އަރަބި ދުނިޔެ ފިތުނައިގެ ވިލާގަނޑެއްގެ ދަށުގައި

އަރަބި ދުނިޔެ

ގަލްފުގެ ތިން ގައުމާއި ގަތަރާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ގަތަރު ސަރުކާރާ ވާހަކަ ދެއްކުމަށް އެމެރިކާއިން ސައޫދީ އަރަބިޔާއަށް އެމެރިކާ މިހާރު ވަނީ ގޮވާލާފައެވެ.

ކޮންގްރެސްގައި ބޭއްވި އަޑުއެހުމުގެ ޖަލްސާއެއްގައި އދ. ގައި ހުންނަވާ އެމެރިކާ ދާއިމީ މަންދޫބު އިންޑިޔާ ދަރިކޮޅުގެ ނިކީ ހީލީ ވިދާޅުވީ ގަލްފުގެ މައްސަލާގައި އެމެރިކާގެ ސިޔާސަތު ބިނާވެފައި ވަނީ މައްސަލައިގެ ދެ ފަރާތަށް ވެސް ފިއްތުންތައް ކުރިމަތިކޮށްގެން ހައްލަކާ ހަމައަށް ދިޔުމަށް ކަމުގައެވެ. އެ މައްސަލައިގެ ވަކިކޮޅަކަށް ޖެހިގެން ވަކިކޮޅަކަށް ކާމިޔާބު ލިބޭ ގޮތަށް މައްސަލަ ހައްލުކުރުމަށް ބާރުއެޅުމަކީ އެމެރިކާގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތް ނޫން ކަމަށް ހީލީ ވިދާޅުވިއެވެ.

މިއީ މިހާރު ކުރިމަތިވެފައިވާ ގަލްފުގެ މައްސަލާގައި އެމެރިކާ ގެންގުޅޭ ސިޔާސަތު ވަރަށްބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ވަނިކޮށް އެކަމަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިގެންދިޔަ ބަޔާނެކެވެ. ނަމަވެސް މި އޮޅުންބޮޅުންގަނޑު އަދިވެސް މުޅިން ސާފުވެފައެއް ނުވެއެވެ. ސަބަބަކީ އެމެރިކާ ސަރުކާރުގެ ބާރުގަދަ އެކިފަރާތްތަކުން އެކި ގޮތަށް މި މައްސަލާގައި ބަޔާންތައް ދެއްވަމުން ގެންދެވުމެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ގަތަރާ ދެކޮޅަށް ހަރުކަށި ބަޔާންތައް ދެއްވާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން އެއާ ދެކޮޅަށް ބަޔާންތައް ދެއްވުމެވެ.

އަނެއްކޮޅުން ގަތަރަކީ ޓެރަރިސްޓުންނަށް އެހީތެރިވާ ގައުމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއިރު އަނެއްކޮޅުން ޕެންޓަގަންއިން ގަތަރަށް 12 ބިލިޔަން ޑޮލަރުގެ ޒަމާނީ ހަތިޔާރު ވިއްކުމަށް ނިންމި ނިންމުމަކީ ވެސް މި މައްސަލާގައި އެމެރިކާގެ ސިޔާސަތު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ވާކަން ހާމަވެގެންދިޔަ ކަމެކެވެ.

ގަތަރާ ކުއްލިއަކަށް ގުޅުންތައް ކަނޑާލައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ޔުއޭއީ އާއި ސައޫދީ އިސްވެ އޮވެގެން އެޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފެހިއަލި ލިބިގެންކަމަށް ބެލެވެއެވެ. ސައޫދީ ފަދަ އެމެރިކާއަށް ބަރޯސާވާ ގައުމަކުން އެމެރިކާގެ ރުހުން ނުލިބި މިފަދަ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މި މައްސަލާގައި ސައޫދީ އާއި ޔުއޭއީ ހޯދީ ރައީސް ޓްރަމްޕާއި އޭނާގެ ދަނބިދަރި ކުޝްނާރ ގެ ރުހުން އެކަނިކަމަށްވެއެވެ. އެމެރިކާއަކީ ވަކިވަކި ފަރުދުންނަށްވުރެ މުއައްސަސާތަކާއި ޕްރައިވެޓް ބިޔަ ކުންފުނިތަކުގެ ބާރުގަދަ ގައުމަކަށްވާއިރު އެފަރާތްތަކުގެ ސަޕޯޓް ނެތި މިފަދަ ކަމެއް ރޭވުމުން ސައޫދީ އާއި ޔުއޭއީ އަށް މިކަން ކާމިޔާބުވާގޮތް ނުވީކަމަށް ވެދާނެއެވެ.

ގަތަރާ ދެކޮޅަށް ހިސާރުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ގަތަރުގެ ވެރިކަން ބަދަލުކުރުމުގެ ޕްލޭނެއް ސައޫދީ އާއި ޔުއޭއީ ގެންގުޅުނުކަން ވެސް މިހާރުވަނީ ފަޅާއަރާފައެވެ. އެމެރިކާގެ ބްލެކްވޯޓާ ކުންފުނީގެ އެހީ އާއި ޔޫއޭއީ ގެ ސިފައިންގެ އެހީއާއެކު ތަންފީޒު ކުރުމަށް ރޭވި މި ޕްލޭން ތަންފީޒު ކުރެވޭގޮތްނުވީވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތާއީދު މިކަމަށް ނުލިބުމާއި އެމެރިކާގެ ޚާރިޖީ ވުޒާރާ އާއި އެމެރިކާގެ ސަރުކާރުގައި ބާރުގަދަ ނުފޫޒެއް އޮންނަ ކުންފުނިތަކުގެ ތާއީދު ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަތަރުގެ ވެރިކަން ދޭން ސައޫދީ އާއި ޔޫއޭއީ ބޭނުންވަނީ ގަތަރުގައި މިހާރު ވެރިކަންކުރާ އާލްޘާނީގެ އާއިލާގެ އަނެއް ފަޅިއަށް ކަމަށް ވެއެވެ. އެއީ ސައޫދީ ގެ ތާއީދު ލިބިފައިވާ ފަޅިއެވެ. ގަތަރުގައި މިހާރު ވެރިކަންކުރާ އާލްޘާނީ އާއިލާގެ ހަމަދް ބިން ޚަލީފާގެ ފަޅިއަކީ ސައޫދީ އަށް ބޯނުލަނބާ އަދި ސައޫދީ ބޭނުންނުވާގޮތަށް ސައޫދީއާ ވަކިން މިނިވަން މުސްތަގިއްލު ސިޔާސަތެއް ގެންގުޅޭ އާއިލާއަކަށްވާތީ އެ އާއިލާ ގަތަރުގައި ވެރިކަންކުރާކަށް ސައޫދީ ބޭނުމެއް ނުވެއެވެ.

ސައޫދީ ދެކޭ ގޮތުގައި މުޅި ގަލްފުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމްވާނީ އެގައުމުގެ ބާރާއި ނުފޫޒު އޮވެގެންނެވެ. ދެން އޮންނަން ޖެހޭނީ އެމެރިކާގެ ބާރާއި ނުފޫޒެވެ. ޔަމަނާ ދެކޮޅަށް ހަނގުރާމަ ކުރަނީ ވެސް މިމަގްސަދުގައެވެ. ނަމަވެސް ސައޫދީ ގެ މިސިޔާސަތު ގަބޫލުކުރަނީ ގަލްފުގެ އެންމެ ކުޑަ ގައުމުކަމަށްވާ ބަހްރައިންނެވެ. އެއީ ސައޫދީގެ އެހީގައި ބަހްރައިންގެ ވިރާސީ ވެރިކަން ދިފާއު ކުރުމުގެ ބޭނުމުގައެވެ. ޚުދު ޔޫއޭއީ އަކީވެސް ސައޫދީ އާ ސިޔާސަތުތައް އެއްގޮތް ގައުމެއްނޫނެވެ.

ގަތަރުގެ މައްސަލާގައި މި ދެ ގައުމު އެއްގަލަކަށް އަރަނީ ގަތަރުން ޕްރޮމޯޓްކުރާ ލެބެރަލް އަދި ހުޅުވާލެވިފައިވާ ފިކުރަކީ އެދެގައުމުގެ ވިރާޘީ ރަސްކަމުގެ ނިޒާމުތަކާ ދެކޮޅަށް ތެދުވުމަށް އެދެގައުމުގެ އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ކަމަކަށްވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައިގައި ވެސް ޔޫއޭއީ އާއި ސައޫދީ ގެ ދެބަސްވުންތައް ވަނީ ވަރަށް ބޮޑަށް ފެނިފައެވެ.

ގަލްފުގެ ސަރަހައްދުގައި ސައޫދީންގެ ކޮންޓްރޯލް އޮތުމަށް ދެކޮޅު ހަދަނީ ހަމައެކަނި ގަތަރަކުންނޫނެވެ. ކުވައިތުން ވެސް އަޑިއަޑިން މިކަމަށް ދެކޮޅު ހަދައެވެ. އަދި އުމާންއަކީވެސް ސައޫދީގެ މިސިޔާސަތާ ދެކޮޅަށް ފާޅުގައި ބަޔާންތައް ނުދިންނަމަވެސް ސައޫދީގެ މިސިޔާސަތާ އިދިކޮޅު ގައުމެވެ. ސައޫދީގެ ސިޔާސަތާ އިދިކޮޅު ހަދާ ތިންގައުމު ކަމަށްވާ ގަތަރާއި ކުވައިތާ އަދި އުމާނުން އީރާނާވެސް ރަނގަނޅު ގުޅުންތަކެއް ގާއިމްކޮށްފައިވެއެވެ. ސައޫދީ އެދުމުގެ މަތިން މި ތިން ގައުމުން އީރާނާ ގުޅުންތައް ކަނޑާލާފައެއް ނުވެއެވެ.

ސަބަބަކީ އީރާނަކީ އިހުމާލު ކޮށްލެވޭ ވަރަށް ވުރެ ބާރާއި ނުފޫޒު ގަދަ ގައުމަކަށްވެފައި އީރާނަކީ އަސްކަރީ ސިނާއަތާއި ނިއުކްލިޔަރ ޓެކްނޮލޮޖީ އާއި އެ ނޫން ވެސް ސްޓްރެޓީޖިކް ކަންކަމުގައި ކުރިއަރާފައިވާ އަދި މުޅިން އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ސިޔާސަތެއް ގެންގުޅޭ ބިޔަ ގައުމަކަށްވާތީއެވެ. އީރާނަކީ ގަލްފުގެ ގައުމުތަކެކޭ އެއްވަރަށް ގުދްރަތީ ގޭހާއި ތެލުގެ މުއްސަނދިކަން ލިބިގެންވާ 80 މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދީ ބާރެކެވެ. އެހެންކަމުން އީރާނާ ކުރިމަތިލުމުގެ ބަދަލުގައި އެގައުމާ ގުޅުން ރަނގަނޅުކޮށްގެން މައްސަލަ ހައްލުކުރުން ބުއްދިވެރިކަމަށް ގަތަރާއި ކުވައިތާ އަދި އުމާނުން ދެކެއެވެ.

ގަތަރުގެ މައްސަލާގައި ވެސް ކުވައިތާ އަދި އުމާނުން ވަކިކޮޅަކަށް ފާޅުގައި ނުޖެހުނު ނަމަވެސް ނުސީދާ ގޮތެއްގައި އެ ދެ ގައުމުން ތާއީދު ކުރަނީ ގަތަރަށެވެ. ޚާއްސަކޮށް އެދެ ގައުމުގެ ރައްޔިތުންނެވެ. ސައޫދީ އާއި އީރާނާ ދެމެދުގައިވާ އަރާރުންތަކަކީވެސް އަމިއްލަ މަސްލަހަތާ ގުޅިފައިވާ އަރާރުންތަކެކެވެ. ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމާ ގުޅިފައިވާ އަރާރުމެކެވެ. އެއީ ސުންނީ ޝިޔައީ އަރާރުމެއް ނޫނެވެ. ސުންނީ ޝިޔައީ އަރާރުމެއްގެ ގޮތުގައި މިކަން ދައްކަނީ ޕްރޮޕަގެންޑާގެ ބޭނުމުގަ އެވެ. މި މައްސަލާގައި މަޛްހަބީ ކަންކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަނީ ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ އަމިއްލަ ބޭނުމުގައެވެ.

ސުންނީ ޝިޔައީ މަޛްހަބީ ޚިލާފްތަކަކީ މިހާރު ފެންމަތިވެފައިވާ ސައޫދީ އީރާނުގެ ސިޔާސީ އަރާރުންތަކަށްވުރެ މާ ގަދީމީ މައްސަލައެކެވެ. އެއީ އިސްލާމީ ދުނިޔޭގައި ވަރަށް ކުރީގައި އުފެދުނު ސިޔާސީ ފިތްނައެއްގެ ސަބަބުން ކުރިމަތިވި މަޛްހަބީ ޚިލާފެކެވެ.

ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމުގެ ސިޔާސަތު ކުރިން ވެސް ސައޫދީން ގެންގުޅެއެވެ. ސައޫދީ އަކީ ގަލްފުގެ އަރަބި ފަޅީގެ އެންމެ ބޮޑު ގައުމު ކަމަށްވާއިރު މިފަދަ ސިޔާސަތެއް ގެންގުޅުމަކީ ޖިއޮޕޮލިޓިކްސްގެ ގޮތުން ބަލާއިރު އެފަދަ ގައުމުތަކުން ގެންގުޅެފާނެ ސިޔާސަތެކެވެ. އީރާންވެސް މިސަޔާސަތު ގެންގުޅެއެވެ. އަދި ތުރުކީވެސް މިސިޔާސަތު ގެންގުޅެއެވެ.

ނަމަވެސް ސައޫދީގައި ކުރިން ވެރިކަން ކުރެއްވި ރަސްރަސްކަލުން އެސިޔާސަތު ގެންގުޅުއްވީ ވަރަށް ހިކްމަތްތެރިކަމާއެކުގައެވެ. އީރާނާއެކުވެސް އާދައިގެ ގުޅުންތަކެއް ބާއްވައިގެން ސީދާ ގޮތެއްގައި އީރާނާ ދުޝްމަން ނުވެއެވެ. ސައޫދީ ގެ ކުރީގެ ރަސްރަސްކަލުން ގެންގުޅުނު މި ސިޔާސަތު ބަދަލުވީ ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައެވެ. އަދުގެ މަސްރަހަށް ބަލާއިރު އަރަބި ބޮޑެތި ގައުމުތަކާއި ސައޫދީ އާ ދެމެދުވަނީ ގުޅުންތައް ގޯސްވެފައެވެ. އަރަބި ބޮޑެތި އަދި ބާރުހުރި ގައުމުތަކަށް ބަލާއިރު އިރާގާއި ސައޫދީ ގެ ގުޅުންތައްވަނީ ގޯސްވެފައެވެ.

އިރާގަކީ އީރާނުގެ ކޮންޓްރޯލް ހިނގާ ގައުމެކެވެ. ސޫރިޔާ އާއި ސައޫދީ ވަނީ ހަނގުރާމައިގެ ހާލަތުގައެވެ. އެއީ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ސައޫދީން ހަތިޔާރު ފޯރުކޮށްދޭތީއެވެ. ސޫރިޔާ ސަރުކާރަކީ އީރާނުގެ ގޮނޑިކޮއްކޮއެއްފަދަ ސަރުކާރެކެވެ. މިސްރާއި ސައޫދީގެ ގުޅުންތައް ވެސް އެކި ފަހަރު އޮންނަނީ އެކިގޮތަށެވެ. ހަމަޖެހޭ ގުޅުންތަކެއްނެތެވެ. ބައިބައިވެފައިވާ ލީބިޔާއަށް ބަލާއިރު ލިބިޔާގެ ވާދަވެރި ތިން ސަރުކާރުގެ ތެރެއިން ސައޫދީން ނަށް ތާއީދު ކުރަނީ ހަމައެކަނި ޚަލީފާ ހަފްތަރުގެ ފަޅިއެވެ. ތޫނިސްއަށް ބަލާއިރު އެ ގަމަކީ ވެސް ސައޫދީ އާ މާ ގާތްގުޅުންތަކެއް އޮންނަ ގައުމެއްނޫނެވެ.

55 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަލްޖަޒާއިރަކީ ވެސް ސައޫދީ އާ ގުޅުންތައް ރަނގަނޅު ގައުމެއް ނޫނެވެ. 50 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މަޣްރިބް ނުވަތަ މޮރޮކޯއަކީ ސައޫދީ އާ ގާތްގުޅުންތަކެއް ކުރިން އޮތް ގައުމެއް ނަމަވެސް ގަތަރުގެ މައްސަލާގައި މަޣްރިބް ވަނީ ވަކިކޮޅަކަށް ޖެހުމަށް ދެކޮޅު ހަދާފައެވެ. މިކަމުގެ ސަބަބުން ސައޫދީ ވަނީ ހިތްހަމަނުޖެހިފަ އެވެ.

އަރަބި ނޫން ސަރަހައްދީ ބާރުތަކަށް ބަލާއިރު ސައޫދީ ވަނީ އީރާނާ ހަނގުރާމައިގެ ހާލަތުގައެވެ. ދުޝްމަންކަން އެހާވެސް ބޮޑެވެ. އަނެއްކޮޅުން ސައޫދީ އާއި ތުރުކީގެ ގުޅުންތައް ރަނގަނޅެއް ނޫނެވެ. ދެ ގައުމުގެ ދެމެދުގައި އިތުބާރެއް ނެތެވެ. ގަތަރުގައިވާ ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރަން ސައޫދީ އާއި ޔޫއޭއީ އެދުމަކީ ސައޫދީ ތުރުކީއަށް އިތުބާރު ނުކުރާކަން ސާފުވާ ކަމެކެވެ. ދެން އޮތީ ޕާކިސްތާނެވެ. ޔަމަންގެ ހަނގުރާމައަށް ވަނުމަށް ޕާކިސްތާން ދެކޮޅު ހެދުމަށްފަހު ޕާކިސްތާނާއި ސައޫދީގެ ގުޅުންތަކުގައި ވަނީ އިތުބާރު ގެއްލިފައެވެ. ގަތަރުގެ މައްސަލާގައިވެސް ޕާކިސްތާނު ގެ ސިޔާސަތަކީ ވަކިކޮޅަކަށް ނުޖެހުމުގެ ސިޔާސަތެކެވެ.

އެހެންކަމުން ސައޫދީގެ މައިގަނޑު ބައިވެރިއަކަށް އޮތީ ހަމައެކަނި އެމެރިކާއެވެ. ޔޫރަޕުން ގެންގުޅެނީ ގަތަރާއި ސައޫދީ އާ އެއްވަރަކަށް ގުޅުންތައް ގެންގުޅުމުގެ ސިޔާސަތެކެވެ. އަދި އެމެރިކާއާ ޚިލާފަށް އީރާނާ ގާތްވުމުގެ ސިޔާސަތެކެވެ.

އެމެރިކާއަކީ ފައިސާ އާއި މަސްލަހަތާއި އިސްރާއީލުގެ ދިފާއުގައި އަރަބިންނާއި މުސްލިމުން ހަލާކު ކުރުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް މަޝްހޫރު ގައުމަކަށްވާތީ އިތުބާރު ކުރެވޭފަދަ ހަގީގީ ބައިވެރިއަކަށް އެމެރިކާއަށް ވެވިދާނެތޯ މިއީ އުފެދިފައިވާ ސުވާލެކެވެ.

އަނެއްކޮޅުން ތެލުގެ އަގު ދަށަށް ދިޔުމާއި ޔަމަންގެ ހަނގުރާމަ ކާމިޔާބު ނުކުރެވި ދިގުލައިގެން ދިޔުމާއި އީރާނާއި ގުޅުންތައް ގޯސްވުމާއި ސޫރިޔާގެ ހަނގުރާމައަށް ޚަރަދު ކުރަންޖެހުމަކީ ސައޫދީ ބަޖެޓަށް އަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެކެވެ. މިހުރިހާ ކަމެއް މިހެން އޮތްއިރު އަރބި ދުނިޔޭގައި ހިނގަމުންދާ ހުރިހާ އަރާރުންތަކަކީ ބޮޑު ފިތުނައެއް ކަމަށް ގިނަ މުފައްކިރުން ދެކެއެވެ. މި ފިތނަ ތަކުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އަރަބި އިސްލާމީ ދުނިޔެއަށެވެ. ހަނާވެ ފަނާވަމުންދަނީ އަރަބި އިސްލާމީ ރައްޔިތުންނެވެ. ސޫރިޔާއާއި އިރާގު ވަނީ ފަނާވެފައެވެ. ލީބިޔާ އާއި ޔަމަންވަނީ ހަލާކުވެފައެވެ. ގަލްފުގައި މިވަނީ ހަގީގީ މައްސަލަ އަކަށްވުރެ ބޮޑަށް ފިތުނައެއް ކަމަށް ވަނީ ބެލެވިފައެވެ. ފިތުނައަކީ ތަނެއް ހަލާކުވުމުގެ ފެށުމެވެ. ހުރިހާ ފައިދާއެއް ޔަހޫދީ އިސްރާއީލަށެވެ.

comment ކޮމެންޓް