ޑިންގީއެއްގައި ފަޅު ރަށަކަށް ދިޔަ ބަޔަކު ފަސް ފޫޓުގެ ކިނބުލެއް ހިފައި، ސިފައިންނާ ހަވާލުކޮށްފި

ޑިންގީއެއްގައި ދިޔަ ބަޔަކު ކިނބުލެއް ހިފައިފައި -- ފޮޓޯ/ ޒަކަރިއްޔާ ރިމްޒާން، ފޭސްބުކް

ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ޑިންގީއެއްގައި ދިޔަ ބަޔަކަށް ފަސް ފޫޓުގެ ކިނބުލެއް ފެނިގެން އެ ހިފައިފިއެވެ. ހެނދުނުގެ ވަގުތެއްގައި މި ކިނބޫ ފެނުމާއެކު އެ މީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގޮސްފައެވެ. އަދި ނައިފަރު ފުލުހުން މެދުވެރިކޮށް މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގުމުން، ސިފައިން ވަނީ ނައިފަރަށް ގޮސް އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ. ރާއްޖެއަކީ އާންމުކޮށް ކިނބޫ އުޅޭ ގައުމަކަށް ނުވިޔަސް، ބައެއް މޫސުމްތަކުގައި މިފަދައިން ކިނބޫ ފެނެއެވެ.

  • ޅ. ދިއްދޫން ފަސް ފޫޓުގެ ކިނބުލެއް ފެނުން
  • އާންމުންގެ ބަޔަކު އެ ކިނބޫ ހިފައިގެން ނައިފަރަށް ގެންދިޔުން
  • ފުލުހުން މެދުވެރިކޮށް ސިފައިންނަށް މައުލޫމާތު އެންގުން
  • ސިފައިން އެ ކިނބޫ މާފިލާފުއްޓަށް ގެންދިޔުން
  • މިއީ އާންމު ކަމަކަށް ނުވިޔަސް ބައެއް ފަހަރު ދިމާވާ ކަމެއްކަން

ޅ. އަތޮޅުގެ ފަޅު ރަށަކަށް ދިޔަ ބަޔަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ. އެއީ ދިގު މިނުގައި ފަސް ފޫޓު ހުރި ކިނބުލެއް ކަމަށް ސިފައިން މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކިނބޫ ފެނުމުން އެ މީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންގޮސްފައެވެ.

ދިއްދޫން ފެނުނު ކިނބޫ: އެ ކިނބޫ ވަނީ ނައިފަރަށް ގެންގޮސްފައި -- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން 10:51 ހާއިރު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބާކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ރާއްޖޭން ކިނބޫ ފެނިފައި އެބަހުއްޓެވެ.

comment ކޮމެންޓް