އޭސީސީއަށް ހާޒިރު ވެވަޑައިގެންނެވިދާނެ ދުވަހާއި ވަގުތު ވެސް މައުމޫން އަންގަވައިފި

ރައީސް މައުމޫން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަޑައިގެންނެވިދާނެ ދުވަހާއި ވަގުތު ވެސް އެ ކޮމިޝަނަށް މައުމޫން އަންގަވައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީއަށް މައުމޫން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭސީސީގެ އޮފިޝަލުން އެމަނިކުފާނު އަރިހަށް ވަޑައިގެން ސުވާލު ދެންނެވުމުގެ ބަދަލުގައި ބޭނުންފުޅުވެވަޑައިގަންނަވަނީ އޭސީސީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށެވެ.

"މި ކަމަށްޓަކައި ތިޔަ ކޮމިޝަނުގެ ތަހުގީގު ޓީމު އަޅުގަނޑުގެ ގާތަށް ވަޑައިގަތުމަށް ވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޟިރުވުމެވެ." މައުމޫން ފޮނުއްވެވި ސިޓީގައިވެ އެވެ.

އެގޮތުން މި ހަފްތާގެ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުން ކުރެ ކޮންމެ ދުވަހެއްގައި ވެސް އެ ކޮމިޝަނަށް ވަޑައިގެންނެވިދާނެ ކަމަށާއި ކޮމިޝަނަށް ވަޑައިގެންނެވޭނީ މެންދުރުފަހު 1:00ގައި ކަމަށް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އޭސީސީއަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލަކީ މައުމޫން ހަމީދު ކަމަށެވެ.

ތީމުގޭގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓުގައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވާފައިވާ ކަމަށެވެ.

ރައީސް މައުމޫނަށް ރައްޔިތުން ކުރި އިތުބާރަށް އެމަނިކުފާނު ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ނައީމް ފާހަގަ ކުރައްވާފައިވެ އެވެ.

އެގޮތުން ވަކި ބަޔަކަށް ނުވަތަ އަމިއްލަ ފައިދާއަށް ރައީސް މައުމޫން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން އަމިއްލަ ކަންތައްތަކަށާއި އާއިލީ ކަންކަމަށާއި ގާތްތިމާގެ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން މައުމޫން ކުރެއްވި ހަރަދުތައް އެމަނިކުފާނުގެ އަތްޕުޅުން ހޯއްދަވަން ޖެހޭނެ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އާންމުު ކުރެއްވި އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތީމުގެއަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ.

އެ ރިޕޯޓުގައި 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ހިންގާފައިވާ ހަރަދުތަކަށް ހިމަނާފައިވެ އެވެ. އަދި 2002 ވަނަ އަހަރު ރައީސް މައުމޫން ބައްލަވައިގަތް ލޯންޗުގެ ހަރަދުތަކަށް ވެސް އެ އޮޑިޓުގައި ބަލާލާފައިވެ އެވެ.

comment ކޮމެންޓް