ރ. އަލިފުށީ އިންޖީނުގޭގައި ބޭނުން ކުރާ އިންޖީނެއްގައި މައްސަލަ ދިމާވެ އެރަށުން ކަރަންޓު ކަނޑައިގެން ދިޔައީ އަންގާރަ ދުވަހު އެވެ. ދެހާސް އަށް ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ކަރަންޓު ނެތްތާ މިރެއަށް ތިންރޭ ވާއިރު ރަށު ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ގިނަ ރައްޔިތުން ނިދަނީ މަގު މަތީގައެވެ.
އެ ރަށުގައި ބޭނުން ކުރަމުން އައީ 600 ކިލޯ ވޯޓުގެ ޖަނެރޭޓަކަރާއި 400 ކިލޯ ވޯޓުގެ ޖަނެރޭޓަކެވެ. އެ ދެ ޖަނެރޭޓަރުގެ ތެރެއިން މައްސަލަ ދިމާވީ 600 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރުގައެވެ. އެ ޖަނެރޭޓަރުގެ ރޭޑިއޭޓަރު މަރާމާތު ކުރުމަށްފަހު ކަރަންޓު ދިނުމުން ފަހުން އަނެއްކާ އޭގެ މޮޑިއުލް ބަދަލު ކުރަން ޖެހި ޖަނެރޭޓަރު ބޭނުން ނުކުރެވޭ ވަރު ވީ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ އަލިފުށީ ކަރަންޓު މައްސަލަ ވަރަށް "ކޮމްޕްލިކޭޑެޓް" ކަމަށެވެ. ނަމަވެސް އިއްޔެ އެރަށަށް 200 ކިލޯވޯޓުގެ ޖަނެރޭޓަރެއް ގެންގޮސް އެ ޖަނެރޭޓަރު އިންސްޓޯލްވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސްޓޯލް ކުރި ނަމަވެސް އެ ރަށަށް ކަރަންޓު ނުދެވި އޮތީ އެ ޖަނެރޭޓަރު ސިންކްރޮނައިޒް ނުވާތީ އެވެ. އޭގެ ސެޓިންގްސް ހަދައި އަދި ނުނިމެ އެވެ.
"ކުރިން އެރަށުގައި ހުރި 400 ކިލޯ ވޯޓުގެ ޖަނެރޭޓަރުން އެ ރަށުގެ 60 ޕަސެންޓަށް ކަރަންޓު ދޫކޮށްފަ ވަނީ މިހާރު. ޕެނަލް ބޯޑުގެ ސެޓިން ހެދުނުހާ އަވަހަކަށް ރަށަށް އެއްކޮށް ކަރަންޓު ދެވޭނެ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވި އިރު އެ ރަށު ކައުންސިލްގެ ނައިބް ރައީސް އަބްދުއްރަހުމާން ޔޫސުފް "ސަން" އަށް ވިދާޅުވި ގޮތުގައި އެއްގޮތަކަށްވެސް ރަށަށް ކަރަންޓު ނުލިބެއެވެ. ކަރަންޓު ނުލިބޭތާ މިރެއަށް ތިން ރޭ ހަމަވާއިރު މިރޭވެސް ކަރަންޓު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުދިވެރިންނާ އެކު ރައްޔިތުން އުޅެނީ މަގުމަތީގަ. މުޅިން މަގުމަތިވެފަ ރައްޔިތުން މިތިބީ. ވައިޖެހޭ ހިސާބުތަކަށް ގޮސް ކުދިވެރިން ނިންދަވާ ކަންކަން ކުރަނީ،" އަބްދުއްރަހުމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑައިގެން ދާތާ މިހާރު އަށް ވަރަކަށް މަސް ވެދާނެ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު އެ ރަށުގައި ބޭނުން ކުރަމުން އައި 600 ކިލޯވޯޓުގެ އިންޖީނުގައި މައްސަލަ ދިމާވި ފަހުން ރަށުން އެއްކޮށް ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ނެތިގެން، 2800 މީހުންގެ އާބާދީ އެއް އޮތް އެރަށަށް މިރޭ ކަރަންޓު ފޯރުކޮށްދެވޭތީ ފެނަކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޝަރީފް ވިދާޅުވީ އަލަށް ގެނެސްފައިވާ 200 ކިލޯވޯޓުގެ ޖަނެރޭޓަރު ސިންކްރޮނައިޒް ވުމާ އެކު ރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.