އަދީބު ބޭސްފަރުވާއަށް ފޮނުވުމަކީ ލާޒިމްކަމެއް ނޫން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި އެއީ ލާޒިމްކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިނުދޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އުމަރު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެދުނުނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ނުފޮނުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައިދީން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަންޖެހޭކަމަށް ގާނޫނުގައި ބުނެފައިނުވާނެ ކަމަށާއި ރާއްޖެއިން ދެވެން އޮތް އެންމެ ރަނގަޅަކަށް ބޭސްފަރުވާ ކޮށްދޭންޖެހޭނެ ކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވައިފިނަމަ ފިއްލަވާފާނެ ކަމަށް ހީވަނީ ނޫން ކަމަށާއި އެއީ ޔަގީންވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާނެކަން. ހީވަނީކީއެއް ނޫން. ހަމަ ޔަގީން ކަމެއް އެއީ. ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އެހެނިހެން ސިޔާސީ ބޭފުޅުންނާ އަދީބާ އަޅާ ނުކިޔޭނެ. އޭނައަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް. ވަރަށް ނުރައްކާތެރި ކުށްވެރިއެއް،" އުމަރު ވިދާޅުވިއެވެ.

އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށާއި އޭނާކޮށްފައިވާ ކުށްތަކަށް ގާނޫނީގޮތުން ލިބެންޖެހޭ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ބަޔަކު އުޅެނީ އަދީބަކީ ކުށެއް ނެތް މީހެއް ކަމަށް ދައްކައި އޭނާ އަކީ "ހީރޯއަކަށް ހަދައިގެން" ކަމަށާއި ނަމަވެސް ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާ ކޮންމެ ބަހެއް ވެސް ބުނަމުން ގެންދަނީ ހައްގުގެ މަގުގައި ކަމަށާއި ހައްގުގެ މަގުގައި ބުނަންޖެހުނު ކޮންމެ ބަހެއް ބުނުމުގައި ދެމިހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް