ރ. އަލިފުށީ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރެއްގައި މައްސަލަ ދިމާވެ ކަރަންޓް ކަނޑައިގެން ގޮސްފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އިބްރާހިމް ޒަހީން ވިދާޅުވީ މިއަދު ހެނދުނު 10:30 އިން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދިޔަ ކަމަށާއި އިރު އޮއްސުނު ވަގުތު 45 ވަރަކަށް މިނެޓަށް ކަރަންޓު ލިބުނު ނަމަވެސް އެފަހުން އަދިވެސް ކަރަންޓު ނުލިބޭ ކަމަށެވެ.
ދެހާސް އަށް ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ބޭނުން ކުރަމުން އަންނަނީ 600 ކިލޯ ވޯޓުގެ ޖަނެރޭޓަރަކާއި 400 ކިލޯ ވޯޓުގެ ޖަނެރޭޓަރެކެވެ.
އަލިފުށީ ފެނަކާ ސްޓޭޝަނާ ހަވާލާދީ ޒަހީން ވިދާޅުވި ގޮތުގައި މިރޭ އެރަށަށް ކަރަންޓު ފޯރުކޮށް ނުދެވޭނެ އެވެ. އަދި ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ އެރަށުގައި ބޭނުން ކުރާ ދެ ޖަނެރޭޓަރުގެ ތެރެއިން 400 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރުގައި މައްސަލަ ދިމާވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ސަތޭކަ ކިލޯވޯޓުގެ ޖަނެރޭޓަރުގައި މައްސަލަ ދިމާވުމާ ގުޅިގެން ދެން ހުރި 600 ކިލޯ ވޯޓުގެ ޖަނެރޭޓަރުން އެކަނި މުޅި ރަށަށް ކަރަންޓު ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޖަނެރޭޓަރުގައި އެވަރުގެ ކެޕޭސިޓީއެއް ނެތް. ނުހިފެހެއްޓެނީ،" ޒަހީން ވިދާޅުވި އެވެ.
ކަރަންޓު ކަނޑައިގެން ގޮސް ރަށު ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުމުން އެރަށު ރައްޔިތުން މިހާރު ދަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުންނެވެ.
އަލިފުށީގެ އިތުރުން ގދ. ނަޑެއްލާގައި ވެސް މިއަދު މެންދުރު ފަހުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ.