ހަތަރު ދުވަހަށްފަހު ރ. އަލިފުށްޓަށް ކަރަންޓު ދީފިއެވެ.
އެ ރަށަށް ކަރަންޓު ދީފައިވަނީ އިއްޔެ އެރަށަށް ގެންދިޔަ 600 ކިލޯވޯޓުގެ ޖަނެރޭޓަރާއި ކުރިން އެރަށުގައި ބޭނުންކުރަމުން ދިޔަ 400 ކިލޯ ވޯޓުގެ ޖަނެރޭޓަރު ގުޅުމަށްފަހު މިއަދު ހެނދުނު 6:00 ކަންހާއިރު އެވެ.
އަލިފުށިން ކަރަންޓު ކަނޑައިގެން ދިޔައީ އެރަށުގައި މީގެ ކުރިން ބޭނުންކުރަމުން ދިޔަ 600 ކިލޯވޯޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރުގައި މައްސަލަ ދިމާވެގެންނެވެ. އެ ޖަނެރޭޓަރު މަރާމާތު ނުކުރެވިގެން އެރަށަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއްވެސް ގެންދިޔައެވެ. ނަމަވެސް އެ ޖަނެރޭޓަރުގެ ޕެނަލް ބޯޑު ސިންކްރޮނައިޒް ނުވުމުގެ ސަބަބުން ކަރަންޓު ފޯރުކޮށް ނުދެވެއެވެ.
ދެހާސް އަށް ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އަލިފުށީ ރައްޔިތުން މި ތިން ދުވަހު ނިދީ މަގުމަތީގައި ތަންމަތި އަޅައިގެންނެވެ. ތިން ދުވަހުގެ ދިގު އިންތިޒާރަކަށްފަހު މިއަދު އެރަށަށް ކަރަންޓު ލިބިފައިވާއިރު އަލަށް ގެނައި ޖަނެރޭޓަރު އިންޖީނުގެއާ ހަމައަށް ގެންދިޔައީވެސް ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ.
މަގުމަތީގައި ލަކުޑި އަޅައި، ހޮޅި މަތީގައި އިންޖީނު ދަމައި އިންޖީނުގެއާ ހަމައަށް ގެންދިޔައީ އެރަށު ރައްޔިތުންނެވެ. އެ ރަށު ކައުންސިލުން ބުނި ގޮތުގައި އެމަސައްކަތުގައި ރަށުގެ 500 އެއްހާ ފިރިހެނުން ވަނީ ހަރަކާތްތެރިވެފައެވެ.
އެރަށު ބޯޓު ޔާޑު ސަރަހައްދުން ފެށިގެން އިންޖީނުގެއާ ދެމެދު 3000 އެއްހާ ފޫޓު ހުރެއެވެ. އިއްޔެ މެންދުރު 2:00 އިން ފެށިގެން ކުރި މަސައްކަތުން އެ ޖަނެރޭޓަރު އިންޖީނުގެއާ ހަމައަށް ގެންދެވުނީ ރޭ 07:30 ހާއިރު އެވެ.