ރޯދައިގެ ހަގީގީ ފައިދާ ކުރާނީ ހެޔޮ އަމަލުތައް ކުރުން މަތީ ދެމި ތިބެގެން: އީދު ހުތުބާ

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ކުރާނީ ރަމަޟާން މަސް ނިމުމަށް ފަހުވެސް ހެޔޮ އަމަލުތައް ކުރުން މަތީ ދެމި ތިބެގެން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

އީދު ނަމާދު ކުރުމަށް ސްޓޭޑިއަމް ސަރަހައްދަށް ޖަމާވި އެތައް ސަތޭކަ ބައެއްގެ ހާޒިރުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ ހަގީގީ އީމާން ކަމާއި ބާއްޖަވެރިކަން އިހުސާސް ކުރެވޭނީ ނަފުސުގެ ނުބައި ކަމާއި ބޮޑާކަންފަދަ އަމަލުތަކުން ދުރުވެ ތިބެގެން ކަމަށެވެ.

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު

ހުތުބާގައި ޒުވާނުންނަށް ނަސޭހަތްތެރިވެފައި ވަނީ ރަމަޟާން މަހު ނަމާދަށް ފަރުވާތެރިވީ ފަދައިން އާންމު މަސް މަހުގައިވެސް ނަމާދަށް ފަރުވާތެރި ވުމަށެވެ. އަދި ފާހިޝް ކަމާއި ހަޑި ހުތުރު އަމަލުތަކުން އެއްކިބާވުމަށް އީދު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމީ އުންމަތުގެ އެންމެ މުހިންމު ބަޔަކީ ކަނބަލުންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދަރިންނަށް ރަނގަޅު ތައުލީބުދީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ކަނބަލުން މަސައްކަތް ކުރުމަށެވެ.

އަނބީނަށް ހެޔޮކޮށް ހިތައި އޯގާތެރިވުމަށް ފިރިހެނުންނަށް ވަނީ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައެވެ. އަދި ބުނެފައި ވަނީ "އަބީންނަކީ ތިޔަބައިމީހުންނާ ހަވާލުކުރެވިފައިވާ އަމާނާތެއް" ކަމަށެެވެ.

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު

އޭގެ އިތުރުން ހެޔޮބަސް ބުނުމާއި މައިންބަފައިންނަށް ކަމޭ ހިތުމާއި ވެރީންނަށް ކިޔަމަންގަތުމަށް ވެސް އީދު ހުތުބާގައި އިރުޝާދު ދެއްވާފައިވެ އެވެ.

ފިތުރު އީދުގެ އުފާ ފާހަގަކުރަމުންދާ އިރު ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންވެސް ތިބިކަން ހަނދާން ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިފަދަ އީދު ދުވަހެއްގައި އެބައިމީހުން އުޅޭ ދަތި ހާލު ދެނެގަނެ އެމީހުންނަށް ހެޔޮދުއާ ކުރުމަށް ނަސޭހަތްތެރިވިއެވެ.

އީދުގެ ފަހުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މާތް ކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނެފައިވަނީ ހަ ރޯދަ ހިފާ މީހަކަށް މުޅި އަހަރު ދުވަހު ރޯދަހިފުން ފަދަ ކަމަށެވެ.

comment ކޮމެންޓް