'ޓިއުބްލައިޓް'ގެ ޑިސްޓްރިބިއުޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ހުށަހަޅަނީ

ފިތުރު އީދާއި ދިމާކޮށް ރިލީޒް ކުރި ސަލްމާން ޚާންގެ 'ޓިއުބްލައިޓް' އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރި ފިލްމެވެ. ފިލްމާ މެދު ބޮޑެތި އުންމީދު ތަކެއް ވެސް ކުރެވުނެވެ. އަދި 'ބާހޫބަލީ 2: ދަ ކޮންކްލޫޝަން' ފަހަތަށް ޖައްސާލާނެ ފިލްމަކީ 'ޓިއުބްލައިޓް' ކަމަށް ގިނަ ބަޔަކު ހީކުރި އެވެ.

އެހެން ނަމަވެސް 'ޓިއުބްލައިޓް' އަށް، އުންމީދު ކުރި ވަރުގެ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. ކްރިޓިކުންގެ އިތުރުން ސަލްމާންގެ ސަޕޯޓަރުންނަށް ވެސް ފިލްމު ކަމަކު ނުދިޔައެވެ.

ފިލްމަށް މިހާތަނަށް 100 ކުރޯރުގެ އާމްދަނީއެއް ލިބިފައި ވީނަމަވެސް، ވިޔަފާރި އަންނަނީ ދަށްވަމުންނެވެ. އެހެން ކަމުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފިލްމުގެ ޑިސްޓްރިބިއުޓަރުންނަށެވެ.

ޚަބަރުތައް ބުނާގޮތުން ކަބީރު ޚާންގެ ފިލްމުގެ ބައެއް ޑިސްޓްރިބިއުޓަރުން މިހާރު ވަނީ އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނިންމައި އެކަމާ ގުޅޭގޮތުން ސަލްމާން އާއި ބައްދަލު ކުރުމަށް ނިންމައިފައެވެ.

ނަން ހާމަ ނުކުރުމަށް އެދި ޑިސްޓްރިބިއުޓަރަކު ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ސަލްމާންގެ ފިލްމުތަކުން ތިން ދުވަހުން 100 ކުރޯރު ހޯދި ނަމަވެސް 'ޓިއުބްލައިޓް' އަށް 100 ކުރޯރު ލިބުނީ އެއް ހަފްތާ ފަހުން ކަން ފާހަގަ ކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން ކުދި ސިނަމާތަކުން ޑިސްޓްރިބިއުޓަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ސިނަމާއަކުން އެއް ކުރޯރަށް ވުރެ ބޮޑު ގެއްލުން ވެފައި ވާއިރު، ޖުމްލަ 40-50 ކުރޯރުގެ ގެއްލުން ވަނީ ލިބިފައި. މިއީ މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރު. ޑިސްޓްރިބިއުޓަރުން ވަރަށް އުންމީދު ކުރޭ މި ގެއްލުމުގެ ބަދަލު ސަލްމާން ދޭނެ ކަމަށް،" އޭނާ ބުންޏެވެ.

'ޓިއުބްލައިޓް' އަކީ ފާއިތުވި ހަތް އަހަރު ތެރޭގައި ވެސް 150 ކުރޯރުގެ އާމްދަނީއެއް ނުލިބޭނެ ސަލްމާންގެ ދެވަނަ ފިލްމެވެ.

ސަލްމާންގެ އިތުރުން 'ޓިއުބްލައިޓް' އަކީ ޑައިރެކްޓަރު ކަބީރު ޚާންގެ ފަރާތުން ވެސް ފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ދަށް އުފެއްދުމެވެ. ކަބީރު އާއި ސަލްމާންގެ ކުރީގެ ދެ ފިލްމު ކަމުގައިވާ 'ބަޖްރަންގީ ބާއިޖާން' އަދި 'އެކް ތާ ޓައިގަރ' އަކީ ވެސް ސުޕަހިޓް ދެ ފިލްމެވެ.

ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދަނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. ޒޫ ޒޫގެ އެކްޓިންގ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ.

comment ކޮމެންޓް