ވާހަކަ: ރާއްޖޭގެ ފުރަމަތަ އާރް އެން ބީ ފްރީސްޓައިލް ރެޕް އަލްބަމް

ޙައްސާނު އަލީ (ބާސް) އަދި ޢަހްމަދު ޒިފާން (ޒިއްޕެ) --- ފޮޓޯ: ބާސް

ޅ. ނައިފަރަށް އުފަން އެރަށު ހަވީރީހިޔާ ޙައްސާނު އަލީ (ބާސް) އާއި ސަނޯރާގޭ ޢަހްމަދު ޒިފާން (ޒިއްޕެ) އަކީ ލަވައާއި މިއުޒިކުގެ އިންޑަސްޓްރީގައި ރާއްޖޭގެ އެންމެނަށް ނޭނގޭ ނަންތަކަކަށް ވެދާނެ އެވެ. ނަމަވެސް "ވާހަކަ"އިގެ ސަބަބުން ފަހަރުގައި މިދެ ފަންނުވެރީންގެ ނަން މުޅި ރާއްޖެއަށް ގުގުމާލަފާނެ އެވެ.

ބާސް އަދި ޒިއްޕެ މިވަނީ ދިވެހި ރާއްޖޭގެ ފުރަތަމަ އާރް އެން ބީ ފްރީސްޓައިލް ރެޕް ލަވަތަކެއް ހިމަނައިގެން ނެރޭ ފުރަތަމަ އަލްބަމް ނެރުމައް ތައްޔާރުވެފަ އެވެ.

ނަމަވެސް މި އަލްބަމަކީ އާދައިގެ އަލްބަމެއް ނޫނެވެ. އަދި މިއީ ލޯބީގެ ލަވަތައް ހިމަނައިގެން ނެރޭ އަލްބަމެއްވެސް ނޫނެވެ. މިއީ ދިވެހިރާއްޖެއާ ގުޅުންހުރި ރާއްޖޭގެ އިޖްތިމާއީ އެތައް ގިނަގުނަ އަދި މުހިންމު ކަންތައްތަކެއްގެ މައްޗަށް ނަޒަރު ހިންގާލައި އަދި މި މައްސަލަތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް އިބްރަތްތެރި މެސެޖުތަކެއް ލިބިދޭނެ އަލްބަމެކެވެ.

"ވާހަކަ" އަލްބަމުގެ ކަވާ ޕޯސްޓަރު --- ފޮޓޯ: ބާސް

މިފަދަ މުހިންމު އަލްބަމެއް ހެދުމަށް ހިޔާލު ލިބުނީ ކިހިނެތްތޯ ސުވާލުކުރުމުން ބާސް ބުނީ، ދިވެހި މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަދި ފާހަގަ ކުރެވޭ އެކިއެކި މައްސަލަތަކަކީ އޭނާ އަބަދުވެސް ވިސްނާ ކަންތައްތައް ކަމާ އަދި އެފަދަ ކަންކަން އިސްލާހު ކުރުމަށް އަދި ނަސޭހަތްތެރިވެ ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުން އެއީ އޭނާ އަބަދުވެސް އެންމެ އިސްކަމެއްދޭ ކަމެއް ކަމުގަ އެވެ.

މިއަލްބަމުގައި އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި، ކުޑަކުދިންނަށް އަޅާލުން އަދި ނުކުޅުދެންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުން ފަދަ ކަންކަމަށް އަލިއަޅުވާލާފައިވާނެ ކަމަށާއި އަދި މީގެ އިތުރުން ކުޅިވަރު، މަސްވެރިކަން، ފިޒީ ޑްރިންކްސް އާއި ދިވެހިން އަދިވެސް މިފަދަ ކަންކަމާ ބެހޭ ގޮތުން ވާހަކަތަކެއް ލަވައިގެ ޒަރީއާއިން ކިޔައިދާފައިވާ ވާނެ ކަމަށް ވެސް ބާސް ބުންޏެވެ.

"ވާހަކަ" މިއަލްބަމުގައި އަމިއްލަ ރާގުގެ 12 ލަވައިގެ އިތުރުން ބޯނަސް ތިން ލަވައާ އެކު ޖުމުލަ 15 ލަވަ ހިމެނޭ އިރު މީގެ ތެރެއިން ބޯނަސް ތިން ލަވައަކީ ކުރީގެ ލަވަތަކެއްގެ ފަހުގެ "ރެންޑިޝަން" އެވެ. އަލްބަމުގެ ޅެންތައް ތައްޔާރުކޮށް މިއުޒިކް ތައްޔާރުކޮށްފައި ވަނީ ބާސް އާއި ޒިއްޕެ އެވެ. އަދި މީގެ އިތުރުން މިއަލްބަމުގެ އެއްލަވައަކީ ޑީޖޭ ކައްޗޭ ތައްޔާރުކޮށްދީފައިވާ މިއުޒިކަކަށް ކިޔާފައިވާ ލަވައެއް ކަމަށް ބާސް ބުންޏެވެ.

ނައިފަރަށް އުފަން މިކުޅަދާނަ ދެ ފަންނުވެރިންގެ "ވާހަކަ" އަލްބަމް ތައްޔާރުކުރުމުގައި ޒުވާނުންނާއި އަދިވެސް އެހެނިހެން ފަންނުވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ އެވެ. އަދި މީގެ އިތުރުން މި ދެފަންނާނުންގެ މި ތަފާތު އަލްބަމަށް މާލީގޮތުން ވެދެއްވި އެހީތެރިކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޢަހްމަދު ޝިޔާމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ބާސް ބުންޏެވެ.

މިއަލްބަމް ރިލީޒް ކުރެވޭނީ އަންނަ ޖުލައި މަހުގެ 14ގައި ޅ. ނައިފަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ "ޓާޓަލް ފެސްޓިވަލް"ގަ އެވެ. އަދި މިއަލްބަމް ރިލީޒް ކުރާ ރޭ މިއަލްބަމުގެ 200 ސީޑީ އެ ފެސްޓިވަލުގެ ތެރޭގައި ބެހުމަށްވަނީ ހަމަޖެހިފަ އެވެ.

ބާސް ބުނީ މިފަދަ މުހިންމު މައުލޫތަކަކަށް އަލިއަޅުވާލައި ރައްޔިތުންނަށް ފޯރުކޮށްދޭ މުހިންމު މެސެޖުތަކެއް ހިމެނޭ އަލްބަމެއް ވިޔަފާރީގެ އުސޫލުން ވިއްކުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި "ރައްޔިތުންނަށް ދޭން ޖެހޭ މެސެޖެއް ރައްޔިތުންނަށް އިވޭނީ އެމީހުންނާ ހަމައަށް މިއަލްބަމު ފޯރުކޮށްދިނުމުން" ކަމަށެވެ. މިގޮތުން މިއަލްބަމް ނައިފަރުގެ އެންމެހާ ރައްޔިތުންނަށް ހިލޭ ބެހުމަށް ހަމަޖެހިފައިވާ އިރު މާލެއާއި މުޅި ރާއްޖެއަށް ވެސް "ވާހަކަ" މި އަލްބަމް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ފޯނުން ދިން އިންޓަވިއުއެއްގައި ބާސް ބުންޏެވެ.

comment ކޮމެންޓް