ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ

ފެނަކައިން ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް--- ފޮޓޯ/ ފެނަކަ

ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) މަޝްރޫޢުގެ ދަށުން ރ. އަތޮޅާއި ބ. އަތޮޅުގައި ގާއިމުކުރެވުނު ސޯލާ ޕީވީ އަދި ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކުގެ ސަބަބުން، ކޮންމެ އަހަރަކުވެސް 3.13 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ތިމާވެއްޓަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަން ހާމަކުރަމުން ފެނަކައިން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވުނު އައު ނިޒާމުތަކާއެކު ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

މިއީ ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

ފެނަކައިން ބުނީ ތިމާވެށީގެ ރައްކާތެރިކަމަށް ބަލާއިރު، މި ނިޒާމުތަކުގެ ސަބަބުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރުން އަހަރަކު 8,400 ޓަނު މަދުކުރެވިގެންދާނެ ކަމަށެވެ.

އަދި މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެޅިފައިވާ ވަރަށް ބޮޑު ބާރެއްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރ. އަތޮޅާއި ބ. އަތޮޅުގައި ގާއިމުކުރެވުނު ސޯލާ ޕީވީ އަދި ބެޓަރީ ސްޓޯރޭޖް ސިސްޓަމްތުގެ ތެރެއިން..... ފޮޓޯ/ ފެނަކަ

މި މަޝްރޫޢަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށީގެ ރައްކާތެރިކަމަށް އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ހަކަތައިގެ ނިޒާމު އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް