ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހާޒިރުކުރީ ވިލިނގިލީ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވިއިރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސައެއްގައި ކަމަށް އޭނާ ބުނެފި އެވެ.
އޭސީސީ އަށް މިއަދު ހެނދުނު ހާޒިރުވުމަށްފަހު ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އޭނާ އެ އިދާރާއަށް ހާޒިރުކުރީ ވިލިނގިލި ކައުންސިލް އިދާރާގައި މަސައްކަތް ކުރި ދުވަސްވަރުގެ މައްސަލައެއްގައި ކަމަށެވެ.
ޑީއާރްޕީގެ ޓިކެޓުގައި 2011 ވަނަ އަހަރު ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވައި، ވިލިނގިލީ ރަށު ކައުންސިލަރުގެ މަގާމަށް އިންތިހާބުވި ސައުދަކީ އެ ރަށު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސެވެ.
ސައުދު ވިދާޅުވީ އޭސީސީން އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލާގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސައުދު ވިދާޅުވީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އޭނާއާ މެދު ތުހުމަތުކުރެވޭ އެއްވެސް މައްސަލައެއްގައި ތަހުގީގެއް ކުރާނަމަ އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގައި ހުންނެވުމަށްފަހު ސައުދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ.
އިތުރު މައްސަލައެއްގައި ސައުދު މިއަދު އޭސީސީއަށް ހާޒިރުކުރި އިރު އޭނާ ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ފުލުހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ފުލުހަށް އޭނާ ހާޒިރުކުރީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅޭ ކަމަށް ކުރެވޭ ތުހުމަތަކާ ގުޅިގެންނެވެ.