"މެޑަމް ކަޕް"ގެ ނަމުގައި ކޮލަމާފުށީގައި 50،000 ރުފިޔާގެ ފުޓްސަލް މުބާރާތެއް ފަށައިފި

މެޑަމް ކަޕް 2017 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ކޮލަމާ

ފިތުރު އީދާ ގުޅުވައިގެން، "މެޑަމް ކަޕް 2017"ގެ ނަމުގައި ގއ. ކޮލަމާފުށިގައި ފުޓްސަލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ގއ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ 50،000 ރުފިޔާގެ މުބާރާތެއް ކަމަށް، މުބާރާތް އިންތިޒާމްކުރާ ކޮލަމާ ޖަމިއްޔާއިން ބުނެއެވެ.

"މިއީ މެޑަމް ފާތުން ކޮލަމާފުށީގެ ޒުވާނުންނަށްޓަކައި ބާއްވައިދޭ މުބާރާތެއް،" މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އަހްމަދު ނަރީޝް ސަން ސްޕޯޓްސްއަށް ބުންޏެވެ.

"ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ދެ ކުޅުންތެރީންނަށް ބައިވެރި ވެވޭއިރު، ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރީން މި މުބާރާތުން ފެނިގެން ދާނެ."

ޖުމުލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގެ މެޗުތައް އީދުގެ ފުރަތަމަ ދުވަހުގެ ރޭ ފަށާފައި ވާއިރު، މެޑަމް ކަޕް ރަސްމީކޮށް ފައްޓަވައިދެއްވީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދިލްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ، އެފްސީ ކޮމިޓީއާއި އެފްސީ ޓޮކްސީއެވެ. 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ކޮމިޓީއެވެ.

މުބާރާތުގައި މިއަދު ހަވީރު މެޗެއް އަދި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ އެއްވަނަ ދުވައެވެ.

މެޑަމް ކަޕް 2017ގައި ވާދަކުރާ ޓީމުތައް:

  • އެފްސީ ޔަގީން
  • އެފްސީ ކޮމިޓީ
  • އެފްސީ ޓޮކްސީ
  • އެފްސީ ބަރާސީލް
  • ކޮލަމާފުށި ޕޮލިސް
  • އެފްސީ އެރީ ކެޓީ ފޭބީ
  • އެފްސީ މީޑިއާ ނެޓް
  • އެފްސީ ވާގަލި
comment ކޮމެންޓް