިކަން -2

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު...

.

ފިޠުރީ ސިފަފުޅުތައް

އިންސާނީ ތާރީޚުގެ އެންމެކުރީ ދައުރުގެ ސޮސައިޓީއާ ބެހޭގޮތުން އަށާރަވަނަ ސައްތަޔާއި ނަވާރަވަނަ ސައްތައިގެ ކުރީކޮޅުގައި ކުރެވުނު ދިރާސާތަކުން ޤަބޫލުކުރެވުނު ގޮތުގައި ތާރީޚުގެ ކުރީ ދައުރުގެ އިންސާނުންނަކީ ވިސްނުމުގެ ގޮތުންނާއި އަޚްލާޤީ ގޮތުން ނިކަމެތިބައެކެވެ. ނަމަވެސް ވިހިވަނަ ޤަރްނުގައި ޢިލްމުލްއިންސާނު (Anthropology) ގެ ޢިލްމުވެރީން ކުރައްވާފައިވާ ތަޙްޤީޤުތަކުން ވަނީ ކުރީގެ ޚިޔާލުތައް މުޅީން ބަދަލުވެފައެވެ. މިހާރުގެ ހޯދުންތަކުން ސާބިތުވެފައިވާ ގޮތުގައި އެންމެ ކުރީގެ އިންސާނުންނަކީ ނުހަނު މަތީ ފެންވަރެއްގެ ބަޔެކެވެ. އިންސާނީ ސިފަޠަކުގެ ޙައިޘިއްޔަތުން ބަލާއިރު އެބައިމީހުންނަކީ އެންމެ މަތީ ފެންވަރުގެ އިންސާނުންކަން ވަނީ ސާބިތުވެފައެވެ.

މިދެންނެވި އާ ހޯދުންތަކަށްފަހު ސޯޝިޔަލޮޖީގައި މުޅިން އާ ދާއިރާއެއް ވަނި އުފެދިފައެވެ. އެބަޔަށް ކިޔާ ނަމަކީ (Primitivism) އެވެ. މިފަންނުގެ ދިރާސާތަކުން ސާބިތުވަފައިވާ ގޮތުގައި ތާރީޚުގެ އެންމެކުރީ ދައުރުގެ އިންސާނުންނަކީ އެބައިމީހުންގެ ސިފަތަތަކަށް ބަލާއިރު "އައިޑިޔަލް" އިންސާނުންނެވެ. މިޒަމާނުގެ އިންސާނުން އެބައިމީހުނާ ތަބާވާންޖެހެއެވެ.

މި ނަޒަރިއްޔާއަކީ އިސްލާމްދީނުގައިވާ ތާރީޚުގެ ތަޞައްވުރާ އެއްގޮތް ނަޒަރިއްޔާއެކެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި އެންމެކުރީ ދައުރުގެ އިންސާނުން ތިބީ އެއް އުންމަތެއްގެ ގޮތުގައެވެ. އެބައިމީހުން ތިބީ އަރަހުށި މާތްﷲ، އެންމެ ފުރަތަމަ އިންސާނާ (އާދަމުގެފާނު) އުފެއްދެވިއިރު ކަނޑައަޅުއްވައިފައިވާ ތެދުމަގުގައެވެ. ދުވަސްތަކެއްގެ ފަހުން އިންސާނުން މަގުން އެއްކިބާވާން ފެށިއެވެ. އެބައިމީހުންގެ މެދުގައި ޚިލާފު އުފެދި މަގުފުރެދެމުން ދާން ފެށިއެވެ. މާތްﷲ ނަބީބޭކަލުން ފޮނުއްވާން ފެއްޓެވީ އެހައިތަނުންނެވެ. އެންމެފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވައިފުމަށް ދާންދެނެވެ.

އެންމެކުރީ ދައުރުގެ އިންސާނުން ރަނގަޅު ގޮތުގައި ތިބީ ކީއްވެގެންތޯއެވެ؟ އާދެ، އޭގެ ސަބަބަކީ އެބައިމީހުން ފިޠުރަތާ އެއްގޮތަށް ތިބުމުގެ ސަބަބުންނެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންގެ ކިބައިގައި ލައްވާފައިވާ ފިޠުރަތަކީ އިންތިހާ ދަރަޖައިގެ މަތިވެރި ސިފަތަކެއް ލިބިގެންވާ ފިޠުރަތެކެވެ. މާތްﷲ އިންސާނުން އުފައްދަވައިފައިވާ ފިޠުރަތުގައި އިންސާނުން ދެމިތިބިހާ ދުވަހު އެބައިމީހުން ތިބީ އެންމެ ފުރިހަމަ އިންސާނީ ސިފަތަކުން ސިފަ ލިބިގެންނެވެ. ދެން ފެށުނީ ތަމައްދުންގެ ދައުރެވެ. މަޞްނޫޢީ ތަމައްދުނުގެ ސަބަބުން އިންސާނާގެ ފިޠުރަތު އޮއްބައިލެވި އޭނާގެ މައްޗަށް މަޞްނޫޢީ ތަމައްދުންގެ ސިފަތައް ގަދަވެގަތެވެ.

އިންސާނީ ތާރީޚުގެ ފަހުގެ ދައުރުތަކުގައި މާތްﷲ ފޮނުއްވި ނަބީބޭކަލުންނާމެދު އިންސާނުން އިންކާރު ކުރަމުން ގެންދިޔައީ އެބައިމީހުންގެ ފިޠުރަތަށް ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިންސާނީ ފިޠުރަތު ނުބައިމަގަށް އެޅުމުން އިންސާނީ ފިޠުރަތާއި މާތްﷲގެ ދީނާ ހުރި ގުޅުން މެދުކެނޑިއްޖެއެވެ. އިންސާނާއަށް އޭނާގެ ނުރަނގަޅު ވެފައިވާ މިޒާޖުގެ ސަބަބުން ނަބީބޭކަލުން ފާހަގައެއް ނުކުރެވުނެވެ. އެބޭކަލުންގެ ގޮވައިލެއްވުމަށް އާދޭހެވެ ދަންނަވާ މީހަކަށެއް ނުވެވުނެވެ. އެތަކެއްހާސް އަހަރު ވަންދެން މި ސިލްސިލާ މިގޮތަށް ހިނގަމުންއައެވެ.

ސަލާމްލެއްވި އިބްރާހިމްގެފާނުގެ ގޮވައިލެއްވުމުން ޢިރާޤުގެ އަހްލުވެރީންނަށް އަސަރެއް ނުކުރުމުން ސާބިތުވީ އިންސާނާގެ ނާޤާބިލުކަން އޭގެ ނިހާޔާތަށް ހިނގައްޖެކަމެވެ. މާތްﷲގެ ނިޔާފުޅާ އެއްގޮތަށް އެހާތަނުން ރޭއްވެވިގެންދިޔަ މަޝްރޫޢަކީ އާނަސްލެއް ތައްޔާރުކުރެއްވުމުގެ މަޝްރޫއެވެ. އަރަހުށި މާތްﷲގެ އަމުރުފުޅަށް އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ޢަރަބިކަރައިގެ ޞަޙަރާގައި ވަޒަންވެރިކުރެއްވިއެވެ. އޭރު އެތާނގައި އޮތީ ހަމައެކަނި ފިޠުރަތުގެ ވެއްޓެކެވެ. ފިޠުރަތުގެ މަޒްހަރުތައް ފިޔަވައި އެހެން އެއްޗެއް އެތާކު ނެތެވެ.

މިދެންނެވި ޞަޙަރާގެ ވެށީގައި އައު ނަސްލެއް ތައްޔާރުވާން ފެށިއެވެ. ތަމައްދުނާ މުޅިން އެކަހެރި ވެފައިވާ ގޮތެއްގައި އެނަސްލު ބޮޑުވަމުން ދިޔައެވެ. ދަރިމައިވުމުގެ ޒަރީޢާއިން އެނަސްލު އިތުރުވަމުން ދިޔައެވެ. ދެހާސް ފަސްސަތޭކަ އަހަރުގެ މުއްދަތުގެ ތެރޭގައި އާ ޤައުމެއް ތައްޔާރުވިއެވެ. އެ އާ ޤައުމުގެ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް އެންމެކުރި ދައުރުގެ އިންސާނުންގެ ކިބައިގައިހުރި މަތީ ފެންވަރުގެ ފިޠުރީ ސިފަތައް ހުއްޓެވެ. އެ ފިޠުރީ އިންސާނީ ސިފަތައް އެޤައުމުގެ ފާހަގައެއްކަމުގައި ހިމެނުނެވެ.

ޤަދީމީ ޢަރަބީންގެ މަތިވެރި އިންސާނީ ސިފަތައް ބަޔާންކުރުމަށްޓަކައި އެއީ ފިރިހެންވަންތަ ބަޔެކޭ ދެންނެވިދާނެއެވެ. އެސިފަޔަކީ މިޒާމާނުގެ ތަޢުބީރުގައި " އިންސާނުންގެ އިބްތިދާއީ ސިފަތައް" ކަމުގައި ބުނެވޭ ސިފަތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އިސްމާޢީލުގެފާނުގެ ނަސްލުންއައި އެސަޙަރާގެ ޤައުމަކީ އިންސާނުންގެ އެންމެ ކުރީގެ މުޖްތަމަޢު ދެވަނަ ފަހަރަށް ދިރުއްވުން ނުވަތަ ތައްޔާރުކުރެއްވުމުންކަމުގައި ދެންނެވިދާނެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޢަރަބީންގެ ޖައުހަރާ ބެހޭގޮތުން ސުވާލު ދެންނެވުނުހިނދު ޙަދީޘު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ޖާހިލިއްޔަތުގައިވެސް ރަނގަޅު މީހުންވާނީ އިސްލާމްދީނުގައިވެސް ރނގަޅު މީހުން ކަމުގައެވެ. " އެންމެ ކުރީގެ ދައުރުގެ މުސްލިނުންގެ އާދަޔާޚިލާފު މޮޅު ސިފަތަކަކީވެސް އެޒަމާނުގެ ޢަރަބީންގެ ޖައުހަރުގެ ނަތީޖާއެވެ.

އަނަސްބިން މާލިކު ރަޟިޔަﷲ ޢަންހު ޞަޙާބީންނާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. "މާތްﷲ ގަންދެމެވެ. އަހަރެމެން ދޮގުހަދައެއް ނުއުޅެމުއެވެ. ދޮގުހަދަނީ ކިހިނަކުން ކަމެއްވެސް އަހަރެމެން ނުދަންނަމުއެވެ."

ޢަރަބިކަރައިގެ ޞަޙަރާގައި ފިޠުރީ ސިފަތަކުން ސިފަ ލިބިގެން ތައްޔާރުވި އިންސާނުންގެ ތެރެއިން ހޮއްވަވައިލެއްވި އަފްރާދުންތަކެއް އިސްލާމްވެ ވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ އެކުވެރީން ކަމުގައި ވެވަޑައިގެންނެވިއެވެ. ޝައްކެތްނެތެވެ. އެއީ އެއްވަނަ ދަރަޖައިގެ މޮޅު "ރޯމުދަލެވެ." އިސްލާމްދީނުން މަޢުރިފާ ލިބިވަޑައިގެން، އިތުރު ސާހިބާގެ އެކުވެރިކަމުން އުއްތިވަޑައިގަތުމުން އެބޭކަލުންގެ ޖައުހަރުގެ އޮފު ގަދަވެ އަލިވެ ވިދައި ބަބުޅައިގަތީ އަމަށަކު ވަރަކަށެއްނޫނެވެ.

comment ކޮމެންޓް