އުމުރުން ދުވަސް ވިޔަސް، ފިލްމީ ދާއިރާ އިން މުސްކުޅިއެއް ނުވޭ: ޝާހު

އޭނާ އަކީ މިހާރު މުސްކުޅި ވަމުން އަންނަ މީހެއް ކަމަށާއި، އުމުރުން ކިތަންމެ ދުވަހެއްވީ ނަމަވެސް، އެކްޓު ކުރުމުން ރިޓަޔާ ނުވާނެ ކަމަށް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ބުނެފި އެވެ.

އުމުރުން މިހާރު 51 އަހަރުގެ ޝާހު ބުނީ ބެލުންތެރިންނަކީ އޭނާގެ އާއިލާގެ ހިއްސާއެއް ކަމަށާއި، އުމުރު ހުސްވަންދެން ވެސް އެކްޓު ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮންނަ ކަމަށެވެ.

"އަހަރެން ގަބޫލު ކުރަނީ ކުރާ މަސައްކަތަކީ މީހާގެ ދިރިއުޅުން ކަމަށް. އެހެންވީމާ ދުވަހަކު ވެސް އެކްޓު ކުރުމުން ރިޓަޔާ ވެވޭނެ ހެން ހިޔެއް ނުވެ،" ޝާހު ބުންޏެވެ.

ޝާހު ބުނީ މުސްތަގުބަލުގައި އޭނާ އަށް ނާކާމިޔާބާއި ކުރިމަތިލާން ވެސް ޖެހިދާނެ ކަމަށާއި، ނަމަވެސް ރިޓަޔާ ނުވާނެ ކަމަށެވެ.

އަބަދު ވެސް އެއް ކަހަލަ ރޯލުތަކެއް ކުޅޭކަމަށް ބުނެ ގިނަބަޔަކު ފާޑު ކިޔާ ނަމަވެސް، އެކްޓަރެއްގެ ގޮތުގައި މިވީ 25 އަހަރު އޭނާގެ ހުނަރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް ޝާހު ގަބޫލު ކުރެ އެވެ.

comment ކޮމެންޓް