ފިތުރު އީދުގެ އުފާ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އިސްނަގައިގެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ހިންގާ " ސަގާފީ އީދު" ހަރަކާތްތަކެއް މިއަދު ހަވީރު ރަސްފަންނުން ފެށިގެން މާލޭގެ މަގުތަކުގައި ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޔޫތު މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިއަދު 4:15 ގައި ހަރަކާތްތައް ފެށިގެން ދާނީ ރަސްފަންނުން ކަމަށެވެ. އަދި ރަސްފަންނުގައި ހަރަކާތްތައް ދައްކާލުމަަށް ފަހު މަޖީދީ މަގުން ގޮސް އޮލިމްޕަސް ކައިރީގައިވެސް ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.

މިއަދު ހަވީރުގެ ހަރަކާތްތައް
- ކޯޑި ނެރުން
- ބޮޑުމަސް ދުއްވުން
- ދަނޑިޖެހުން
- ބޮޑުބެރު
- ކުޑަކުދިންގެ ޑާންސް
- މާލި ނެރުން
- ކުޑަކުދިންނަށް ހަދިޔާ ބެހުން
ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ދަނޑިޖެހުމުގެ ފަރި ހަރަކާތައް ދައްކާލާނީ ކެލާ ދަނޑި ގުރޫޕަކުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ފަތްމިނި ބޮޑުބެރު ގުރޫޕާއި 143 ބޮޑުބެރު ގުރޫޕުގެ ހަރަކާތްތައް ފެނިގެން ދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީގައި ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އެގޮތުން ލިޓަސް، އެސްޓީއޯ، ޕޮލިސް ކްލަބް، ތިލަފުށި ކޯޕަރޭޝަން، އެމްއޭސީއެލް، އެމްޕީއެލް، ހޯޕްފޯ ވިމެން، އަދި ރެޑްވޭވްގެ އެހީތެރިކަމަށް ޔޫތު މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.