ބަލޮޓެލީ ނީސްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

މާރިއޯ ބަލޮޓެލީ ވަނީ ނީސްއާއެކު އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ނީސްއަށް ކުޅެމުން އަންނަ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އެ ކްލަބާއެކު ހާދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އޭސީ މިލާނުން 16 މިލިއަން ޕައުންޑުގެ ފީއަކަށް ލިވަޕޫލަށް ބަދަލުވިތާ ދެ އަހަރު ފަހުން، ފްރީ ޓްރާންސްފަރއެއްގައި 2016 ވަނަ އަހަރު ނީސްއާ ގުޅުނު، މިހާރު އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ އެ ކްލަބުގައި އިތުރު އެއް އަހަރުދުވަހު މަޑުކުރުމަށް އެއްބަސްވެފައެވެ.

މިދިޔަ ސީޒަންގެ ފްރެންޗް ލީގު ތިން ވަނަ ހޯދައި، ޗެމްޕިއަންސް ލީގު ކޮލިފައިން ބުރުން އެ ކްލަބަށް ޖާގައެއް ލިބިފައިވާއިރު، ބަލޮޓެލީ ވަނީ އެ ޓީމަށް 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކުރިން މެންޗެސްޓަރ ސިޓީންވެ ސްފެނިގެން ދިޔަ ފޯވާޑް ވަނީ، އިޓަލީ ގައުމީ ޓީމަށް 33 މެޗު ކުޅެ، 13 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ އިޓަލީގެ ގައުމީ ޓީމުން ފެނިގެން ގޮސްފައެއް ނުވެއެވެ.

comment ކޮމެންޓް