އުންމީދަކީ އެމްޑީޕީ އެދޭ ކެންޑިޑޭޓެއް ވެރިކަމަށް ގެނައުން: ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަންފައިލް ފޮޓޯ

އެމްޑީޕީގެ މެމްބަރުންގެ އުންމީދަކީ އެ ޕާޓީން އެދޭ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް 12 އަހަރު ފުރުމުގެ މުނާއްސަބަތުގައި ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ދިވެހިން ތިބީ މުޅިން އާ ފަތިހަކަށް އަލި ވިލޭނޭ ކަމުގެ އުންމީދުގައި ކަމަށެވެ.

އަދި އެމްޑީޕީން އެދޭ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާނެ ކަމުގެ އުންމީދުގައި ޕާޓީގެ މެމްބަރުން ތިބި ކަމަށް ނަޝީދުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޕާޓީގެ މެމްބަރުން ތިބީ ދިވެހިންނަށް ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ކަމުގެ އުންމީދުގައި. ދިވެހި ރާއްޖޭގެ ޑިމޮކްރެސީ އަލުން އަނބުރާ ގެނައުމުގެ ވަރުގަދަ މަސައްކަތުގައި،" ރައީސް ނަޝީދުގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީ މިހާރު މަސައްކަތް ކުރަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖެއަށް ޑމޮކްރަސީ ގެނަައުމަށް ކަމަށް ރައީށް ނަޝީދުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި މިނިވަންކަމާ އެކު ރާއްޖޭގެ ޖައްވުގައި އެ މަސައްކަތުގައި ބައިވެރިވާން އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ތެރޭން އިދިކޮޅު ފަރާތްތަކަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިންގެ ހިމާޔަތުގަ އެވެ.

comment ކޮމެންޓް